ހަބަރު

ރިސާޗް ހަދަން ވިލާއިން އެންޑީވޯއާއެކު އެއްބަސްވެއްޖެ

Jun 14, 2018

ވިލާ ކޮލެޖާއި އިންޓަނޭޝަނަލް ސެންޓާ ފޯ އެންވާރަމަންޓް ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަނަލް ރީސާޗް، އެންޑީވޯ އާ ގުޅިގެން ރިސާޗްގެ ދާއިރާގެ އެކި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

ވިލާ ކޮލެޖްގަައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކޮލެޖްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ. އަދި އެންޑީވޯގެ ފަރާތުން ސޮއި ކުރެއްވީ އެސެންޓާގެ އެގްޒެކެޓިވް ޑައިރެކްޓަރު ޑރ. އަބުދުލް ސައްތާރު ޔޫސުފެވެ.

ރަސްމިއްޔާތުގައި އަންވަރު ވިދާޅުވީ، ވިލާ ކޮލެޖަކީ ވަރަށް ހަލުވި ސްޕީޑެއްގައި ރިސާޗްގެ ދާއިރާގައި މަސައްކަތް ކުރާ ތަނެއް ކަމަށާއި ރިސާޗް ކެޕޭސިޓީ ފުޅާކުރުމަކީ ވަރަށް ވެސް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، މިހާތަނަށް ވަރަށް ގިނަ ވޯކްޝޮޕްތައް ބާއްވައި ވިލާކޮލެޖް ތެރޭގައި ރިސާޗް ކެޕޭސިޓީ ބިލްޑް ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް އަންވަރު ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގައި ރިސާޗްގެ މުހިންމުކަން ވަރަށްވެސް ބޮޑު ކަމަށާއި ނަމަވެސް ގިނަ ނިންމުންތައް ނިންމާފައި ހުންނަނީ ރިސާޗްތަކަށް ބިނާކޮށް ނޫން ކަމަށެވެ. އަދި ވިދާޅުވީ، އެކަން އަށަގެންނުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އެބަހުރި ދިރާސާ ކުރަން ވަރަށް މުހިންމު ދާއިރާތައްވެސް، އެގޮތުން އެންޑީވޯގެ އެންމެ މުހިންމު އެއް ދާއިރާއަކީ ތިމާވެށި، އެއީ ވަރަށް މުހިންމު ދާއިރާއެއް، ބައިވަރު ދާއިރާތައް އެބަހުރި ދިވެހީން މަސައްކަތް ކުރާ، އެދާއިރާތަކަށް ރިސާޗް ހެދުން މުހިންމު،" އަންވަރު ވިދާޅުވި އެވެ.

ވިލާ ކޮލެޖުން ވަނީ މިދިޔަ އޭޕްރީލް މަހުވެސް ސާޗުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އާއެކު އެއްބަަސްވުމެއްގައި ސޮއި ކޮށްފަ އެވެ.