ވިޔަފާރި

ދިއްދޫގައި ހަދާ 51 މިލިއަން ޑޮލަރުގެ ހޮޓާ 6102 ގައި ނިމޭނެ: ޑްރީމް ހޯލްޑިން

ދިއްދޫގައި ޑްރީމް ހޯލްޑިން އިން ހަދާ 15 މިލިއަން ޑޮލަރުގެ ސިޓީ ހޮޓަލުގެ މަސައްކަތް 2016 ވަނަ އަހަރު ނިމޭނެ ކަމަށް އެ މަސައްކަތާ ހަވާލުވެފައުވާ ކުންފުނިން މިއަދު ބުނެފި އެވެ.

އދ. ދިއްދޫ ތުނޑީގައި ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތް ބިޑްކޮށްގެން ކާމިޔާބު ކޮށްފައި ވަނީ ޑްރީމް ހޯލްޑިން އިން ނެވެ.

"ހޮޓަލުގެ އިންވެސްޓް ކުރުމަށް މިވަގުތު ނިންމާފައިވަނީ އަމިއްލައަށް،" ކުންފުނީގެ ޗެއާމަން އިބްރާހިމް ހަސަން ވިދާޅުވި އެވެ.

ޑްރީމް ހޯލްޑިންއަށް މި ޕްރޮޖެކްޓް ލިބިފައިވަނީ ދިއްދޫގައި ހޮޓަލެއް ތަރައްގީ ކުރުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ހަތް ފަރާތަކާ ވާދަކޮށްގެންނެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި އެ ހޮޓަލުގެ ސަބަބުން ދިއްދޫއަށް 140-150 ވަރަކަށް ވަޒީފާ އިތުރު ވެގެންދާނެ އެވެ.

"އަޅުގަނޑުމެންގެ މަގުސަދެއް ވަޒީފާތަކެއް އިތުރު ކުރުމަކީ. މި މަޝްރޫއުގެ ސަބަބުން ރައީސް ޔާމީންގެ ވަޒީފާ އިތުރު ކުރުމުގެ ވައުދަށް އިތުރު ވަޒީފާތަކެއް އިތުރު ވާނެ،" އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި ހޮޓަލުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށޭ ވަރުވާނެ އެވެ.

"އިރާދުކުރެއްވިއްޔާ މަސައްކަތް ކުރަމުން މިދަނީ ފެބްރުއަރީ މަހު ހޮޓަލުގެ މަސައްކަތް ފެށުމަށް،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑްރީމް ހޯލްޑިންއިން ދިއްދޫގައި ހަދާ ހޮޓަލަކީ 105 ކޮޓަރީގެ ހޮޓަލެކެވެ.

"ހޮޓަލަކީ އެއް ގޮތަކުން ބުނެވިދާނެ ކުޑަ ރިސޯޓެކޭ ވެސް. މި ތަނުގައި އެއް ފަހަރާ 200 ޓޫރިސްޓުނަށް ތިބެވޭނެ. މިތަނުގައި ޓޫރިސްޓުންނަށް ބޭނުންވާ ހުރިހާ ފެސިލިޓީސްތަކެއް ހުންނާނެ. މި ހޮޓަލުގައި ސްޕާއެއް ވެސް ހުންނާނެ. ހޮޓާ ނިމޭއިރު ވަރަށް ފުރިހަމަ ވާނެ،" އިބްރާހިމް ވިދާޅުވި އެވެ.