ކުޅިވަރު

ކޮލިފައިންގެ ކުރިން ވެލެންސިއާ އިތުބާރު ހޯދައިފި

ގްރީން ސްޓްރީޓްގެ މައްޗަށް 2-1 ން ރޭ ހޯދި މޮޅާއެކު، މާލޭ ލީގް ކޮލިފިކޭޝަންގެ ކުރިން ވެލެންސިއާ އިތުބާރު ހޯދައިފި އެވެ.

އެ މެޗަކީ މި ސީޒަންގައި ވެލެންސިއާ ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. ކުރިން ކުޅުނު މެޗު ތަކުން ވެލެންސިއާ އަށް ޕޮއިންޓެއް ހޯދި ފައި ވަނީވެސް އެންމެ މެޗަކުންނެވެ. އެއީ މާލޭ ލީގްގެ ފުރަތަމަ ބުރުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ވެލެންސިއާގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ، ގްރީން ސްޓްރީޓް އަތުން ލިބުނު މޮޅުން މާލޭ ލީގް ކޮލިފިކޭޝަނަށް ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށެވެ. ދިވެހި ޕްރިމިއާ ލީގްގައި އެންމެ ކާމިޔަބު ކުލަބުތަކުގެ ތެރޭގައި ހިމެނޭ ވެލެންސިއާ އަށް މި އަހަރުވެސް ދިވެހި ޕްރިމިއާ ލީގުން ފުރުސަތެއް ނުލިބެ އެވެ.

އެ ޓީމަށް އޮތީ އަންނަ އަހަރު ފުރަތަމަ ޑިވިޝަންގައި ދެމިއޮތުމަށް އޮތް ހަމައެކަނި ފުރުސަތެވެ. މާލޭ ލީގް ކޮލިފިކޭޝަންގައި ވާދަ ކުރާނީ، ވެލެންސިއާގެ އިތުރުން، މާލޭ ލީގްގެ ހަތް ވަނަ ޔުނައިޓަޑް ވިކްޓަރީ އާއި ދެ ވަނަ ޑިވިޝަންގެ ރަނަރަފު ޖޭޖޭ ސްޕޯޓްސް ކުލަބެވެ. ތިން ޓީމުގެ ތެރެއިން ސަލާމަތް ވަނީ އެންމެ ޓީމެކެވެ.

ރޭ ގްރީން ސްޓްރީޓް ކޮޅަށް ވެލެންސިއާގެ ލަނޑުތައް ކާމިޔާބު ކުރީ ޑްރީގާ ސާޖީ އާއި އަންސަރު އިބްރާހިމް (އަންކޮ) އެވެ. ފުރަތަމަ ލަނޑު ސާޖީ ކާމިޔާބު ކުރީ، މެޗުގެ 14 ވަނަ މިނެޓްގަ އެވެ. އަންކޮ ލަނޑު ޖެހީ މެޗުގެ 62 ވަނަ މިނެޓްގަ އެވެ.

ގްރީންގެ ހަމަ އެކަނި ލަނޑު 89 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮލޭންޑް ރަސަލް އެވެ. ގްރީންގެ ކޯޗް އަލީ ސުޒޭން ބުނީ، މެޗުން ބަލިވުމުން ގެއްލޭނެ އެއްޗެއް ނެތް ކަމަށާއި އެހެންވެ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށެވެ. މެޗަށް ނިކުތް އިރުވެސް ގްރީން އޮތީ ދިވެހި ޕްރިމިއާ ލީގުން ޖާގަ ކަށަވަރު ކޮށްފަ އެވެ.