ހަބަރު

އީދަށް ވިންޓާ ޕާކް ހުޅުވަން އެންމެހާ ތައްޔާރީތަށް ދަނީ ވަމުން: މުއިއްޒު

Jun 11, 2018
4

ފިނި މޫސުން ތަޖުރިބާ ކުރެވޭ ގޮތަށް ރަސްރަނި ބަގީޗާގައް ހަދަމުން އަންނަ ވިންޓާ ބިލްޑިންގެ މަސައްކަތް އަންނަ ފިތުރު އީދު ދުވަހު ހުޅުވުމަށް ވާން ޖެހޭ އެންމެހާ ތައްޔާރީތައް ވަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަސްރަނި ބަގީޗާގައި ހަދާ ވިންޓަ ޕާކް ފިތުރު އީދުގައި ހުޅުވުމަށް ވާން ޖެހޭ އެންމެހާ ތައްޔާރީތައް ދަނީ ކުރިއަށް ކަމަށެވެ.

ވިންޓަ ޕާކް ހުޅުވުން ލަސްވީ ސަބަބު ބަޔާންކޮށް މިނިސްޓަރު މީގެ ކުރިން ވިދާޅުވީ، ވިންޓާ ބިލްޑިންގެ މަސައްކަތް ނުނިމި ލަސްވަމުން އަންނަނީ ކޭބަލްތައް ގެނެސް އެތަކެތި އަޅައި ޕަވާ ސަޕްލައި ގުޅުމުގެ މަސައްކަތް ލަސްވެގެން ދިޔުމުން ކަމަށެވެ.

އީދު ދުވަހު ވިންޓާ ޕާކް ހުޅުވޭނެ ކަމަށް މުއިއްޒު ޔަގީންކަން ދޭ އިރު، ސަރުކާރުން ފުރަތަމަ ބުނީ މިދިޔަ ޑިސެމްބަރަށް ފިނި މޫސުން އިހުސާސް ކުރެވޭނެ ކަމަށެވެ. ވިންޓާ ތަރައްގީ ކުރަނީ ޕާކުގައި އައިސް ސްކޭޓު ކުރާ ތަނަކާއި ސްނޯ ފައިބާ ގޮތަށެވެ.

މިނިސްޓަރު ވިދާޅުވީ ވިންޓާ ޕާކް ހުޅުވާނީ އެތަނުގައި ކެފޭއެއް ވެސް ހިމެނޭ ގޮތަށް ކަމަށާއި ވިންޓާ ޕާކް ބަލަހައްޓާ، ހަރަދު ކުރަން ޖެހޭނީ ވެސް އެ ކެފޭ ހިންގާ ފަރާތުން ކަމަށެވެ.

އެގޮތުން ހައުސިން މިނިސްޓްރީން ވަނީ މިދިޔަ އޭޕްރީލްމަހު ވިންޓާ ކޯނާ ބެލެހެއްޓުމާއި އެ ޕާކްގައި ކެފޭއެއް ހިންގާނެ ފަރާތެއް ހޯދަންވެސް އިއުލާންކޮށްފަ އެވެ.