ދުނިޔެ

ނަތީޖާ އޮޅުވާލިކަމަށްބުނެ ޒިމްބާބުވޭ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް

Aug 2, 2018

ހަރާރޭ (އޯގަސްޓް 1) - ޒިމްބާބުވޭގެ ގައުމީ އިންތިހާބު ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ތިން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޒިމްބާބުވޭގައި ފަސް މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލެވޭއިރު، އާ ރައީސެއް އިންތިހާބު ކުރުުގެ އިތުރުން، މަޖިލީހާއި ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުމަށް 70 ޕަސަންޓް މީހުން މިދިޔަ ހޯމަ ދުވަހު ވޯޓުލާން ނުކުމެފައިވާ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ.

ހަމައެކަނި މަޖިލީސް އިންތިހާބުގެ ނަތީޖާ އިއުލާނުކުރެވިފައިވާ، މަޖިލީހުގެ މެޖޯރިޓީ ވެރިކަންކުރާ ޒަނޫ-އެފްޕީ އަށް ލިބިފައިވާކަމަށް އިލެކްޝަންސް އޮފިޝަލުން ވަނީ ބުނެފަ އެވެ. ނަމަވެސް، ނަތީޖާ އޮޅުވާލާފައިވާ ކަމަށް އިދިކޮޅު މޫވްމަންޓް ފޮ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) ތުހުމަތުކުރެ އެވެ.

މިގޮތުން، ރިޔާސީ އިންތިހާބު، އިދިކޮޅު ކެންޑިޑޭޓް ނެލްސަން ޗަމީސާ ކާމިޔާބުކޮށްފައިވާ ކަމަށް އަމިއްލަ އަށް އިއުލާނުކޮށްފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީކޮށް އެކަން ކަށަވަރެއްނުކޮށްދެ އެވެ.

ނަމަވެސް، މަޖިލީސް އިންތިހާބުގައި ޖުމްލަ 210 ގޮނޑީގެ ތެރެއިން 140 ގޮނޑި ވެރިކަންކުރާ ޕާޓީން ކާމިޔާބުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިދިކޮޅު އެމްޑީސީ އަށް ލިބިފައިވަނީ 58 ގޮނޑި އެވެ.

ގައުމީ އިންތިހާބާއި ދިމާކޮށް، އެގައުމުގައި 37 އަހަރު ވެރިކަން ކުރެއްވުމަަށް ފަހު މިދިޔަ އަހަރު ފަހުކޮޅު މަގާމު ދޫކޮށްލެއްވި ރޮބަޓް މުގާބޭ ނެތި ބޭއްވުނު ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރެވޭ ވަރު ވާނީ ހޮނިހިރު ދުވަހު ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިއްޔެ ރަސްމީ ނަތީޖާ އިއުލާނު ކުރާނެކަމަށް އިދިކޮޅު ސަޕޯޓަރުން އެއްވެފައިވަނިކޮށް، ހަމައެކަނި މަޖިލީސް އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމާއި ގުޅިގެން، އިދިކޮޅުން ވަނީ މުޒާހަރާއަށް ނުކުމެފަ އެވެ.

މުޒާހަރާ ހުއްޓުވުމަށް ސިފައިންނާއި ފުލުހުން ނުކުމެ، އިދިކޮޅު ސަޕޯޓަރުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިހާތަނަށް އާންމުންގެ ތިން މީހަކު ވަނީ މަރުވެފަ އެވެ.

ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.