ކުޅިވަރު

ވެޓަރަންސްގައި ވެލެންސިއާ އަތެއް ނުލެވޭނެ

ވެޓަރަންސް ކަޕު މިލުކު ކުރުމުުގެ އަމާޒުގައި ނިކުތް ނިއު ރޭޑިއަންޓް ބަލިކޮށް ކުލަބު ވެލެންސިއާއިން ވެޓަރަންސް ކަޕު ކާމިޔާބު ކޮށްފި އެވެ. ވެޓަރަންސް ކަޕު ކުރިން މިލުކު ކޮށްފައިވާ ވެލެންސިއާ މެޗު ކާމިޔާބު ކުރީ 4-0 ންނެނެވެ.

ވެޓަރަންސް ކަޕުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ވެލެންސިއާ އެވެ. މިދިޔަ ދެ އަހަރު މުބާރާތުގައި ކާމިޔަބު ނުލިބުމުން އެ ޓީމުން މި އަހަރު ނިކުތީ ވަރުގަދަ ޓީމަކާ އެކު އެވެ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ޓީމުގައި ހިމެނުނު ފަސް ކުޅުންތެރިން އެ ޓީމުގައި ހިމެނެ އެވެ. އެއީ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރަން އިންޑިއާ ކޮޅަށް ލަނޑު ޖެހި މުހުތާރު ނަސީރު (ޓޫކިލޯ) އާއި ވެލެންސިއާގެ ސީނިއާ ޓީމުގެ މިހާރުގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) އާއި ޑިފެންޑަރު މުހައްމަދު ޖަމީލުގެ އިތުރުން ވިންގާ އިސްމާއީލް މުހައްމަދެވެ.

އިއްޔަގެ މެޗުގައި ވެލެންސިއާ އިން ކާމިޔާބު ކުރި ހަތަރު ލަނޑުވެސް ކާމިޔާބު ކުރީ އެ ކުޅުންތެރިންނެވެ. ޓޫކިލޯ ދެ ލަނޑު ކާމިޔާބު ކުރިިއިރު ސޮބާ އާއި އިއްސެ ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ އިންޑަވިޖުއަލް އެވޯޑްތައް އެންމެ ގިނައިން ގެންދިޔައީ ނިއުގެ ކެޕްޓަން އަލީ ޝަމީމު (ކޮޔަރު އައްޔަ) އެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު ފޯވަޑްގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.

އެންމެ މޮޅު މިޑްފީލްޑަރުގެ އެވޯޑް ހޯދީ ނިއުގެ އާދަމް ޒިޔާދު އެވެ. އެންމެ މޮޅު ޑިފެންޑަރަކީ ވެލެންސިއާގެ ޖަމީލެވެ. އެންމެ މޮޅު ކީޕަރަކީ މާޒިޔާގެ މުހައްމަދު ޝިނާން (ނާނީ) އެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑް ގެންދިޔައީ ނިއުގެ އަހްމަދު ނިޔަޒު (ނިޔާ) އެވެ. ފެއާޕްލޭ ކުޅުންތެރިޔަކީ ވެލެންސިއާގެ ކެޕްޓަން އައްސައްދު އެވެ. ފެއާޕްލޭ ޓީމަކީ ވެލެންސިއާ އެވެ.

މިދިޔަ ތިން އަހަރުވެސް މުބާރް އިންތިޒާމު ކުރީ މޮޅްޑިވްސް ސޮކާމޭޓްސް އެވެ.