ހަބަރު

"މި ވެރިކަން ބަދަލު ނުކޮށްފިނަމަ ދެން ރާއްޖެ އަތެއް ނުވާނެ"

Jun 18, 2018
16

މި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަން ބަދަލު ކުރުން ކޮންމެހެން މުހިންމު ކަމަށާއި މިފަހަރު ބަދަލު ނުކޮށްފިނަމަ ރާއްޖެ ދުވަހަކު ވެސް ދެން އަތުނުޖެހޭނެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" އައްޑޫ ޖަހަގަ ހުޅުވުމުގެ ރަސްމިއްޔާތުގައި ގާނޫނީ ވަކީލް ސުއޫދު ވިދާޅުވީ، މިހާރު ކުރަމުން މިދާ މަސައްކަތަކީ ރާއްޖޭގެ ވެރިކަން ކުރަމުން މިދާ ސަރުކާރު ބަދަލު ކުރުން ކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި މި ވެރިކަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ހަގީގަތް ކަމަށާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ ގޮތް ކަމަށެވެ. އަދި އެކަމާމެދު ޝައްކު ކުރާނެ މީހަކު ހުރި ކަމަކަށް ގަބޫލެއް ނުކުރާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، މި ސަރުކާރު ބަދަލުކުރަން ޖެހޭ ސަބަބުތައް ގިނަ ކަމަށާއި އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އެންމެ ބޮޑު އެއް ކަމަކީ ހަމަ ހަމަ ކަމެއް ނެތުމާއި އަދުލު އިންސާފެއް ނެތުން ކަމަށެވެ.

"އެތައް ބަޔަކަށް އަނިޔާ ލިބިގެންދާ ދިއުން، ރާއްޖެ ފޭރިގަންނަމުން ދިއުން، ކޮރަޕްޝަނުގެ ވަބާ ނައްތައި ނުލެވުން، އަދި ކޮރަޕްޝަން އިތުރު ކުރުމަށް ނުވަތަ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ދުވަހެއް ދުވަހަކަށް މި ސަރުކާރު ކުރިއަށްދާ ދިއުން ހުއްޓުވަން އެބަ ޖެހޭ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، ތަރައްގީގެ ނަމުގައި މި ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ކޮރަޕްޝަން އޭގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އޭގެ ނާޖާއީޒު ފައިދާ އެތައް ބަޔަކު ނަގަމުންދާ ކަމަށެވެ.

"އެހެންވީމަ އެކަމަކީ އަޅުގަނޑުމެންނަށް ދިވެހި ރައްޔިތުންނަށް ކޮންމެހެން ހުއްޓުވަން ލާޒިމުވާ ކަމެއް، އަޅުގަނޑުމެންގެ ރާއްޖެ ކުރިއެރުމުގަ، ތަރައްގީ ކުރުމުގައި އެކަމުގެ ސަބަބުން ހުރަސްތަކެއް އެބައެޅޭ. އެހެންވީމާ އަދުލު އިންސާފު ގެއްލިފައި އޮތުމާއި އަނިޔާވެރިކަން އިތުރުމާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، މި ތިން މައިގަނޑު ސަބަބުތަކަށްޓަކައި މި ސަރުކާރު ބަދަލު ކުރަން ޖެހޭ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، މިވެރިކަން އިތުރަށް ދަމަހައްޓާނަމަ ނުވަތަ އަނެއްކާ ވެސް އިތުރު ފަސް އަހަރަށް ދެމިގެން ހިނގައްޖެ ނަމަ އަޅުގަނޑުމެންނަށް މި ރާއްޖެ ދުވަހަކު ވެސް ދެން އަތުޖެހިދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ ބިންތައް ފޭރެމުން ދާ ކަމަށާއި މުއްސަނދިކަން ފޭރިގަނެ ކޮރަޕްޝަންގެ ތެރެއިން ބޭރުގެ ފަރާތްތަކަށް ރާއްޖެ ވިއްކާ ނިންމައިފި ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އިގުތިސާދީ ވަސީލަތެއް އޮތް ކަމަށް ވަންޏާމު ބޭރު މީހުންގެ އަތްމައްޗަށް އެ ދަނީ، ރާއްޖޭގައި އޮތް މުއްސަނދި ކަމެއް އޮތްނަމަ ކޮރަޕްޝަނުގެ ތެރެއިން ބެހިގެން ދަނީ، އެ މުއްސަނދިކަން ހަމަހަމަ ކަމާއެކު ބެހިގެންދާނެ އެއްވެސް ހަމައެއްނެތް، ކޮރަޕްޝަން ނުހިންގާ މީހުންނަށް މިރާއްޖޭގައި އެއްވެސް ފުރުސަތެއްނެތް، އެހެންވެ މި ސަބަބުތަކަށްޓަކައި މި ވެރިކަން ބަދަލުކުރަން ޖެހޭ،" ސުއޫދު ވިދާޅުވި އެވެ.