ވޯލްޑް ކަޕް 2018

ވޯލްޑް ކަޕަށް އެންމެ ތަފާތުކޮށް އައީ ނައިޖީރިއާ

މާދަމާ ރަޝިއާގައި ފަށާ ފީފާ ވޯލްޑް ކަޕުގައި ބައިވެރިވާ ހުރިހާ ގައުމުތަކެއް ޓީމުތައް މިހާރު ވަނީ އެ ގައުމަށް ގޮސްފަ އެވެ. އިއްޔެ އެކި ގައުމުތަކުގެ ޓީމުތައް އެ ގައުމަށް ދިޔައިރު އެއް ގައުމެއްގެ ޓީމަކުން ވަރަށް ތަފާތުކަމެއް ފާހަގަކުރެވުނުނެވެ.

އެންމެ ތަފާތު ސްޓައިލަކަށް ހެނދުން އަޅައިގެން ދިޔަ ނައިޖީރިއާގެ ޓީމެވެ. އެމީހުން ތިބީ ހުދާއި ފެހި ކުލައިން ފަރުމާކޮށްފައި ހުރި ކުރުތާތަކެއްގަ އެވެ. ކުރުތާއަކީ ނައިޖީރިއާގެ މީހުން ސަގާފީގޮތުން ލާ އުޅޭ ފޭރާމެކެވެ. މި ކުރުތާތަކުގައި ގޮށް އަޅުވާ ބަޔާއި ކައިރީގައި ކުރުތާގެ ދެ ފަރާތުން ތިރިއަށް ފެހި ކުލައިން ދެ ފަށް ދަމާފައިވެ އެވެ.

ރަޝިއާއަށް ދިއުމަށް ނައިޖީރިއާގެ ޓީމުން ލީ ފޭރާން.

ދެ ފާރަތުންވެސް އެ ފަށުގެ މަތީގައި، ކަރާއި ކައިރީގައި ހުރީ ބާޒުގެ ފިޔަތައް ހުންނަ ގޮތަށް ޑިޒައިނެއް ލާފަ އެވެ. އެ ފިޔަތަކުގެ މެދުގައި ފުޓުބޯޅައެއް ކުރަހާފައި އިނދެ އެވެ.

ރަޝިއާއަށް ދިއުމަށް ނައިޖީރިއާގެ ޓީމުން ލީ ފޭރާން.

ބޮލުގައި ހުދު ތޮތްޕެއް އިންއިރުގައި އަރާފައި ތިބީ ހަމަ ހުދާއި ފެހިން ޑިޒައިންކޮށްފައި ހުރި ބޫޓަކަށެވެ. ނައިޖީރިއާ ޓީމުން މިފަހަރު ވޯލްޑް ކަޕަށް ފަރުމާކުރި ޖާޒީއަށްވެސް ގިނަ ބައެއް ސަމާލުކަން ވަނީ ލިބިފަ އެވެ. މި ފޭރާންތައް ފަރުމާކުރީ ނައިޖީރިއާގެ ޑިޒައިނަރެކެވެ.

ވޯލްޑް ކަޕްގައި މިފަހަރު ނައިޖީރިއާގެ ބޭނުންކުރާނެ ޖާޒީ.

ގިނަ ބަޔަކު އަންނަނީ ޝޯޝަލް މީޑިއާގައި މި ފޭރާމުގެ ވާހަކަ ދައްކަމުންނެވެ. ގިނަ ބަޔަކު މިހާރު ވަނީ މިއަހަރުގެ ވޯލްޑް ކަޕްގައި އެންމެ ސްޓައިލިޝް އަދި އެންމެ ފެޝަނެބަލް ޓީމަކަށް ނައިޖީރިއާގެ ޓީމު ހޮވާފަ އެވެ.