ދުނިޔެ

ބޮމުގެ ހަމަލާއަކުން ޒިމްބާބުވޭގެ ރައީސް ސަލާމަތްވެއްޖެ

Jun 24, 2018

ބުލަވާއިއޯ (ޖޫން 24) - ޒިމްބާބުވޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ބުލަވާއިއޯގައި މިއަދު ހެނދުނު ދިން ބޮމުގެ ހަމަލާއެއްގައި، އެ ގައުމުގެ ރައީސް އެމާސަން ނަންގަގްވާ ސަލާމަތްވެއްޖެ އެވެ.

"މަށާ ވަރަށް ކައިރިން އޭތި ގޮވީ. އެކަމަކު އަދި މަގޭ ވަގުތެއް ނުޖެހެ،" ހަމަލާއަށްފަހު ނަންގަގްވާ ވިދާޅުވި އެވެ.

ބާރުގަދަ ބޮމެއް ގޮވާފައިވަނީ، ވައިޓް ލިލީ ސްޓޭޑިއަމްގައި ބޭއްވުނު ސިޔާސީ އެއްވުމެއްގައި ނަންގަގްވާ ސަޕޯޓަރުންނާއި މުހާތަބު ކުރެއްވުމަށްފަހު ސްޓޭޖުން ފައިބައިވަޑައިގަންނަވަނިކޮށެވެ.

މި ހަމަލާގައި 15 މީހުން ޒަހަމުވެފައިވާއިރު ތިން މީހެއްގެ ހާލު ސީރިއަސްކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރާއި ހަވާލާދީ ބޭރު ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ޒިމްބާބްވޭގައި 37 އަހަރަށް ދެމިގެން ދިޔަ ރޮބަޓް މުގާބޭގެ ވެރިކަން ނިމުމަކަށް ގެނެސް ކުރީގެ ނައިބު ރައީސް ނަންގަގްވާ އިސްވެ އޭނާގެ ޕާޓީ ޒަނޫ-ޕީއެފް އިން ދަނީ ޖުލައި 30 ވަނަ ދުވަހު ޒިމްބާބުވޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް ކެމްޕޭނު ކުރަމުންނެވެ.

ނަންގަގްވާ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ބެލެވުނުކަމުގައިވީ ނަމަވެސް، އޭނާއަށް މުގާބެ ސަޕޯޓަރުންގެ ފަރާތުން ނުރައްކާ ބޮޑު ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހަމަލާއިން ނަންގަގްވާ ސަލާމަތްވިއިރު ނައިބު ރައީސް ކެމްބޯ މޮހާޑީގެ ފައި ޒަހަމްވެފައިވާ ކަމުގައި، ރައީސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ވެރިކަންކުރާ ޕާޓީގެ ބައެއް އިސް އޮފިޝަލުންނަށާއި، ސެކިއުރިޓީ ބަލަހައްޓަންތިބި ބައެއް މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމުގައި ރިޕޯޓްތަކުން ބުނެ އެވެ.

މުގާބޭ ވެރިކަމުން ދުރު ކުރުމަށްފަހު، ނަންގަގްވާ ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. 2002 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އޮބްޒާވަރުންނަށް ހުޅުވައިލައިގެން ބޭއްވޭ އިންތިހާބު އިންސާފުވެރިވާނެ ކަމަށް ނަންގަގްވާ ވަނީ މީގެ ކުރިން ވިދާޅުވިފަ އެވެ.

ޒިމްބާބްވޭގައި ' ކްރޮކޮޑައިލް'ގެ ނަމުން މަޝްހޫރުވެފައިވާ ނަންގަގްވާއަށް މިހާރު އެހާ ބޮޑު ތާއީދެއް ލިބިގެން އުޅެނީ ރޮބަޓް މުގާބޭގެ އަނބަކަނބަލުންނަށް ވެރިކަން ހޯއްދަވައިދެއްވަން ވެގެން ނައިބުރައީސް ކަމުގެ މަގާމުން ނަންގަގްވާ ދުރުކުރެއްވުމުންނެވެ. ޒިމްބާބްވޭ ސިފައިންނާ ގާތް ގުޅުމެއް އޮންނަ ނަންގަގްވާ މަގާމުން ދުރުކުރުމުން އޭނާ ވަޑައިގެންނެވީ ދެކުނު އެފްރިކާއަށެވެ.

މުގާބޭ އެޅުއްވި އެ ފިޔަވަޅާއި އެކު ސިފައިން ނުކުމެ، ގައުމުގެ ކޮންޓްރޯލް އަތުލައި، މުގާބޭ ގޭބަންދުކުރިއެވެ. އަދި ވެރިކަން ކުރާ ޒާނޫ ޕީއެފް ޕާޓީން މުގާބޭ އިމްޕީޗް ކުރުމުގެ މަސައްކަތް އިއްޔެގައި ފެށިއެވެ. އނގިރޭސީންގެ އަތްދަށުން 1980 ވަނަ އަހަރު ޒިމްބާބްވޭ މިނިވަން ވީއްސުރެ ވެރިކަމުގައި ހުންނެވި މުގާބޭ އިސްތިއުފާ ދެއްވީ އެހިސާބުންނެވެ.