ދުނިޔެ

މުގާބޭ ހިންގަވާފައި ނޫޅުއްވޭ ވަރަށް ހާލުކޮޅު ދެރަވެއްޖެ

Nov 25, 2018

ހަރާރޭ (ނޮވެމްބަރު 24) - ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ހާލުކޮޅު ދެރަވެ، މިހާރު އަމިއްލައަށް ހިންގަވާފައި ނޫޅުއްވޭކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިނގިރޭސީންގެ އަޅުވެތިކަމުން ޒިމްބާބްވޭ މިނިވަންވީ ފަހުން ފާއިތުވި 37 އަހަރު އެގައުމުގެ ވެރިކަމުގައި ހުންނެވި މުގާބޭއަށް ވެރިކަން ގެއްލިވަޑައިގެންނެވީ އޭނާއާ ދެކޮޅަށް ސިފައިން ނުކުތުމުންނެވެ. އުމުރުފުޅުން މިހާރު 94 އަހަރު ވެފައިވާ މުގާބޭއާ ދެކޮޅަށް ސިފައިން ނުކުތީ އަނބިކަނބަލުން ގްރޭސް މުގާބޭ ވެރިކަމަށް ވަޑައިގެންނެވުމަށް މަގު ކޮށްޓެވުމުގެ ގޮތުން އެޅުއްވި ފިޔަވަޅަކާ ގުޅިގެންނެވެ.

އެގޮތުން އެޅުއްވި ފިޔަވަޅީ އޭރު ތިއްބެވި ދެ ނައިބުރައީސުންގެ ތެރެއިން އެއް ބޭފުޅަކު މަގާމުން ދުރުކުރެއްވުމެވެ.

މުގާބޭ އިސްތިއުފާ ދެއްވުމުން ޒިމްބާބްވޭގެ ރައީސްކަމަށް ވަޑައިގެންނެވީ އޭރު މަގާމުން ދުރުކޮށްފައި ހުންނެވި ނައިބު ރައީސް އެމާސަން ނަންގަގްވާއެވެ.

ފާއިތުވި ދެމަސް ދުވަހު، މުގާބޭ ގެންދަވަނީ ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ކަމަށް ނަންގަގްވާ އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ.

"މިހާރު އެމަނިކުފާނު ވަނީ މުސްކުޅިވެފައި، ހިންގަވާފައި މިހާރު ނޫޅުއްވޭ، އަޅުގަނޑުމެން އެ މަނިކުފާނު ބޭނުންފުޅު ކޮންމެކަމެއް ހަމަޖައްސައިދޭނަން،" އިއްޔެ ބޭއްވި ސިޔާސީ ހަރާކާތެއްގެ ތެރެއިން ނަންގަގްވާ ވިދާޅުވި އެވެ.

ނަންގަގްވާ އިތުރަށް ވިދާޅުވީ، މުގާބޭ މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް އެނބުރި ގައުމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވީނަމަވެސް، ޑޮކްޓަރުންގެ ލަފަޔާއެކު، އިތުރު އެއްމަސް ދުވަހު ސިންގަޕޫރުގައި މަޑުކުރެއްވީ ކަމަށެވެ.