ދުނިޔެ

ޒިމްބާބުވޭގެ އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް އިދިކޮޅު ޕާޓީން ބުނެފި

Aug 1, 2018

ހަރާރޭ (ޖުލައި 31) - ޒިމްބާބުވޭގެ ރިޔާސީ އިންތިހާބު އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗަމީސާ ކާމިޔާބު ކުރައްވައިފި ކަމަށް އިދިކޮޅު ޕާޓީ މޫވްމަންޓް ފޮ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) އިން ބުނެފި އެވެ.

ގައުމީ އިންތިހާބާއި ދިމާކޮށް، އެގައުމުގައި 37 އަހަރު ވެރިކަން ކުރެއްވުމަަށް ފަހު މިދިޔަ އަހަރު ފަހުކޮޅު މަގާމު ދޫކޮށްލެއްވި ރޮބަޓް މުގާބޭ ނެތި ބޭއްވުނު އިންތިހާބު ރަސްމީ ނަތީޖާ އިއުލާނު ކުރެވޭ ވަރު ވާނީ ހޮނިހިރު ދުވަހު ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ނަމަވެސް، އިންތިހާބު ކާމިޔާވެއްޖެ ކަމަށް އިއުލާނު ކުރަމުން، ނަތީޖާ އިއުލާނު ކުރުން ލަސް ކުރަނީ މިހާރު ވެރިކަމުގައި ހުންނެވި އެމާސަން ނަންގަގްވާއަށް އިންތިހާބު އަނބުރާލުމަށް ކަމަށް އެމްޑީސީ އިން ވަނީ ތުހުމަތުކޮށްފަ އެވެ.

ޒިމްބާބުވޭގައި ފަސް މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލެވޭއިރު، އާ ރައީސެއް އިންތިހާބު ކުރުުގެ އިތުރުން، މަޖިލީހާއި ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުމަށް 70 ޕަސަންޓް މީހުން މިދިޔަ ހޯމަ ދުވަހު ވޯޓުލާން ނުކުމެފައިވާ ކަމަށް އޮފިޝަލުން ލަފާކުރެ އެވެ.

އިނގިރޭސީންގެ އަތްދަށުން 1980 ވަނަ އަހަރު މިނިވަންކަން ހޯދުމަށްފަހު، ޒިމްބާބުވޭގައި މިހާތަނަށް ވެރިކަން ކޮށްފައިވަނީ މުގާބޭ އުފެއްދެވި ޒަނޫ-އެފްޕީ އިންނެވެ.

ބައިނަލްއަގުވާމީ ފަރާތްތަކުން އޮބްޒާވް ކުރި އިންތިހާބުގެ ނަތީޖާ ވަރަށް ވާދަވެރިކަމަށާއި، ކާމިޔާބު ކުރި ކެންޑިޑޭޓެއް ބުނަން ވަރަށް ދަތިވާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެއް ކެނޑިޑޭޓަކަށް 50 ޕަސަންޓް އަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، ދެވަނަ ބުރެއް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 8 ގަ އެވެ.