ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަހްސު އޮޅުވައިލުމުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.
މިހާރު ވެސް ބަންދުގައި ހުރި ފާރިސްގެ މައްޗަށް ތުހުމަތު ކޮށް ކްރިމިނަލް ކޯޓްގައި އުފުލި އެ ދައުވާއަކީ ގަވައިދާ ހިލާފަށް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރެއްވިއެއްގެ ދައުވާ އެކެވެ.
މާދަމާއަށް ތާވާލް ކޮށްފައިވާ ޝަރީއަތުގެ އަޑުއެހުމަކީ ފާރިސްގެ ދިފާއުގައި ހުށަހަޅާފައިވާ 47 ހެކީންގެ ތެރެއިން ހާޒިރު ކުރާނެ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ތާވަލުކުރި އަޑުއެހުމެކެވެ. ޕީޖީއިން ވަނީ ދިފާއީ ގިނަ ހެކިން ހާޒިރުކުރުމަށް އިއުތިރާޒުކޮށްފަ އެވެ.
މި މައްސަލައިގެ ޝަރީއަތެއް އެންމެ ފަހުން ތައާވަލް ކޮށްފައިވަނީ މާޗްމަހު އެވެ. ނަމަވެސް ސަބަބެއް ނާންގާ އެ ޝަރީއަތްވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ފާރިސް މިހާރު ހުންނެވީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެމައްސަލައިގެ ޝަރީއަތް މިހާރު ދަނީ ފަށައިގެން ކުރިއަށެވެ.
އޭގެ އިތުރުން ރިޝްވަތު އިތުރު ދެ ތުހުމަތެއް ވެސް ފާރިސްއަށް ކުރެ އެވެ. އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އުޅުނު ކަމަށް ބުނާ މައްސަލާގެ ޝަރީއަތް ވެސް ވަނީ ފަށާފަ އެވެ.