އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު އިއްޔެ ސިންގަޕޫރުގައި ބޭއްވި ތާރީހީ ސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓެއް ކަމަށާއި އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ ސުލްހަޔަށް ކުރިއެރުންތައް ލިބިގެން ދާނެ ކަމަށް ބުނެ އެ ގައުމުގެ ގައުމީ ނޫސް އެޖެންސީ އިން ބުނެފި އެވެ.
އުތުރު ކޮރެއާގެ ސަރުކާރުން ކޮންޓްރޯލް ކުރާ، ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ، ކޭސީއެންއޭ ބޭރު ސޮފްހާގައި މުޅިން ވެސް ހިމަނާފައި ވަނީ ޓްރަމްޕް އާއި ކިމް ސަމިޓްގެ މުހިންމު ފޮޓޯތަކެވެ. އެ ފޮޓޯތަކާ އެކު އާންމު ކުރި ހަބަރުތަކުގައި ބުނެފައި ވަނީ ދެ ގައުމުގެ ވެރިން އެއް ގައުމު އަނެއް ގައުމަށް ރަސްމީ ދަތުރުފުޅުތައް ކުރެއްވުމަށް ދައުވަތު އެރުވި ކަމަށާއި އެ ދައުވަތު ދެ ލީޑަރުން ވެސް ގަބޫލު ކުރެއްވި ކަމަށެވެ. މީގެ އިތުރުން، އެއް ގައުމު އަނެއް ގައުމުން ހަނގުރާމަވެރި ހަރަކާތްތަކާއި ދެކޮޅު ވެރިކަމާއި އަދާވާތްތެރިކަމުގެ ހަރަކާތްތައް އެއްވެސް ވަރަކަށް ނުހިންގުމަށް ވެސް އެއްބަސްވެވުނު ކަމަށެވެ.
ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީންކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާ އެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީގެ ގޮތުގައި، ކޭސީއެންއޭ އިން ފާހަގަ ކުރަނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް ހާމަކުރެއްވި ކަމަށް ވެސް ކޭސީއެންއޭ އިން ބުންޏެވެ.
ކިމްއާ ހަވާލާ ދީ ކޭސީއެންއިން ބުނި ގޮތުގައި އެމެރިކާއިން ވެސް އިހުލާސްތެރިކަން ދައްކާ ނަމަ ނިއުކުލިއާ ހަތިޔާރު ނައްތާލުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެ ގައުމުން އަޅަމުން ދާނެ އެވެ. އަދި ސުލްހަޔާއި ހަމަޖެހުމަށް ފިޔަވަޅުތައް އެޅުމަށް ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެން ކަމަށް ވެސް ކޭސީއެންއޭއިން ބުންޏެވެ.
"މިއީ އަހަރުމެންގެ ލީޑަރު (ކިމް ޖޮންއުން) އަށް ދާހިލީ ގޮތުން ލިބުނު ބޮޑު ކާމިޔާބެއް. މިއީ ދުނިޔޭގެ ސުލްހަޔަށް ދެ ލީޑަރުން އެޅުއްވި މުހިންމު ފިޔަވަޅެއް،" މީގެ ކުރިން އެމެރިކާއަށް ވަރަށް ބޮޑަށް އެއްޗިހި ކިޔަމުން އަންނަ ކޭސީއެންއޭ އިން އާންމު ކުރި ރިޕޯޓެއްގައިވެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ޓްރަމްޕް އާއި ކިމްގެ ސަމިޓުން އެމެރިކާއަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ. ސަބަބަކަށް ވަނީ، ނިއުކުލިއާ ހަތިޔާރު ނައްތާލަށް ކިމްގެ ސަރުކާރުން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލް ސަމިޓަށް ފަހު އާންމު ނުވުވުމެވެ. ނިއުކުލިއާ ހަތިޔާރު ނައްތާލާނެ ކަމަށާއި އެކަމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ކިމް ވިދާޅުވަނީ ކަންކަން ދިގު ދަންމައިގެން އެމެރިކާ އާއި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ހޯދުމުގެ ބޭނުމުގައި ކަމަށް ބުނާ ފަރާތްތައް ގިނަ އެވެ. އެގޮތުން ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓް މެންބަރުން ވެސް ވަނީ، ސަމިޓުން އެމެރިކާއަށް ފައިދާއެއް ނުވި ކަމަށް ވިދާޅުވެ ޓްރަމްޕަށް ފާޑުކިޔައިފަ އެވެ. އޭގެ ބަދަލުގައި ކިމްއަށް ލިބުނީ ބޮޑު މޮޅެއް ކަމަށާއި އޭނާގެ އަގު އެގައުމުގެ ރައްޔިތުންގެ ކުރިމަތީގައި މަތިވެގެން ދާނެ ކަމަށް ވެސް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރަށް ސަމިޓްގެ ތެރޭގައި ކިމް ހިންގަވާ އިންސާނިއްޔަތާ ހިލާފުކަންކަން ހުއްޓުވަން ބާރު އަޅާފައި އެކަމާ މެދުވެސް އެކި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދެކުނު ކޮރެއާއިން ސަމިޓަށް މަރުހަބާ ކީ ނަމަވެސް، އެ ގައުމާ އެމެރިކާއިން ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެމެރިކާއިން ނިންމި ނިންމުމާ މެދު ދެކުނު ކޮރެއާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން އުތުރުކޮރެއާގެ ނުރައްކާތެރިކަން ބޮޑުވުމުގެ ފުރުސަތު އޮތްކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. އަދި ޓްރަމްޕްގެ ކުއްލި ނިންމެވުމާ މެދު އެ ގައުމުން ތިބީ ހައިރާންކަމެއްގެ ތެރޭގައި ކަމަށް ވެސް ދެކުނު ކޮރެއާއިން ވަނީ ބުނެފަ އެވެ. ޓްރަމްޕް ވިދާޅުވަނީ ސަމިޓަށް ފަހު އުތުރުކޮރެއާގެ ކިބައިން އިސްލާހީ ކަންތައްތަކެއް ފެންނާނެ ކަމަށާއި ސުލްހަ ގާއިމްވެގެން އަންނަތަން ފެންނާނެ ކަމަށެވެ.