ދުނިޔެ

އަންބާރު މިނިވަންކުރުމުގެ މަސައްކަތް އިރާގު އަސްކަރިއްޔާއިން ފަށައިފި

May 27, 2015

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން އިރާގުގެ އަންބާރު ޕްރޮވިންސް މިނިވަންކުރުމުގެ މަސައްކަތް އަސްކަރިއްޔާ އާއި ޝީއީ ހަނގުރާމަވެރިން ގުޅިގެން އިއްޔެ ރަސްމީކޮށް ފަށައިފި އެވެ.

އަންބާރަކީ އައިސް އިން އެންމެ ފަހުން ހިފާފައިވާ ރަމާދީ ސިޓީ ހިމެނޭ ޕްރޮވިންސެވެ.

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން މި މަހު 17 ގައި ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި އަސްކަރިއްޔާ އަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ވަނީ ވަގުތުން ޖަމާވެފަ އެވެ. ގާތްގަނޑަކަށް 3،000 ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެން ތިބޭތާ ހަތަރު ދުވަސް ފަހުން، މިދިޔަ އާދިއްތަ ދުވަހު ވަނީ ރަމާދީ އަލުން ހިފުމުގެ މަސައްކަތް ފަށާފަަ އެވެ. އެ އޮޕަރޭޝަންގައި، ރަމާދީގެ އިރުމަތީގައި އޮންނަ ހުސޭބާ ނަމަކަށް ކިޔާ އަވަށުން އައިއެސްގެ ހަނގުރާމަވެރިން ވަނީ ފަހާލާފަ އެވެ.

ޝީއީ ހަނގުރާމަވެރިންގެ ތަރުޖަމާނު އަހުމަދު އަލްއައްސަދީ އިއްޔެ ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ޝީއީ ހަނގުރާމަވެރިންނާއި އައިއެސްއާ ދެކޮޅު ސުންނީ ގަބީލާތަކުގެ ހަނގުރާމަވެރިން އަމިއްލަ އަށް ފެށި އޮޕަރޭޝަން މިހާރު ވަނީ މުޅި އަންބާރު ޕްރޮވިންސަށް ފުޅާކޮށްފަ އެވެ. އެ ގޮތުން، ސަރުކާރު ސިފައިންނާއި ހަނގުރާމަވެރިންގެ ފައުޖުތައް ގާއިމުވެގެން ތިބި ސަލާހުއްދީން ޕްރޮވިންސުން ނުކުމެ އަންބާރު ޕްރޮވިންސްގެ ދެކުނަށް މިސްރާބު ޖަހަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއިގެ ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ރަމާދީގައި ތިބި އައިއެސްގެ ހަނގުރާމަވެރިން އެ ސިޓީ ތެރޭގައި ތާށިކޮށްލުމެވެ.

"މުޅިން އާ ވައްތަރުތަކުގެ ހަތިޔާރު ބޭނުންކުރާނަން. މިއީ އަދުއްވުން ސިއްސުވާލާ ވަރުގެ އޮޕަރޭޝަނަކަށް ވާނެ. [އަންބާރު ޕްރޮވިންސް އަތުލަން] މާ ގިނަ ދުވަހެއް ނުނަގާނެ،" ގައުމީ ޓީވީން ވަގުތުން ދެއްކި ނޫސްވެރިންގެ ބައްދަލުވުމުގައި އަލްއައްސަދީ ވިދާޅުވި އެވެ.

ރަމާދީ ހިމެނޭ އަންބާރު ޕްރޮވިންސް އަތުލުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި މި ވަނީ، އައިއެސްގެ އަތް ދަށުން ރަމާދީ ވަރަށް އަވަހަށް މިނިވަންކުރެވޭނެ ކަމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވެފައި ވަނިކޮށެވެ. މިދިޔަ ހޯމަ ދުވަހު ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އަބާދީ ވިދާޅުވެފައި ވަނީ އައިއެސްއާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި ބޭރު ދުނިޔޭގެ އެހީތެރިކަން މިހާރަށް ވުރެ ވެސް ބޮޑަށް ބޭނުންވާ ކަމަށެވެ.

ރަމާދީ ހިފުމާ އެކު، އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު އަބާދީއާ، ކުރިމަތިލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ.

އައިއެސް އިން ވަނީ އިރާގުގެ އިތުރުން، އަވަށްޓެރި ސީރިއާގައި ވެސް މިދިޔަ ހަފުތާގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ގޮތުން، ސީރިއާ އާއި އިރާގު ގުޅޭ ބޯޑަރުގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ހޯދައި ސީރިއާގެ ދެބައިކުޅަ އެއްބައި ސަރަހައްދު އެ ޖަމާއަތުގެ ބާރުގެ ދަަށަށް ވަނީ ގެނެސްފަ އެވެ. ސީރިއާގެ ދައިރު އައް ޒޫރު އަދި ރައްގާ ޕްރޮވިންސުގެ ބޮޑު ބައެއް އައިއެސް އިން ހިފާފައި ވާއިރު، ހަސާކާ އާއި ހަލަޕް އާއި ހޯމްސް އަދި ހަމާ ޕްރޮވިންސުގައި ވެސް އެ ޖަމާއަތުގެ ބާރު ވަނީ ގަދަކޮށްފަ އެވެ. މީގެ އިތުރުން، އެ ޖަމާއަތުން ވަނީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އާސާރީ ތަރިކަތައް ހުރި ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާ ވެސް މިދިޔަ ހަފުތާގައި ހިފާފަ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.