އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ މޮނިޓަރުންނަށް ވުމަށް މީޑިއާތަކަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ.
އިންތިހާބުގެ މޮނިޓަރުންނަށް ވުމަށް އެދޭ ފަރާތްތަކުން އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ފޯމް ހުށަހެޅުމަށް އީސީން މިއަދު ވަނީ އިއުލާޏްކޮށްފަ އެވެ. ފޯމް ހުށަހަޅަން އަންގާފައިވަނީ އިލެކްޝަން ކޮމިޝަންގެ އޮފީހަށެވެ.
މޮނިޓަރުންނަށް ވުމަށް ފޯމްހުށަހަޅަން ހުޅުވާލާފައިވާއިރު އީސީން މީގެ ކުރިން ބުނެފައިވަނީ، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކަވަރުކުރުމަށް ނޫސްވެރިންނަށް ވީހާވެސް ބޮޑަށް ފުރުސަތު ލިބޭ ގޮތަށް ކަންކަން ރާވައިގެން ކުރިއަށްގެންދަން އެ ކޮމިޝަނުން ބޭނުންވާ ކަމަށެވެ. އެއާއެކު އިންތިހާބަކީ ނުފޫޒުން އެއްކިބާވެފައިވާ އިންތިހާބަކަށް ހެދުމަކީ އެންމެ ބޮޑު މަގުސަދު ކަމަށާއި މޮނިޓަރުންގެ ފާސް ދޫކުރުމުގައި ކުރިއަށްވުރެ ހަރުދަނާ އުސޫލުތަކަކަށް މިއަހަރު އަމަލު ކުރަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
އީސީން ބުނި ގޮތުގައި، މިއަހަރު މޮނިޓަރުންނަށް ދޫކުރާ ފާސް އެހެން އަހަރުތަކަށް ވުރެ ބޮޑު ވާނެ އެވެ. އަދި އެ ކާޑު ދޫކުރާނީ މޮނިޓަރަކު ނިސްބަތްވާ މީޑިއާއާ މޮނިޓަރުގެ މައުލޫމާތު އެނގޭ ގޮތަށް، އެ ފަރާތަކީ އެ މީޑިއާއެއްގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިއެއް ނުވަތަ މުވައްޒަފެއްކަން ބެލުމަށްފަހު އިލެކްޝަންސް ކޮމިޝަނުން އެ ކާޑު އެކްރެޑިޓް ކުރުމަށް ފަހު އެވެ.
މޮނިޓަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އީސީން މިހާރު ވަނީ ވޯޓާސް ލިސްޓްވެސް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފަ އެވެ.