ރަޝިއާގައި މިއަދު ފަށާ ފީފާ ވޯލްޑް ކަޕް 2018 ގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ރާއްޖެ ގަޑިިން އިރުއޮއްސި ހަތެއް ޖަހާއިރު ދައްކަން ފާށާނެ އެވެ. މި ރަސްމިއްޔާތު އޮންނާނީ މޮސްކޯގެ ލޫޒްނިކީ ފުޓްބޯޅަ ސްޓޭޑިއަމްގަ އެވެ.
މި ރަސްމިއްޔާތުގައި ފޯރިގަދަ ގިނަ ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ. މަޝްހޫރު ޕޮޕް ލެޖެންޑް ލަވަކިޔުންތެރިޔާ ރޮބީ ވިލިއަމްސްގެ ހާއްސަ ހުށަހެޅުމެއް މި ހަފްލާގައި ފެނިގެންދާނެ އެވެ.
ރޮބީއާއެކު ރަޝިއާގެ މަޝްހޫރު ސޮޕްރާނޯ ލަވަކިޔުންތެރިޔާ އެއިދާ ގަރިފުލީނާވެސް މި ހަފްލާގައި ލައިވް ޕާފޯމްކުރާނެ އެވެ.
މީގެ އިތުރުން ރަޝިއާގެ 500 އަށްވުރެ ގިނަ ހުށަހެޅުންތެރިންގެ ތަފާތު ހަރަކާތްތައް ފެނިގެންދާނެ އެވެ. މި ހުށަހެޅުންތެރިންގެ ތެރޭގައި ނަށާ މީހުނާއި ޖިމްނާސްޓްސް ހިމެނެ އެވެ.
ހުޅުވުމުގެ ރަސްމިއްޔާތައްފަހު ވޯލްޑް ކަޕްގެ މެޗުތައް ފެށިގެންދާނެ އެވެ. ފުރަތަމަ މެޗުގައި މިރޭ ވާދަކުރާނީ ރަޝިއާ އާއި ސައުދި އަރަބިއްޔާ އެވެ.