ހަބަރު

އައި ސްކޭޓް ކުރެވޭ ވިންޓާ ޕާކް ހުޅުވައިފި

Jun 15, 2018
3

އައިސް ސްކޭޓް ކުރެވޭ ރިންގަކާ އެކު ރަސްރަނިބަގީޗާގައި ހަދާފައިވާ "ރަސްރަނި ވިންޓަ ޕާކް" ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، މިރޭ ހުޅުއްވައިދެއްވައިފި އެވެ. އެ ޕާކް ހުޅުވަން ރާވާފައި އޮތީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން "ރަސްރަނި ވިންޓަ ޕާކް" ހުޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެން މިރޭ ރަސްރަނި ބަގީޗާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

"ރަސްރަނި ވިންޓަރ ޕާކް" ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މިރޭ ވަނީ މިޕާކް ބައްލަވާލައްވާފަ އެވެ. ފްރާންސްގެ ތަޖުރިބާކާރުންގެ އެހީގައި ތައްޔާރުކޮށްފައިވާ މި ވިންޓާ ޕާކްގައި އައިސް ސްކޭޓިން އާއި، ސްނޯގެ އެކިއެކި ހަރަކާތްތައް ދައްކާލާފައިވެ އެވެ. އެހެން ނަމަވެސް އާންމުންނަށް މިތަން ހުޅުވާލަން ނިންމާފައި ވަނީ، އަންނަ ބުދަ ދުވަހުން ފެށިގެން އެވެ. އެތަނުގައި ވިންޓާ ޕާކެއް ހަދާފައި ވަނީ ތާރީހީ މިސްކިތެއް ކަމަށްވާ، ކަޅުވަކަރު މިސްކިތް އެތަނުން ނެގުމަށް ފަހު އެވެ.

ޕާކަށް އާންމުންނަށް ވަދެވޭނީ ޓިކެޓް ނަގައިގެން ކަމަށް މިނިސްޓްރީ އިން ވަނީ ހަމަޖައްސައިފަ އެވެ. މިނިސްޓްރީ އިން ބުނި ގޮތުގައި ޕާކް ހުޅުވާތާ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ސްނޯގައި ކުޅޭ ކުޅިވަރުތައް އާންމުންނަށް ދަސްކޮށް ދިނުމަށް ފްރާންސްގެ އެތްލީޓެއް އެތަނުގައި ހުންނާނެ އެވެ.

މިރޭގެ ހަފްލާގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، މި ޕާކް ދުނިޔޭގެ ފެންވަރުގައި ތަރައްގީ ކުރުމަކީ ރައީސް އަބްދުﷲ ޔާމީން ވަރަށް އަހަންމިއްޔަތުކަމެއް ދެެއްވި މަސައްކަތެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ ރާއްޖެ ފަދަ ހޫނު ގައުމެއްގައި ވިންޓާ ޕާކެއް ތަރައްގީ ކުރުމަށް ބޮޑެތި ޗެލެންޖްތަކެއް ކުރިމަތިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިތަން ތަރައްގީ ކޮށްފައި ވަނީ ހާއްސަ މެޓީރިއަލް ބޭރުން ގެނެސްގެން ފްރާންސާއި ޖަރުމަނުން އެކްސްޕާޓުންގެ އެހީތެރިކަމުގައި ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

"ރައީސް ޔާމީން އަޅުގަނޑުމެންނަށް އަންގަވާފައި އޮތީ ސަލްޓަންޕާކް އާންމުންނަށް ކުޑަކުދިންނަށް ހިތްފަސޭހަ އުފާކޮށްލެވޭނެ ތަނެއްގެ ގޮތުގައި ހައްދަވައި ދެއްވާށޭ. އެ ހިސާބުން އަޅުގަނޑުމެން ޕްލޭންތައް ހަދައިގެން ރާވައިގެން މިތަން މި ފެންވަރަށް މިއަދު މި ވަނީ ތަރައްގީ ކުރެވިފައި. މިފަދަ ތަފާތު ކަމެއް މި ގައުމުގައި ވެދާނެ ކަމަށް ހިއެއް ނުކުރާނެ. އެކަމަކު މުޅި ރާއްޖެއިން މި ފެންނަނީ ރައީސް ޔާމީންގެ ވިސްނުންފުޅުގެ ދަށުން މިފަދަ އެތައް ތަރައްގީއެއް އަންނަތަން،" މުއިއްޒު ވިދާޅުވި އެވެ.

ރަސްރަނި ވިންޓާ ޕާކަކީ މާލޭގައި މިގޮތަށް ހުޅުވި ފުރަތަމަ ޕާކެވެ. މި ޕާކު ފަރުމާ ކޮށްފައިވަނީ އޮލިމްޕިކް ފެންވަރުގެ އައިސް ސްކޭޓްކުރާ ރިންގަކާއި، ސްނޯ ސްލައިޑްއެއް ހިމެނޭ ގޮތަށެވެ. މިޕާކް ފަރުމާ ކުރުމުގައި ޔޫރަޕްގެ ތަޖުރިބާކާރުން ބައިވެރިވި އެވެ.