ވޯލްޑް ކަޕް 2018

ސްވިޑެންގެ ޓީމަށް މަރުހަބާ ކިޔަންދިޔައީ އެންމެ ފޭނެއް

މިފަހަރުގެ ވޯލްޑް ކަޕަށް އެކި ގައުމުތަކުގެ ޓީމުތަކުން ރަޝިއާއަށް ދިއުމުން އެމީހުނަށް އެއާޕޯޓުން ވަނީ ފޭނުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެކަމަކު ސްވިޑެންގެ ޓީމަށް ކަންދިމާވީ މާ ދެރަކޮށެވެ. އެ ޓީމަށް މަރުހަބާ ކިޔަން މިފަހަރު ރަޝިއާގާއި ހުރީ އެންމެ ފޭނެކެވެ.

ފަނަ އަހަރުގެ އަންހެން ކުއްޖެކެވެ. ޓީމަށްވުރެ ބޮޑަށް އެންމެ ބޮޑު ހިތާމައެއް ލިބުނީ މި ކުއްޖާއަށެވެ. ލޯބިވާ ގައުމީ ޓީމަށް މަރުހަބާ ކިޔަން އެކަނިމާ އެކަނި ގޮސްހުރިއިރު ޓީމު ރަޝިއާއަށް އަރައިގެން ދިޔަ އިރު ޓީމުގެ އެއްވެސް މެމްބަރަކަށް އޭނާ އެތަނުގައި ހުރިކަން ރޭކާވެސް ނުލި އެވެ.

ސްވިޑެންގެ ޓީމު ތިބި މަތިންދާ ބޯޓު އެއާޕޯޓަށް ޖެއްސީވެސް ސެޑިއުލްކޮށްފައިވާ ގަޑީގެ 30 މިނެޓު ފަހުންނެވެ. ބޯޓުން ޓީމުގެ މެމްބަރުން ފައިބާތަން ފެނުމާއެކު މި އަންހެން ކުއްޖާ ސްވިޑެންގެ ދިދަ ދެކޮޅަށް ހޫރަމުން ހަޅޭލަވަމުން ދިޔައިރު އެއިން މީހަކަށް އޭނާ ފެންނަ ކަމަކަށް ނުވި އެވެ. ބޯޓުން ފޭބި ގޮތަށް ޓީމުގެ މެމްބަރުން ގޮސް އެރީ ހޮޓަލަށް ދިއުމަށް ބަހަށެވެ.

މިއީ ސްވިޑެންއިން ވޯލްޑް ކަޕްގައި ބައިވެރިވި 12 ވަނަ ފަހަރެވެ. އެ ޓީމުން 1994 ވަނަ އަހަރު ވޯލްޑް ކަޕްގައި ތިން ވަނަ ރައުންޑުން ސަލާމަތްވިފަހުން ދެން ބައިވެރިވި ދެ ފަހަރުވެސް ދެ ވަނަ ރައުންޑުން މައްޗަށް ކަމިޔާބުވެފައެއް ނުވެ އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ސްވިޑެން ހިމެނެނީ ގްރޫޕް އެފްގަ އެވެ. އެ ގްރޫޕުގައި ސްވިޑެންއާއެކު ތިބި ގައުމުތަކަކީ ކޮރެއާ، މެކްސިކޯ އަދި ޖަރުމަނެވެ. ސްވިޑެން ވާދަކުރާ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. އެ މެޗުގައި ސްވިޑެން ވާދަކުރާނީ ކޮރެއާއާއި އެވެ.