ހަބަރު

ސިއްރު ހެކިބަސް ނަގަނީ ގާނޫނާ އެއްގޮތަށް، ފުށުއެރުމެއްނެތް: ފުލުހުން

ތަހުގީގުތަކަށް ހެކިބަސް ނަގައި ދައުވާ ކުރުމަށް ސިއްރުހެކި ހުށަހަޅަނީ ގާނޫނުތަކާއި ގަވާއިދުތަކަށް އެކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކުގެ ތެރެއިން ކަމަށާއި އެކަމުގައި އެއްވެސް ފުށުއެރުމެއްނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ބައެއް ގާނޫނީ ވަކީލުންނާއި އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ސިއްރު ހެކި ނަގަނީ ގާނޫނާއެއް ގޮތަށް ނޫން ކަމަށާއި ސިއްރު ހެކީގެ ހެކިބަސް ނުނެގޭނެ ކަމަށް ބުނަމުން ނެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަަދު ޝިފާން ވިދާޅުވީ، ފުލުހުން ހިންގަމުންދާ ޝަރީއަތްތަކާއި މިހާރު ހިމގަމުންދާ ބޮޑެތި މައްސަލަތަކާއި ގުޅިގެން ސިއްރު ހެކި ނެގުމާއި ސިއްރު ހެކިބަސް ދިނުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން އެކަމުގެ އަސްލު އަސާސް އޮޅޭގޮތަށް ހާއްސަކޮށް ފަރުދީ ލެވެލްއެއްގައި އެކި މީޑިއާތައް ބޭނުންކޮށްގެން ދައްކަމުންދާ ކަމަށެވެ. ރައްޔިތުންނަށް އެކަމުގެ އަސްލު، ހާއްސަކޮށް ފުލުހުން ސިއްރު ހެކި ނަގަނީ ނުވަތަ އެކަން ކުރާގޮތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ކަމަށް ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، ފުލުހުންގެ ތަހުގީގްތަކަށް ހެކިބަސް ނަގަނީ، ހެކި ހޯދަނީ ނުވަތަ ދައުވާ ކުރުމަށް ސިއްރުހެކި ހުށަހަޅަނީ ގާނޫނުތަކާއި ގަވާއިދުތަކަށް އެކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކުގެ ތެރެއިން ކަމަށާއި ހާއްސަކޮށް ޖިނާއީ ތަހުގީގު ކުރުމުގައި ފުލުހުން ބަލާ މިންގަނޑުތަކާއި ގާނޫނީ ގޮތުން އެކަންކަން ކުރުމުގެ އޮނިގަނޑެއް ވަނީ ކަނޑައެޅިފައި ކަމަށެވެ.

ޝިފާން ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ސިއްރުން ހެކިބަސް ނެގުމާއި ސިއްރު ހެކި ބޭނުންކޮށްގެން މައްސަލަތައް ސާބިތުކުރުމަށް ކުރާ މަސައްކަތްތަކަކީ އެއްވެސް ގާނޫނީ ފުށުއެރުމެއް އޮތް ކަމެއް ނޫން ކަމެއް ކަމަށް ޝިފާން ވިދާޅުވި އެވެ.

"މިކަމަކީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން، އެކިއެކި ބޮޑެތި މައްސަލަތަކުގައި ހާއްސަކޮށް ހެކިބަސްދޭ ފަރާަތްތަކަށް ހުރި އެކިި ކަހަލަ ރިސްކްތައް އައިޑެންޓިފައިކޮށް ނުވަތަ އެއްވެސް ލެވެލްއެއްގެ ތްރެޓެއް މިކަމުގައި އޮތް ކަމަށްވާނަމަ ބޮޑެތި މައްސަލައެއްގައި މީހަކުދޭ ހެކިބަހަކީ މީހާއަށް ފަހުގެ ތާރީހެއްގައި އެއާގުޅިގެން އެއްވެސް ކަމެއް ދިމާވެދާނެ ނުވަތަ ސީރިއަސްކަމެއް އައިޑެންޓިފައި ކުރެވޭނެ ކަމެއްވާނަމަ ސިއްރުހެކި ބަސްނަގައި ދައުވާ ކުރުމަށް ފޮނުވުމަކީ މީގެ ކުރިންވެސް ކޮށްއުޅޭ ކަމެއް، ގާނޫނީ ގޮތުން އެއްވެސް ފުށުއެރުމެއް އަދި އޮތް ކަމަކަށް ފާހަގައެއް ނުކުރެވޭ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، ޖިނާއީ އިޖްރާއަތުގެ ގާނޫނުގައިވެސް ސިއްރު ހެކި ނެގުމާއި ގުޅޭގޮތުން ރިއާޔަތްކޮށްފައިވާ ކަމަށާއި އެގޮތުން ޖިނާއީ އިޖްރާއަތުގެ 149 މާއްދާގައި ހެކި ރައްކާކުރުމާއި ހެއްކައްދޭންޖެހޭ ސަމާލުކަން ރަނގަޅަށް ދިނުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަމަށެވެ.

"ޖިނާއީ އިޖްރާއަތުގެ ގާނޫނަކީ ދައުވާކޮށް މައްސަލަ ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި މައްސަލަ ޝަރީއަތުގެ މަޖިލީހުގައި ހިނގަމުންދާއިރުގައި އެހުރިހާ ސްޓޭޖްތަކެއްގައި ކަންކަން ކުރަންވީގޮތް ވަރަސް ސާފުކޮށް ސަރީހަކޮށް ބަޔާންކޮށްފައިިވާ ގާނޫނަކަށްވީ ހިނދު، މި ގަނޫނުންވެސް މިކަމަށް ހުރަސް ނާޅާ މިކަންކަމަކީ މުހިންމުކަމެއް ދީގެން ކުރަން ޖެހޭ ކަމެއް ކަން ނުވަތަ ހެކިރައްކާތެރިކޮށް މައްސަލައެއް ސާބިތު ކުރުމަށްޓަކައި ވީހާވެސް އަވަހަށް ކުރެވޭނެ އިންތިޒާމުތައް ގާނޫނުގައި ކަނޑައަޅާފައިވޭ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، ފުލުހުން ކުރާ މަސައްކަތްތަކުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ގަސްތުގައި މަސައްކަތް ކުރަމުންދަ ކަމަށާއި އެގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށެވެ. އަދި ފުލުހުން މައްސަލައެއް ތަހުގީގް ކުރާއިރު އެމައްސަލައެއްގެ ހަގީގަތަށް ވާސިލްވުމަށް ހެކި ރައްކާތެރި ކުރަންޖެހޭ ހާލަތެއްގައި ހެކި ރައްކާތެރި ކުރާނެ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.