ހަބަރު

އަޅުގަނޑު ކޯޓަށް ހާޒިރު ކުރާނެ ކަމެއްނެތް، ހުކުމް އިއްވަވާ: ފާރިސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަހްސު އޮޅުވައިލުމުގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާކަމަށް ވިދާޅުވެ މިއަދުގެ ޝަރީއަތުގައި ފާރިސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިހާރު ވެސް ބަންދުގައި ހުރި ފާރިސްގެ މައްޗަށް ތުހުމަތު ކޮށް ކްރިމިނަލް ކޯޓްގައި އުފުލި އެ ދައުވާއަކީ ގަވައިދާ ހިލާފަށް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރެއްވިއެއްގެ ދައުވާ އެކެވެ.

މިއަދުގެ ޝަރީއަތަކީ ފާރިސްގެ ދިފާއުގައި ހުށަހަޅާފައިވާ 47 ހެކީންގެ ތެރެއިން 10 ހެއްކެއްގެ ހެކިބަސް ނެގުމުގެ ޝަރީއަތުގެ އަޑުއެހުމެވެ.

އެގޮތުން މިއަދުގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ، 10 ފަރާތެއް މިއަދު ކޯޓަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން ޗިޓް ރައްދުވެފައިވަނީ ފަސް ފަރާތަކަށް ކަމަށެވެ. އަދި އެފަރާތްތަކުގެ ތެރެއިން ތިން ފަރާތަކުން ކޯޓަށް ހާޒިރުވުމަށް އިއުތިރާޒް ކޮށްފައިވާ ކަމަށާ ސިޓީ ފޮނުވާފައިވާ ކަމަށާއި މިއަދު ހާޒިރުވެފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ. އަދި 19 ފަރާތެއްގެ މިޖާރު ދިރިއުޅޭ އެޑްރެހާއި ފޯން ނަމްބަރު ބަދަލުވެފައިވާތީ، 19 ފަރާތެއްގެ މައުލޫމާތު ފުރިހަމަނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ އެގޮތަށް ވިދާޅުވުމުން ފާރިސް ވަނީ ފުރުސަތަކަށް އެދިފަ އެވެ. ފާރިސް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ގާޒީ ވިދާޅުވެފައިވަނީ ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ ދިފާއުން ހުށަހަޅާފައިވާ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުން ކަމަށެވެ. އަދި ދިފާއުން ހުށަހަޅާ ހެކީންގެ ތެރެއިން އިސްކަންދޭނެ ހެކީންނަކީ ކޮބައިކަން ހުށަހަޅަން ފުރުސަތުދޭނެ ކަމަށާއި ނަމަވެސް ވަކީލުންނާއި ބައްދަލުވުމަށް ފުރުސަތު ލިބިގެން ގޮސްފައިނުވާތީ އެކަމަށް ތައްޔާރުވާން ފުރުސަތު ލިބިފައިނުުވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސް ވަނީ ކޯޓުން އޭނާގެ ހައްގުތައް ގެއްލޭގޮތަށް އަމަލު ކުރަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގާޒީ ވިދާޅުވީ، ކުރީ ދުވަހުގެ ޝަރީއަތްވެސް ކެންސަލް ކުރެއްވީ ބަންދުގައި ތިބޭ ފަރާތްތަކަށް ކުރީގައި ވަކީލުންނާއި ދުވާލަކު އެއްފަހަރު ބައްދަލު ކުރަން ފުރުސަތު ލިބުނު ނަމަވެސް މިހާރު ފަސޭހަ ނުވާތީ އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ، ކޯޓުން އަމަލު ކުރަނީ ދިފާއަށްވެސް އެކަށީގެންވާ ފުރުސަތުދީގެން ކަމަށާއި އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން އަންނަ ގޮތަކަށް ކޯޓުން އަމަލު ނުކުރާ ކަމަށެވެ.

ދިފާއުން ވަނީ މި މައްސަލާގައި ދިފާއުގައި ހުށަހަޅާފައިވާ 47 ހެކީންގެ ހެކިބަސް ނެގުމަށް ކޯޓުގައި ސިޓީއަކުން އަންގާފަ އެވެ. ގާޒީ ވަނީ 47 ހެކީން ގިނަ ކަމަށް ކުރީންވެސް ވިދާޅުވެފައިވާނެ ކަމަށާއި އެގޮތަށް އަމަލު ކުރަންވީ ސަބަބު ބަޔާންކޮށް ދިނުމަށެވެ.

އެގޮތުން ފާރިސްގެ ވަކީލުންގެ ޓީމްގައި ހިމެނޭ އިބްރާހިމް ޝަމީމް ވިދާޅުވީ، 47 ހެކީންގެ ހެކިބަސް ނެގުމަށް އެދުނީ ފާރިސްއާއެކު މަޝްވަރާ ކުރެވިފައިނުވާތީ ކަމަށެވެ. އަދި ކޯޓުން ދިން މުއްދަތުގައި ފާރިސްއާ ވަކީލުން ބައްދަލު ކުރުމަށް ފުރުސަތު ލިބިގެން ގޮސްފައިނުވާތީ ކަމަށެވެ.

އެކަމަށް ފާރިސް ވިދާޅުވީ، މައުލޫމާތު ސާފުނުވާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށެވެ. އަދި ހައްގުތައް ހެއްލޭ ގޮތަށް އަމަލު ކުރައްވާތީ ހައިރާންވާ ކަމަށާއި އެކަށީގެންވާ ދިފާއެއް ބިނާ ކުރުމަށް ފުރުސަތު ދިނުމަށް ފާރިސް އެދިވަޑައިގެންނެވި އެވެ.

ދައުލަތުގެ ވަކީލުންވެސް ވަނީ އެކަމާ ގުޅިގެން ފުރުސަތަކަށް އެދިފަ އެވެ. ދައުލަތުން ވިދާޅުވީ، ފާރިސް އަށް ފުރުސަތެއް ދިނުމަށް އިއުތިރާޒްނުވާ ކަމަށެވެ. ދައުލަތުންވެސް ވަނީ މިއަދުގެ ޝަރީއަތަކީ ދިފާއުން ހުށަހަޅާފައިވާ ހެކީންނާއި ގުޅޭގޮތުން ވާހަކަދެއްކުމަށް އޮތް ޝަރީއަތެއްކަން ފާހަގަކޮށްފަ އެވެ. އަދި ދައުލަތުން ދިފާއީ ހެކީން ހުށަހަޅަން އިއުތިރާޒްވާ ސަބަބުތައް ކޯޓުން ބަލައި ނުގަންނަން ނިންމި ސަބަބުވެސް ހާމަކޮށްދިނުމަށް އެދުނެވެ.

ދިފާއީ ވަކީލް ޝަމީމް ވިދާޅުވީ، ދިފާއުން ހުށަހަޅާފައިވާ ހެކީން ބަލައިނުގަތުމަށް ދައުލަތުން ވިދާޅުވެފައިވަނީ ވަކި ކަމެއް ހާމަވެދާނެތީ ނުވަތަ ވަކި ކަމެއް ހާސިލްވެދާނެތީ އެފަރާތްތައް ހާޒިރު ނުކުރުމަށް ކަމަށާއި ހެކީން ބަލައި ނުގަތުމަށް ދައުލަތުން ހުށަހެޅި ކަންކަމުގައި އެއްވެސް އަސާސެއްނެތް ކަމަށެވެ. ޝަމީމް ވަނީ މިއަދުގެ ޝަރީއަތަށް ހާޒިރު ކުރުމަށް ނިންމި 10 ފަރާތާއި އޭގެ ތެރެއިން ޗިޓް ހަވާލުކުރެވުނު ފަސް ފަރާތާއި އަދި މިއަދުގެ ޝަރީއަތުގައި ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ ފަރާތުގެ މައުލޫމާތު ހިއްސާ ކުރުމަށް ގާޒީގެ ކިބައިން އެދިފަ އެވެ.

އެގޮތުން މިއަދުގެ ޝަރީއަތަށް ހާޒިރުވާން ޗްޓް ފޮނުވި 10 ފަރާތުގެ ތެރޭގައި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި ނިލަންދޫ ދާއިރާގެ މެންބަރު އަބުދުﷲ ހަލީލާއި މައުމޫންގެ ފެކްޝަންގެ ނައިބު ރައީސްއެއް ކަމަށްވާ އައިމިނަތު ނާދިރާ ހިމެނެ އެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ދައުލަތުން ހުށަހެޅި ހެކީންގެ ބަޔާންތައް ލިބިފައިވަނީ މިއަދު ކަމަށާއި އެބަޔާންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ރާވާޅުމަށް ފުރުސަތު ދިނުމަށެވެ. ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ގާޒީ ނިންމެވީ ދިފާއަށް ވަގުތު ދިނުމުގެ ބަދަލުގައި މިއަދު ހާޒިރުކޮށްފައިވާ ފަރާތުގެ ހެކިބަސް ނެގުމަށެވެ،

އެގޮތުން ހެކިބަސް ނަގާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބުދުލްކަރީމްގެ އެވެ. އޭނާ އަކީ މަޖިލީިހުގެ ޕެޓިޝަން ކޮމިޓީގެ ނައިބް މުގައްރިރުކަންވެސް ކުރައްވާ ފަރާތެވެ. ދިފާއި ވަކީލް ޝަމީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ، ޕެޓިޝަން ކޮމިޓީގައި ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން ފާރިސް މަސައްކަތް ކުރި ކަމަށާއި އޭނަ އެކޮމިޓީއަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރު ކަމަށެވެ.

އަބުދުލްކަރީމް ވިދާޅުވީ، ފާރިސް ހައްޔަރު ކުރުމަށްފަހުވެސް އޭނާ ކޮމިޓީއަށް ހާޒިރުކުރުމަށް އެކޮމިޓީން ނިންމެވި ކަމަށާއި އެކަން މިޖިލީހުގެ އިދާރާއަށް އެންގެވި ކަމަށެވެ. ނަމަވެސް ފަހުން އިދާރާއިން އަމަލު ކުރިގޮތް ނޭންގޭ ކަމަށެވެ.

ދައުލަތުން ކުރެއްވި ސުވާާލުތަކަށް ޖަވާބުދެއްވަމުން އަބުދުލްކަރީމް ވިދާޅުވީ، ޕީޕީއެމްގެ ފަރާތުން ތަމްސީލް ކުރައްވަނީ އެންމެ ބޭފުޅެއް ނޫން ކަމަށާއި އިތުރުބޭފުޅުން ތިއްބަވާ ކަމަށެވެ. އަދި ފާރިސް އެކޮމިޓީން ބަދަލު ކުރިކަން ނޭންގޭ ކަމަށާއި އޭނާ މިހާރުވެސް އެކޮމިޓީގައި އިންނަކަން ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާޒީ ވަނީ ދެފަރާތުން އިތުރު ސުވާލެއް ކުރަން ނެތުމުން މާދަމާ އަށް އިތުރު ޝަރީއަތެއްގެ އަޑުއެހުން ތައާވަލް ކުރާނެ ކަމަށާއި މާދަމާގެ ޝަރީއަތުގައި ދިފާއުގެ ހެކީންގެ ހެކިބަސް ނެގުން އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިފާއުން އިސްކަންދޭ ހެކީންގެ ލިސްޓް އިދާރީ މޭޒަށް ހުށަހެޅުމަށާއި މާދަމާ ހެކީންގެ ހެކިބަސް ނެގުމަށްފަހު ހުލާސާ ބަޔާންވެސް އިއްވުން އޮންނާނެ ކަމަށާއި އެކަމަށްވެސް ތައްޔާރުވެގެން އައުމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ އެގޮތަށް ވިދާޅުވުމުން ފާރިސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ފާރިސް ވިދާޅުވީ، އިސްކަންދޭންވީ ހެކީންގެ ލިސްޓް ހަދައި އެހެކީންނާއި ކުރާނެ ސުވާލުތައް ތައްޔާރުކޮށް ހެކިން ކޯޓަށް ހާޒިރު ކުރުމަށް މަސައްކަތް ކުރުމަށާއި ހުލާސާ ބަޔާން ހުށަހެޅުމަށް ތައްޔާރު ވުމަކީ ޖަލު ބަންދުގައި ހުރި މީހަކަށް 24 ގަޑިއިރުގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބުރަކޮށް އުޅުއްވާ ގާނޫނީ ވަކީލުންނަށްވެސް އެކަން 24 ގަޑިއިރު ތެރޭގައި ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސް ވާހަކަ ދައްކަވަމުން ގެންދެވިއިރު އޭނާގެ އަޑު ވެސް ދިޔައީ އިތުރަށް ބާރު ވަމުންނެވެ. ފާރިސް ވިދާޅުވީ، ހެކިން ހާޒިރުކުރުމަށް ކޯޓުން އެކަށީގެންވާ މަސައްކަތް ނުކުރައްވާ ކަމަށާއި އެކަން ނުކުރައްވަނީ ވަކި ކަމެއް ފަޅާ އަރާފާނެތީ ކަމަށެވެ. އަދި ވިދާޅުވީ، މައްސަލައިން ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދެއްވާނަމަ އޭނާ ކޯޓަށް ހާޒިރު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އޭނާގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކޯޓުން ޝަރީއަތް ކުރިއަށް ގެންދަވާ ކަމަށާއި ވަކީލުންނާއި މަޝްވަރާ ކޮށްގެން މައްސަލަ ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެއްވައި ޝަރީއަތް ކުރިއަށް ގެންދަވާ ކަމަށްވާނަމަ އޭނާ ކޯޓަށް ހާޒިރުނުކޮށް މައްސަލައިގެ ހުކުމް އިއްވެވުމަށް ފާރިސް ވިދާޅުވި އެވެ.

އެކަމަށް ގާޒީ ވިދާޅުވީ، ދިފާއުގެ ހައްގަކަށާް އުނިކަމެއް ލިބޭ ގޮތަކަށް ކޯޓުން އަމަލު ނުކުރާ ކަމަށާއި ކޯޓުން ދެފަރާތަށްވެސް ހަމަހަމަ ފުރުސަތެއް ދެއްވާފައިވާ ކަމަށެވެ. އަދި ދިފާއުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމަށް ކޯޓުން ފުރުސަތުދީފައިވަނީ ހަމަހަމަ ކަމާއެކު މި މައްސަލަ ކުރިއަށް ގެންދިއުމަށް ކަމަށާއި ދިފާއުގެ ހައްގަށް އުނިކަމެއް އަންނަ ގޮތަށް ކޯޓުން އަމަލުކުރާ ކަމަށް ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފާރިސް ވޭތުވެދިޔަ ފަސް މަހު މި މައްސަލައިގެ ޝަރީއަތެއް ކުރިއަށް ނުގެންގޮސް މިހާރު އަވަސް އަރުވާލައިގެން ޝަރީއަތް ކުރިއަށްގެންދަވީ ކޮން މަޖުބޫރީ ހާލަތެއް ދިމާވެގެންތޯ ސުވާލު ކުރައްވާފަ އެވެ. އަދި ތައްޔާރުވުމަށް އެކިށީގެންވާ ވަގުތު ދިނުމަށާއި ހަފްތާއެއް ދިނުމަށް ފާރިސް އެދުނެވެ.

ނަމަވެސް ގާޒީ ވަނީ މާދަމާ 1:00 ޖަހާއިރު ޝަރީއަތް އޮންނާނެ ކަން އިއުލާންކޮށްފަ އެވެ. އަދި މާދަމާގެ އަޑުއެހުން ކެންސަލްކުރާނަމަ އެކަން އަންގާނެ ކަމަށާއީ ނަމަވެސް ދިފާއުން އިސްކަންދޭ ހެކީންގެ ލިސްޓް މާދަމާގެ ކުރިން ހުށަހެޅުމަށް އަންގައި މިއަދުގެ ޝަރީއަތް ނިންމާލައްވާފަ އެވެ.