ދުނިޔެ

އުރުދުޣާންގެ މުސްތަގުބަލާއި ގުޅިފައިވާ ތުރުކީގެ މައި ދެ އިންތިހާބު އާދީއްތަ ދުވަހު!

Jun 23, 2018

އާދީއްތަ ދުވަހު ތުރުކީގެ ރައްޔިތުން ނިކުމެ އެ ގައުމުގެ މައި ދެ އިންތިހާބުގައި ވޯޓުލާން ތައްޔާރުވާއިރު، މި ތާރީހީ ދެ އިންތިހާބު ވެގެންދާނީ، ތުރުކީއާއި ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ މުޅި ސިޔާސީ މުސްތަގުބަލު ކަނޑައަޅާ ރައްޔިތުންގެ ނިންމުމަކަށެވެ.

ބާރުތައް އިތުރުކޮށް، އުރުދުޣާން ވަނީ 2019 ވަނަ އަހަރު ބާއްވަންޖެހޭ ރިޔާސީ އިންތިހާބު އާދީއްތަ ދުވަހަށް އަވަސްކޮށްފަ އެވެ. އުރުދުޣާންގެ 15 އަހަރުގެ ސިޔާސީ ހަޔާތުގައި މިހާތަނަށް އިންތިހާބަކުން ބަލި ނުވި ނަމަވެސް، ދެވަނަ ދައުރަކަށް އޭނާ މި ކުރިމަތިލައްވަނީ އިދިކޮޅު ފަރާތްތައް ވަރަށް ވަރުގަދަވެ ތުރުކީގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ.

ތުރުކީގެ ރައީސްގެ މަގާމަކީ ރަމްޒީ މަގާމެއްގެ ގޮތުގައި ކުރިން އޮތް ނަމަވެސް، 2017 ވަނަ ނެގުނު ފެން ނުފެންނަ ވޯޓަކުން، އެ ގައުމުގެ ރައީސަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ އިންތިހާބު ކާމިޔާބު ކުރުމަށް އުރުދުޣާނަށް މާ ބޮޑު ހުރަހެއްނެތް ކަމަށެވެ. ނަމަވެސް، 50 ޕަސަންޓަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން ދެ ވަނަ ބުރަކަށް ނުގޮސް، އުރުދުޣާނަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ދެވަނަ ބުރަކަށް ވޯޓުލާން ޖެހިއްޖެނަމަ، އިންތިހާބު ނާކާމިޔާބު ވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އަނެއް ބަޔަކު ދަނީ ބުނަމުންނެވެ.

ރިޔާސީ އިންތިހާބުގެ އިތުރުން، ތުރުކީ ރައްޔިތުން އާ މަޖިލީހެއް ހޮވުމަށް ވެސް އާދީއްތަ ދުވަހު ވޯޓުލާނެ އެވެ. މި އިންތިހާބުގެ ނަތީޖާ ވެސް އުރުދުޣާނަށް ވަރަށް މުހިންމު ވާނެ އެވެ. ސަބަބަކީ، ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅުން ކާމިޔާބު ކޮށްފިނަމަ، އުރުދުޣާނުގެ ވެރިކަމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން މަޖުބޫރުވާނެ އެވެ.

ރައްޔިތުންގެ މަގުބޫލުކަން ހޯއްދަވާފައިވާ އުރުދުޣާން، 2016 ވަނަ އަހަރުން ފެށިގެން ގައުމު ހިންގަވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އެނާ އާދެކޮޅަށް ކުރި ބަޣާވާތެއް ނާކާމިޔާބު ކޮށްލުމަށްފަހު، އެއް ލައްކަ އަށް ވުރެ ގިނަ ސިފައިންނާއި ސަރުކާރު މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި އެ ބަޣާވާތާއި ގުޅިގެން 50،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ދައުވާކޮށް ހައްޔަރުކުރެވިފަ އެވެ.

ޖުމްލަ ހަ ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އުރުދުޣާނާއި ދެކޮޅަށް އެންމެ ވަރުގަދަކޮށް ފެންނަނީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ މުހައްރަމް އިންސް އެވެ. އިގްތިސާދީ ހީނަރުކަމާއި، މަތިވަމުން އަންނަ އިންފްލޭޝަންގެ އުރުދުޣާނާއި ދެކޮޅަށް އިންސް އަންނަނީ ވަރުގަދައަށް ކެމްޕޭނު ކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ، އެކުގައި ބޭއްވޭ މަޖިލީސް އިންތިހާބުގައި އުރުދުޣާންގެ އޭކޭ ޕާޓީގެ ކާމިޔާބީ ވަރަށް މުހިންމުވާނެ އެވެ. އުރުދުޣާންގެ ޕާޓީން 600 ގޮނޑީގެ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ، ރައްޔިތުން އޭނާ އާއި ދޭތެރޭ ދެކޭގޮތް ދެވަނަ ބުރަށް ވޯޓުލާން ނުކުންނަ އިރު ބަދަލުވާނެކަމުގައި ބެލެވެ އެވެ.

ދެ އިންތިހާބު ވެސް އުރުދުޣާނަށް ކާމިޔާބު ވެއްޖެ ނަމަ، އޭނާގެ ސިޔާސީ މުސްތަގުބަލު ވަރުގަދަކުރެވުނީ އެވެ. އިދިކޮޅުން ދެ އިންތިހާބުކޮށްފި ނަމަ، ތުރުކީގެ ސިޔާސީ މަސްރަހު މުޅީންހެން ބަދަލުވެގެންދާނެ އެވެ. އަދި އެއްވެސް ފަރާތަކަށް ދެ އިންތިހާބު އެކުގައި ކާމިޔާބު ނުކުރެވިއްޖެނަމަ، ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ގައުމު ވެއްޓިދާނެ ކަމުގެ ބިރު އެބައޮތެވެ.

އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިމުނުކަމުގައި ވީ ނަމަވެސް، އާދީއްތަ ދުވަހު 56 މިލިއަން މީހުން ވޯޓުލާނީ ތުރުކީގެ މުސްތަގުބަލަށް ކަމުގައި ޝައްކެއްނެތެވެ.