ވާހަކަ

ބުނެދޭށޭރުހެމޭ

(17 ޖޫން 2018 އާ ގުޅޭ)-- "މޭބީ އައި ޝުޑް ޓޯކް ޓު ހާ... ނިމްގެ ހުރޭ އިތުބާރު ކުރެވޭ ކަހަލަ ސިފައެއް. އަނެއްކާ ރާދުއާއި އަރްސަލްއާ ވެސް އެހާ ކްލޯސް... ރާދުގެ ގޮތް ވެސް މިހާރު ނިމްއަށް އެނގިފަ ހުންނާނީ. ފަހަރެއްގައި ނިމްގެ ޚިޔާލެއް ހޯދަނިކޮށް ގޮތެއް ނިންމަން އެނގިދާނެ... އަހަރެން ވެސް ބޭނުންވަނީ ރާދުއަށް އާނއެކޭ ބުނަން" ޝިހާނާއަށް ވިސްނާލެވުނެވެ. އޭނާ ދެން ފޯނު ނެގީ ހަލަފްއަށް ގުޅުމަށެވެ.

"ހަލަފްއާއެކު އެގެއަށް ހިނގައްޖެނަމަ ރާދުއަށް ފެންނާނެ. އޭނާގެ ކުރިމައްޗަށް އަރާކަށް އަދި ބޭނުމެއްނޫން. އަނެއްކޮޅުން ހަލަފް ހުރިއްޔާ އަހަންނާއި ނިމްއަށް އެކަނި ވާހަކަދައްކާލަން ފުރުޞަތެއް ނުލިބޭނެ. އެންމެ ރަނގަޅުވާނީ އަހަރެން އެކަނި ނިމްއާ ބައްދަލުކުރިއްޔާ" ފޯނުން ހަލަފްގެ ނަންބަރަށް ޑައިލްކޮށްލަން އުޅެފައި ވެސް ޝިހާނާ މަޑުކޮށްލީ ސިކުނޑިއަށް ވަން ޚިޔާލުގެ ސަބަބުންނެވެ. އެހެންވެ ކުރިން ވިސްނުނު ގޮތް ބަދަލުކޮށް ނިމްރާގެ ނަންބަރަށް ގުޅާލިއެވެ. އޭނާއާއެކު އެރޭގެ ވަގުތެއްގައި ކޮފީއަކަށް ދިއުމަށް ނިމްރާއަށް ދަޢުވަތު ދިނެވެ. ނިމްރާގެ އަޑުން އޭނާ އުފާވިކަން އެނގުނެވެ. ނަމަވެސް ކުއްލިއަކަށް ނިމްރާގެ ރާގު ބަދަލުވިކަން ފާހަގަވިއެވެ.

"އަރްސަލް ވަރަށް ސުވާލުކުރާނެ އަހަރެން ބޭރަށް ދާން އުޅޭކަން އެނގިއްޖެއްޔާ" ފޯނުން ނިމްރާގެ އަޑު ޝިހާނާއަށް އިވުނެވެ.

"ބުނޭ އަހަންނާއެކުއޭ... އަހަރެން ވެސް އަރްސަލް ގާތު ބުނެލާފައި ބާއްވާނަން. އޭރުން އޯކޭއެއްނު... އަރްސަލް އޯކޭވާނެ އަހަންނާއެކު ނިމް ތަނަކަށް ދިޔަޔަސް" ޝިހާނާ ބުނެލިއެވެ. އިތުރު ބަހަނާތަކެއް ނުދައްކާ ޝިހާނާ ބުނި އެއްޗެއް ނިމްރާ ޤަބޫލުކުރިއެވެ.

ރޭގަނޑު ދިހައެއް ޖަހަންވާއިރަށް ޝިހާނާ ތައްޔާރުވެގެން ގެއިން ނުކުތެވެ. ބައްޕަ، މުއްޠަލިބު ދުއްވާ ކާރުގެ ޑްރައިވަރަށް ގޮވާލަމުން ކާރު ގަރާޖުން ނެރުމަށް އެދުނެވެ. ގޭގެ ބޮޑު ދޮރޯށި ދޮށުގައި ޝިހާނާ މަޑުކޮށްލައިގެން ހުއްޓާ ޑްރައިވަރު ކާރުނެރެ ދޮރޯށި ދިމާއަށް ވާގޮތަށް ކާރުގައި އައިސް މަޑުކޮށްލިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ޝިހާނާ އަވަސް އަވަހަށް ފަހަތު ސީޓަށް އަރާ ކާރުގެ ދޮރުފަތް ލައްޕާލިއެވެ. އެއަށްފަހު ހުޅުމާލޭގައި ހުންނަ އަރްސަލްމެން ދިރިއުޅޭ ގެއަށް ދިއުމަށް ޑްރައިވަރަށް ޝިހާނާ އެންގިއެވެ.

ނިމްރާއަށް ގުޅާލިތާ ގިނައިރެއްނުވެ އިމާރާތުގެ މައިދޮރޯށިން ނުކުމެ މަގުމައްޗަށް ނުކުމެވެން ހުރި ގޭޓު ހުޅުވާލައި ނުކުތްތަން ކާރުގައި އިން ޝިހާނާއަށް ފެނުނެވެ. އޭނާ އަވަސް އަވަހަށް ކާރުން ފައިބާ ނިމްރާއަށް ހަނާ އަޅާލަން އަތް ހިއްލާލި ވަގުތު ނިމްރާގެ ފަހަތުގައި ކަހަލަ ގޮތަކަށް ހުރި އަރްސަލް ލޮލުގައި އަޅައިގަތެވެ. ވަގުތުން ޝިހާނާއަށް ހިސާބެއްގެ ހާސްކަމެއް ލިބިގެންދިޔައެވެ. ހިތްނުތަނަވަސްވާ ފަދަ ގޮތްތަކެއް އަރްސަލް ފެނުމުން ޝިހާނާއަށް ކުރެވިގެންދިޔައީ ރާދިންއާއި އަރްސަލްގެ ދެމެދުގައި އޭނާއާ ގުޅޭ ގޮތުން ވާހަކަތަކެއް ދެކެވިފައި އޮވެދާނޭ ހީވެގެންނެވެ. ހުރި ފިޔަވަޅު މަތީ ޝިހާނާ ގަނޑުވެފައި ހުއްޓާ ނިމްރާ އޭނާގެ ގާތަށް އައެވެ. އޭނާއާއެކު އަރްސަލް ވެސް އައެވެ.

"އަރްސަލް ކީއްކުރަން ތި އައީ؟ ނިމްއަށް މިވަރުގެ މިނިވަންކަމެއް ވެސް ނޯންނަނީތަ؟ އަހަރެން ބުނީމެއްނު އަހަރެންގެ ދަޢުވަތެކޭ މީ... ޑޯންޓް ބީ އަ ކޮންޓްރޯލް ފްރީކް އަރްސަލް" އަމިއްލަ އިޙްސާސްތައް ފޮރުވަމުން ޝިހާނާ އިޝާރާތްކުރީ އަރްސަލްއާއި ނިމްރާގެ ދެމެދުގައި އޮންނަ ގުޅުމަށެވެ.

"އެހެންޏާ އާނާ އައިސް ގެއަށް ނުވަދެއެއް ނުދަމެއްނު. އަހަރެން ނޫނެކޭ ނުބުނަމެއްނު ތި ދެ މީހުން ކޮފީއަށްދާކަށް" އަރްސަލް ބުންޏެވެ.

"އޯކޭ!... އަހަރެމެން ދަނީ ދެން" އަރްސަލް ބުނި އެއްޗަކަށް ދޭނޭ ޖަވާބެއް ނޭނގުމުން ޝިހާނާ އަވަސްވެލީ ނިމްރާ ގޮވައިގެން ދިއުމަށެވެ.

"އާނާ! ޑޯންޓް މެސް ވިތް ހާ ހެޑް... އެންޑް ޔޫ ގާލްސް... ބީ ސޭފް" އަރްސަލް ދެ އަންހެންކުދީންނަށް ވަކިވަކިން ބަލާލިއެވެ. ޝިހާނާ ބޯޖަހާލާފައި ކާރަށް އެރުމަށް ނިމްރާއަށް އިޝާރާތްކުރިއެވެ. އަރްސަލް އެއްފަރާތަކަށް ޖެހިލާ ކާރު ނައްޓާލުމަށް ތަންދެއްކިއެވެ.

ހުޅުމާލޭގައި ހުންނަ ބްރެޑްމެޓާސް ރެސްޓޯރެންޓު ހުރި ހިސާބުގައި ކާރު މަޑުކޮށްލުމާއެކު ޝިހާނާ ޑްރައިވަރަށް އިރުޝާދު ދިނީ އޭނާ ގުޅަންދެން އެނބުރި ދިއުމަށެވެ. ޑްރައިވަރު ބޯޖަހާލުމުން ޝިހާނާ ދެން ބަލާލީ ނިމްރާއަށެވެ. އެއާއެކު ދެ އަންހެންކުދީން އެކުގައި ކާރުން ފައިބައިގެން އައިސް ރެސްޓޯރެންޓުގެ ތެރެއަށް ވަނެވެ. މީހުންނާއިގެން ފުރިފައި އޮތް ނަމަވެސް ދެ މީހުންނަށް އިށީނދެވޭނޭހެން ހުރި ހުސް މޭޒެއް ލިބުނެވެ. އެ މޭޒު ދޮށުގައި ޝިހާނާއާއި ނިމްރާ އިށީނެވެ. އޭރު ރެސްޓޯރެންޓުގައި ކުޅެވެމުންދިޔަ ލައިވް މިއުޒިކުގެ އަޑާއި މޭޒުތަކުގައި ތިބި މީހުންގެ ވާހަކަދެއްކުމާއި ހުނުމުގެ އަޑު މާޙައުލަށް ދިރުން ގެނެސްދެއެވެ. މޭޒު ކައިރީ އައިސް ހުއްޓިލި ވެއިޓަރަށް ބަލާލަމުން ޝިހާނާ ޚިޔާރުކުރި އެއްޗެހި ބުނެލިއެވެ. ނިމްރާ އެތަނަށް އައި ފުރަތަމަ ފަހަރަކު ކަމަށްވާތީ އޭނާ ޚިޔާރުކުރީ ޝިހާނާ ނެގި އެއްޗިއްސެވެ. ދެ އަންހެންކުދީންނަށް ހަމަޖެހިލެވުނީ އެއަށްފަހުއެވެ.

"އައި ލަވް ދެޓް ސޯންގް" ބޭންޑުން ކުޅެމުންދިޔަ ލަވައަށް އިޝާރާތްކޮށް ނިމްރާ ބުނެލިއެވެ. ޝިހާނާ ހަމައެކަނި އެއްބަސްވުމުގެ ގޮތުން ބޯޖަހާލީއެވެ. އޭނާގެ ޠަބީޢަތަށް ބަދަލެއް އައިސްފިކަން ނިމްރާއަށް ފާހަގަ ކުރެވުނީ ދެނެވެ.

"ކަމަކުތަ އަހަރެން ގޮވައިގެން އާނާ ކޮފީއަކަށް ތި އައީ؟ އަހަރެން ވެސް ހިތަށް އެރި އަރްސަލް ކުރި ސުވާލުކުރަން... ކަމެއް ދިމާވެގެންތަ ތިއުޅެނީ" ޝިހާނާއަށް ވެފައި އިން ގޮތެއް އޮޅުން ފިލާތޯ ނިމްރާ ވާހަކަދެއްކިއެވެ.

"ކަމެއްވެއްޖެ... މީހަކާ މަޝްވަރާކޮށްލަން ބޭނުންވީ. އަހަންނަށް ނިމްގެ ތި ހުންނަ ގޮތް ވަރަށް ކަމުދޭ... މީގެ ކުރީން ތީ ކާކުކަމެއް ނޭނގުނަސް މިހާރު މި ތިބީ ބައްދަލުވެފައި. އަރްސަލްއާއި ރާދިން އެކޭ އެއްގޮތަށް ނިމްއަކީ ވެސް އަހަންނަށް އިތުބާރުކުރެވިދާނޭ ރަނގަޅު ރަޙުމަތްތެރިއަކަށްވާން ބޭނުންވަނީ... އަހަރެން އަންހެން ރަޙުމަތްތެރިއަކު ނުހުރޭ. ރައްޓެހިން ތިބޭ އެކަމަކު ޕާސަނަލް ކަމަކާ މަޝްވަރާކުރާނޭ ވަރު ރައްޓެއްސެއްނެތީ... ހިތަށް އަރާ..."

"އަހަންނަށް އިތުބާރުކޮށްފިނަމަ އިރާދަކުރެއްވިއްޔާ އެ އިތުބާރު ގެއްލުނަކަ ނުދޭނަން... ޔޫ ކޭން ޓްރަސްޓް މީ... އައި ވިލް ބީ ޔޯ ފްރެންޑް. އަނެއްހެން ބުނާނަމަ އަހަރެން ވެސް ގާލްފްރެންޑެއް ބޭނުން. އަހަރެންގެ އަންހެން ކީއްކުރަން ފިރިހެން ރަޙުމަތްތެރިއަކު ވެސް ނުހުރޭ. ހެ ހެ ހެ... ކެން ޔޫ ބްލީވް އިޓް... ވީ އާ ސޭމް... ކައިންޑާ... އާނާ! ތިހެން ހީނ ވެސް ނުލާ އިނީމަ އާނާއާ ނުވެސް ގުޅޭ... ހަލަފްއާއި އާނާއާ ދެ މީހުން ހިނިގަނޑެއް ޖަހާނުލާ ތިބިއްޔާ އެދެން ވަރަށް ބޮޑުކަމެއްވީކަން ޔަގީން" ޝިހާނާގެ ވާހަކަ ފުރިހަމަ ނުވަނީސް ނިމްރާ ބުނެލިއެވެ. އެހިނދު ޝިހާނާ ނިކަން ބޮޑަށް ހިނިތުންވެލިއެވެ.

"ފުރަތަމަ ދުވަހު ވެސް ނިމް ފެނިފަ އަހަންނަށް އެނގުނު ތީ ކިހާ ޖެނުއިން ކުއްޖެއްކަން. އައި ލަވް ދެޓް އަބައުޓް ޔޫ. އެކަމަކު އަހަރެން ބުނަން މިއުޅޭ ވާހަކައަކީ އެއީ އެއްނޫން. އަހަންނަށް ވަރަށް ބޮޑަށް ފިރިހެންކުއްޖަކު ކަމުދިޔައީ... ލޯބީގެ ގޮތުން ގުޅެން ބޭނުން. އެކަމަކު އަހަރެން ބިރުގަންނަނީ... ބުނެ އެއްނު އަންހެނުން ކުރިން މުސްކުޅިވާނޭ. އަހަންނަށްވުރެ އޭނާ ދެއަހަރު ހަގު. އެންމެ ދެއަހަރަށްވިޔަސް އުމުރުގެ ފަރަގު ހުރަހަކަށްވެދާނޭ ހީވަނީ. ނިމްނަމަ ކިހިނެއް ކަންތައްކުރާނީ" ޝިހާނާއަށް ރާދިންގެ ނަން ފާޅުކުރާކަށް ނުކެރުނެވެ. އެހެންވިޔަސް އޭނާ ދެއްކި ވާހަކަ ނިމްރާ އިނީ ކަނުލާ އަޑުއަހަންކަން ޔަގީންވިއެވެ.

"ތިބުނާ ފިރިހެންކުއްޖާ އާނާދެކެ ލޯބިވޭތަ؟ ކިހާ ވަރަކަށް އޭނާއަށް އިތުބާރުކުރެވެނީ؟" ނިމްރާ ފުރަތަމަ ވެސް ކުރީ ސުވާލެވެ.

"އަހަރެންގެ އުމުރުން ވީހާ ދުވަހެއް ވެދާނެ އަހަންނަށް އޭނާ އެނގޭތާ. ވީ އާ ވެރީ ގުޑް ފްރެންޑްސް... އޭނާގެ އުޅުން ހުންނަ ގޮތް އެނގޭ. ޒިންމާދާރުވެފައި އަޙުލާޤު ރަނގަޅު. ސީދާ ލޯބިވެޔޭ ނުބުނޭ... އެ ފުރުޞަތު އަހަރެން ނުދޭތީ ނުބުނެވިފަހެން ހީވަނީ. މިހާތަނަށް އަންހެންކުއްޖަކު ގޮވައިގެން އުޅެނިކޮށް އަހަރެން ނުދެކެން. އޭނާ ކުއްޖެއްދެކެ ލޯބިވި ވާހަކަ ބުނި... އަހަރެން ވެސް ކުރީން ރިލޭޝަންޝިޕްއެއްގައި އުޅުނިން.... އިޓް ޑިޑިންޓް ވޯކްއައުޓް. ވެލް! ދިސް ޔަންގްމޭން... އަހަރެމެން ދެމެދުގައި ކުޑަ އެކްސިޑެންޓްއެއް ވަރަށް ފަހުން ހިނގީ. މާ ބޮޑުކަމެއްނޫން... އޭނާ މާނައެއްނެތް ގޮތަކަށް އަންހެންކުއްޖެއްގެ އިޙްސާސްތަކާ ނުކުޅޭނެކަން އަހަންނަށް އެނގޭ. އޭނާއަކީ އެއްވެސް އިރަކު އެހެން އުޅުނު މީހެއްނޫން. މިހާރު އޭނާ ބޭނުންވަނީ އަހަންނާ ބައްދަލުކުރަން. ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުންވާކަން ހާމަކުރީ... އަހަންނަށް ދޭނޭ ޖަވާބެއް ނޭނގެ. ލޯބިވެޔޭ ބުނެފިއްޔާ އަހަރެންގެ އުމުރު މައްސަލައަކަށް ވެދާނޭ ހީވަނީ" ޝިހާނާގެ ވާހަކަތަކުން އޭނާ އެ އިޝާރާތްކުރާ ޒުވާނާއަކީ ކާކުކަން ނިމްރާއަށް ހީވިއެވެ. ނަމަވެސް ޔަގީންނުވާތީ ނަން ނުކިޔާން އިނީއެވެ.

"އެކަކު އަނެކަކުގެ ގޮތް ކުރީންސުރެ އެނގޭނަމަ އެ ދެމެދަށް ލޯބިވަނުމަކުން ގޯހެއްނެތެއްނު... އަންހެންކުދީން ވެސް އެ މީހުންނަށްވުރެ އެތައް އަހަރެއް ދޮށީ ފިރިހެނުންނާ ގުޅޭ... މިހާރު އޭޖް ޑަޒަންޓް މެޓާ. އާނާ ހީކުރާހާ މުސްކުޅިއެއް އަދި ނުވެޔޭ... ޔޫ ސްޓިލް ލުކް ސްޓަނިންގް. ދެއަހަރަކީ ހަޤީޤަތުގައި މީހަކު ބުނާހާ ބޮޑު ފަރަގެއް ވެސް ނޫން.... ލޯބިވާ މީހަކު އުމުރުގެ ފަރަގަކަށްނުބަލާނެ... ލޯތްބަކީ ޝަރުތުކުރުމެއްނުވާ އިޙްސާސެއް... އާނާއަށް އެ ޒުވާނާއަށް އިތުބާރުކުރެވޭއިރު، އޭނާ ދައްކާ ވާހަކަ އަޑުއަހާށޭ އަހަރެން ބުނާނީ. ބައެއްފަހަރު އުފާވެރިކަން ހޯދަން ތިމާ ވެސް މަސައްކަތް ކުރަންޖެހޭ ފަހަރު އާދޭ. އޭނާ ބުނާ އެއްޗެއް އަޑުއެހުމަށްފަހު ގޮތެއް ނިންމަމާ... ފަހަރެއްގައި މީ އާނާގެ ދިރިއުޅުމުގައި އުމުރަށް ލޯބީގެ ކުލަޖެހިގެންދާނޭ ފަހަރަކު ކަމަށް ވެސް ވެދާނެއެއްނު... ކޮންމެ ކަމަކަށް ވެސް ވަގުތެއްވޭ. މީ އާނާއަށް ޓަކައި ތަޤުދީރު ޚިޔާރުކޮށްދިން ބައިވެރިއާއަށް ވެސް ވެދާނެ. އައި ރިއަލީ ހޭވް އަ ގުޑް ފީލިންގް އަބައުޓް ދިސް" ނިމްރާ ހިނިތުންވެލިއެވެ. ޝިހާނާއަށް އޭނާގެ މަޤްޞަދު ވެސް ހާސިލުވެއްޖެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު އަލުން ލިބިއްޖެއެވެ. އިތުބާރު ހިފޭނޭ އެކުވެރިއެއް ވެސް ޝިހާނާއަށް ލިބުނީއެވެ.

"ދެން އަހަރެން ސުވާލެއް ކުރަންތަ؟" ޝިހާނާ އެއްޗެއް ނުބުނެ އިންނަން ފެށުމުން ނިމްރާ ވާހަކަދެއްކިއެވެ. ޝިހާނާ ހޫން ލައްވާލިއެވެ.

"އެ މީހަކީ ރާދުތަ ނޫނީ އަރްސަލްތަ؟ އެހެންވެ ދޯ ގެއަށް ނުވަންނަން ތިއުޅެނީ... އަހަންނަށް ފެނުނޭ އަރްސަލް ފެނުމުން އާނާއަށް ވީގޮތް" ނިމްރާއަށް ހީވާ ގޮތް ހާމަކުރިއެވެ. ވަގުތުން ރަކި ހިނިތުންވުމެއް ޝިހާނާގެ ތުންފަތަށް ވެރިވިއެވެ. އެ ދެ ލޮލުން ސިއްރު ބޭޒާރުވެއްޖެކަމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ.

"އަރްސަލް! ދެޓް ކޮންޓްރޯލް ފްރީކް... ހެ ހެ ހެ... ނޯ ވޭ" ޝިހާނާ ބުނެލި ގޮތުން ނިމްރާއަށް ވެސް ހެވުނެވެ. ހަމައެއާއެކު ޝިހާނާ ބުނީ ކޮން ޒުވާނެއްގެ ވާހަކަކަން ނިމްރާއަށް ޔަގީން ވެސް ވެއްޖެއެވެ.

"ތި ދެ މީހުން އެކުގައި ފެނުމަކީ އަހަންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް. ރާދުއަކީ ވަރަށް ޕާފެކްޓް މީހެއް. މިހާތަނަށް އަހަރެން ދުށް އެންމެ ޕާފެކްޓް މީހާ... ތި ދެ މީހުން ގުޅިއްޖެނަމަ އެންމެ ފުރިހަމަ ޖޯޑަށް ވާނޭކަން ޔަގީން" ނިމްރާގެ ވާހަކަތަކުން ޝިހާނާއަށް ބަޔާންކުރަން ދަތި ފިނިކަމެއް ހިތަށް ލިބިގެންދިޔައެވެ. ސިކުނޑީގައިވި ހާސްކަން އެއްކޮށް ފިލައި ހިނގައްޖެއެވެ. ރާދިންއާ ބައްދަލުކުރުމަށް ޝިހާނާގެ ހިތް އެދެންފެށިއެވެ.

"އަހަރެން ވެސް ދުށުމަށް ބޭނުންވާކަމެއް އެބައޮތް" ޝިހާނާ މަޑުމަޑުން ބުނެލިއެވެ. ނިމްރާ ލޮލުން އިޝާރާތްކޮށްލި ގޮތުން އޭނާ އެ ސުވާލުކުރީ ކޮންކަމެއްތޯކަން ޝިހާނާ ދެނެގަތެވެ.

"އަރްސަލްއާއި ނިމް ވަރަށް ގުޅޭ. ރާދުއާއި ހަލަފްގެ އިތުރުން އަހަރެން ވެސް ވަރަށް އެދޭ ކަމެއް އެއީ. ނިމްއާ ޖެހުނީމަ އަރްސަލް މުޅިން ބަދަލުވެއްޖެ. ކުރިއަކުން ދުވަހަކުވެސް ނުދެކެން އޭނާގެ މިހާރު އެ ފެންނަ ސައިޑެއް... އޮބްސެސްޑް، ކޮންޓްރޯލިންގް... އެންގަރ... އޭނާ ހީވަނީ ކޮންމެ ގޮތަކުން ވެސް ނިމް ހާސިލުކޮށް މިލްކުކުރަން ބޭނުންވެފައި ހުރި މީހެއްހެން. ހިތުގައި އިޙްސާސްތަކެއް ނުވާނަމަ އެގޮތަކަށް އެކަކު ވެސް ނޫޅޭނެ. އަރްސަލް ގުޅެން ބޭނުންވެއްޖެނަމަ ނިމް އޭނާއާ ގުޅި ދާނަންތަ؟" ޝިހާނާ ސުވާލުކުރިއެވެ.

"އަރްސަލްގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް ވެސް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. އަހަންނަށް ތި މީހުންނަށް އަރްސަލް އެނގޭ ގޮތަށް ނޭނގިދާނެ. އެކަމަކު އޭނާއަށް ކެއާ ކުރަން އެނގޭކަން އަހަރެން ވެސް ޤަބޫލުކުރަން... އެ ސިފަ މިފަހަކަށް އައިސް އަހަންނަށް ވަނީ ފެނިފައި... އެކަމަކު ލޯތްބާ ގުޅުވާލަން އަދިމާ އަވަސް. އަހަރެން ޚިޔާރުކޮށްފާނޭހެން ހީނުވަނީ... ހާސިލުކުރިޔަސް ލޯބި ނުވެދާނެ. އިޓްސް ވެރީ ކޮމްޕްލިކޭޓެޑް. ސޮރީ އާނާ... ތިކަމަށް ދޭނޭ ޖަވާބެއް އަދިނެތް. ރަޙުމަތްތެރިއަކާ ޚިއްޞާ ކުރާނަމަ އަހަރެން ބުނާނީ އަރްސަލްއަކީ ވަރަށް އެޓްރެކްޓިވް މޭންއެކޭ... އަހަންނަކީ ވެސް އަންހެންކުއްޖެއް. އެހެން އަންހެން ކުދީން ފަދައިން އަހަންނަށް ވެސް އެ ރީތިކަމަށް ޝައުގުވެރިވެވޭ އެކަމަކު އެފަދަ ކޮންމެ ޝައުގުވެރިކަމަކީ މުޅި އުމުރަށް ހިތްހަމަޖެހުން ގެނެސްދީފާނެ އުފާވެރިކަމެއްނޫން" ނިމްރާ ބުނެލިއެވެ.

"އެހެންވިޔަސް ހެޔޮ! ކޮންމެވެސް ދުވަހަކުން ތި ދެ މީހުން އިރާދަކުރެއްވިއްޔާ ތިބޭނީ އެކުގައި. އަހަރެންގެ ޟަމީރު ބުނަނީ އެހެން. މައި އިންޓިއުޝެން އިޒް ނެވާ ރޯންގް" އާނާ ފުޅާ ހިނިތުންވުމެއް ދިނެވެ. ނިމްރާ ދުލުން ހާމަނުކުރި ނަމަވެސް އޭނާއަށް ޝިހާނާގެ އެ ވިސްނުން ކަމުދިޔައެވެ. އަރްސަލްއާއެކު ދިރިއުޅުމެއް އުޅުމުގެ ޚިޔާލު ކުރެވުނެވެ.

* * * * *

އެޕާޓްމެންޓަށް ވަން ނިމްރާއަށް އަރްސަލްއާއި ރާދިން ބަލާލީ އެކުއެކީގައެވެ. ނިމްރާއަށް ހިނިތުންވެވުނީ އިޚްތިޔާރަކާ ނުލައެވެ. ނަމަވެސް މަޑުކުރުމެއްނެތި ނިމްރާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

"އާނާ ދިޔައީތަ؟" ރާދިންގެ އަޑު އިވުމުން ނިމްރާ ފަސްއެނބުރި ބަލާލިއެވެ.

"އެހެން ދުވަހަކުން އަންނާނަމޭ ބުނި. މިރޭ މާ ލަސްވެފަ ހުރީމަ އެ ދިޔައީ" ނިމްރާ ބުނި ނަމަވެސް ރާދިންއަށް ހަޤީޤަތް އެނގުނެވެ. ޝިހާނާ އޭނާއާ ކުރިމަތިލާން ބޭނުންނުވަނީ ކަމެވެ. އޭނާއަށް ލިބުނު ނުތަނަވަސްކަން މޫނުން ފާޅުވިއެވެ.

"ކީއްކުރީދެން؟ ކޮންތާކަށް ދިޔައީ؟" އަރްސަލް އިނދެފައި އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ. ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ނިމްރާއަށް އައިސް ސޯފާގައި އިށީންނަން ޖެހުނީ އެހެންވެއެވެ. ޝިހާނާއާއި ނިމްރާގެ ދެމެދުގައި ދެކެވުނު ވާހަކަތައް ނިމްރާ ސިއްރުކުރިއެވެ.

އާނާއާއެކު ދެއްކި ވާހަކައެއް އޮޅުން ފިލުވަން އަރްސަލް މަސައްކަތް ކުރިއެވެ. އެގޮތުގައި ނިމްރާއާ ދެ މީހުން ގޮތްދޫނުކޮށް އެ މީހެއްގެ ބަހުގައި ހިފަހައްޓަމުންދިޔައެވެ. ދެ މީހުންގެ ސަމާލުކަން އަތުލީ ސޯފާގައި އިނދެފައި ރާދިން ތެދުވުމުންނެވެ. އޭނާގެ ފޯނަށް ބަލަން ހިނިއައިސްފައި ހުރެފައި ނިކަން އަވަހަށް ކޮޓަރިއާ ދިމާއަށް ރާދިން ދިޔައެވެ.

"ވައި އާ ޔޫ ސްމައިލިންގް" ރާދިންގެ ހަރަކާތްތަކަށް ބަލަން އިނދެފައި ނިމްރާ ހިނިތުންވުމުން އަރްސަލް ސުވާލުކުރިއެވެ.

"ނަތިންގް" ނިމްރާ ބުނެލިއެވެ.

"ދެން ބުނެބަލަ... ސްކާލެޓް! ކަމޯން..." ނިމްރާގެ އަތައް ދަމާލަމުން އަރްސަލް ބުންޏެވެ.

"މާބޮޑުކަމެއް ނުވެޔޭ" ނިމްރާ ފަރުވާކުޑަ ރާގެއްގައި ބުނެލިއެވެ. އަދި ތެދުވީ ކޮޓަރިއަށް ދާންވެގެންނެވެ. އޭނާއާއެކު އަރްސަލް ތެދުވިކަން އެނގުމުން އޭނާގެ އަތުގައި ނުޖެހެން ނިމްރާ ދުއްވައިގަތީއެވެ.

"ޑޯންޓް ޔޫ ޑެއާ ރަން އަވޭ ފްރޮމް މީ" އަރްސަލް ބުނެލިއެވެ. އެއާއެކު ނިމްރާ ނިކަން ބާރަށް ހީނގަތީއެވެ.

* * * * *

ނިމްރާއާ ބައްދަލުވެ ވާހަކަދައްކާލެވުމުން ޝިހާނާއަށް ލިބުނު ހިތްހަމަޖެހުމުގައި އޭނާ ރާދިންއާ ބައްދަލުކުރަން އެއްބަސްވިއެވެ. ހަމަ ޖެހިގެން އައި ދުވަހުގެ ރޭގެ ވަގުތެއްގައި ބައްދަލުކުރަން ގަޑި ކަނޑައެޅިއެވެ. އަށްގަޑި ބައިވަންވީއިރު ރާދިން ހުރީ ޝިހާނާމެން ގޭ ކައިރީގައެވެ. ދެ ޒުވާނުން އެކުގައި ދިޔައީ ރޭގަނޑުގެ ކެއުމަކަށެވެ. ދައްކަން ބޭނުންވެފައި ތިބި ވާހަކަތައް ކުރިއަށް ގެންދިޔައީ ރެސްޓޯރެންޓުގެ މޭޒުގެ ދޮށުގައި ތިބެއެވެ.

"ލެޓްސް ޑޭޓް... އައި ރިއަލީ ލައިކް ޔޫ. އާނާ ލައިކްނުވާކަމެއް އަހަރެންގެ ފަރާތުން ފެންނަމަ އެކަމެއް އަހަރެން ބަދަލުކުރާނަން. ރިލޭޝަންޝިޕްއެއް ފަށަން އަހަރެން ބޭނުން. ސީރިއަސް ރިލޭޝަންޝިޕް... ކޮންމެވެސް ދުވަހަކުން ކައިވެންޏަކާ ހަމައަށް ގެންދަން ބޭނުންވާވަރުގެ ގުޅުމެއް" ރާދިންގެ އަޑުގައި ހުރި ޔަގީންކަން ފާހަގަވެ ޝިހާނާ ހައިރާންވިއެވެ. ހަމައެއާއެކު އުފާވެސް ވިއެވެ.

"އަހަރެން ވެސް ބޭނުންވަނީ ސީރިއަސް ރިލޭޝަންޝިޕްއެއް. މެރީ ކުރަން ބޭނުން، ރާދުއަށް ޔަގީންތަ އަހަންނާއެކު ތި ބޭނުންވާފަދަ ލައިފެއް ލިބިދާނެހެން... އައި އޭމް އޯލްޑަ ދެން ޔޫ" ޝިހާނާގެ ބުންޏެވެ.

"އަހަންނަށްވުރެ އާނާ ދޮށިވުމަކީ އަހަންނަށް އިޙްސާސް ކުރެވޭ ގޮތް ބަދަލުވާނޭ ކަމެއްނޫން. އާނާ އަހަންނާއެކު ރިލޭޝަންޝިޕަކަށް ދާން ހުރިއްޔާ އަހަރެން މި ހުރީ ތައްޔާރަށް. އައި ވިލް ގިވް މައި ބެސްޓް... އަހަރެން ބޭނުން މި ގުޅުން ފުރިހަމަ ގޮތުގައި ކުރިއަށްދާން. އަހަރެން އާނާއަށް ދެރަގޮތެއް ނުހަދާނަން... އެކަން ޤަބޫލުކުރަންތަ؟ އާނާއަށް އެނގޭނެ އަހަރެން މިކަހަލަ ކަންކަމުގައި ސަމާސާއެއް ނުކުރާނެކަން" ރާދިންގެ ޚިޔާލު ހާމަކުރިއެވެ.

"އައި ޓްރަސްޓް ޔޫ" ޝިހާނާ ބުނެލިއެވެ. އެހިނދު މޭޒުމަތީ އޮތް ޝިހާނާގެ އަތުގައި ރާދިން ހިފާލިއެވެ.

"އާނާއަށް އަހަރެން ކަމުދޭތަ... އައި މީން ޑޫ ޔޫ ހޭވް ފީލިންގްސް ފޯ މީ" ރާދިން އަހާލިއެވެ. ރަކި ހހިނިތުންވުމެއް ބަދަލުކޮށްލަމުން ޝިހާނާ ބޯޖަހާލީ އެއްބަސްވުމަށެވެ. (ނުނިމޭ)