ހަބަރު

މާލޭހިޔާއާ ސިނަމާލެ ފްލެޓްތަކަށް ސިޓީ ކައުންސިލުން ވަނީ އިހުމާލުވެފައި: މުއިއްޒު

Jun 23, 2018
3

މާލޭހިޔާ އަދި ސިނަމޭލޭގެ ފްލެޓްތަކަށް ޒިޔާރަށް ކުރުމުން މާލޭ ސިޓީ ކައުންސިލުން އިހުމާލު ވެފައިވާ މިންވަރު ފެނިގެންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިނަމާލެ އަދި މާލޭހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އަރިހަށް ޒިޔާރަތް ކުރުމުން އެނގިގެންދާ ކަމަކީ މާލޭސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެ ފްލެޓް ތަކަށް އެ ކައުންސިލުން އިހުމާލުވެފައިވާ މިންވަރު ކަމަށެވެ. މިނިސްޓަރު ވަނީ ރައްޔިތުންނަށް އިހާނެތިކޮށް އެމްޑީޕީގެ ބެލުމުގެ ދަށުގައިވާ ކައުންސިލުން ކަންތައް ކުރަނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

މިނިސްޓަރު މިގޮތަށް ޓްވީޓްކޮށްފައިވާއިރު، މިދިިޔަ އޭޕްރީލް މަހު މާލެއަށްކުރި ވިއްސާރާގައި މާލޭހިޔާގެ ފުރާޅުން ވާރޭ ވެހި ފްލެޓްތަކެއްގެ އެތެރެ ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. ވިއްސާރަ ދުވަސްވަރާ ދިމާކޮށް މާލޭ ހިޔާގެ ފްލެޓްތަކަށް އެ މައްސަލަ ކުރިމަތިވެ އެވެ. އެ ފްލެޓްތައް ގިނަ ދުވަސްވެ މަރާމާތު ނުކުރުމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.