ދުނިޔެ

"ސިޔާސީ" ހަމަލައެއް ކަމަށް ޒިމްބާބުވޭގެ ރައީސް ތުހުމަތުކުރައްވައިފި

Jun 27, 2018

ބުލަވާއިއޯ (ޖޫން 27) - ޒިމްބާބުވޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ބުލަވާއިއޯގައި ހޮނިހިރު ދުވަހު ދިން ބޮމުގެ ހަމަލާއަކީ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަބަލުންގެ ސަޕޯޓަރުން ރާވައިގެން ދިން ސިޔާސީ ހަމަލާއެއްގެ ގޮތުގައި، އެ ގައުމުގެ ރައީސް އެމާސަން ނަންގަގްވާ ތުހުމަތު ކުރައްވައިފި އެވެ.

ސިޔާސީ ހަރާކާތެއްގައި ހުންނަވަނިކޮށް، ރައީސް ނަންގަގްވާ އާއި ވަރަށް ކައިރިން ގޮއްވާލި ބޮމުގެ ސަބަބުން ދެ މީހުން މަރުވެ، 40 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

މުގާބޭ ވެރިކަމުން ދުރު ކުރުމަށްފަހު، ނަންގަގްވާ ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ޒިމްބާބްވޭގައި "ކްރޮކޮޑައިލް" ގެ ނަމުން މަޝްހޫރުވެފައިވާ ނަންގަގްވާއަށް މިހާރު އެހާ ބޮޑު ތާއީދެއް ލިބިގެން އުޅެނީ މުގާބޭގެ އަނބަކަނބަލުން ގްރޭސް މުގާބޭ އަށް ވެރިކަން ހޯއްދަވައި ދެއްވަން ވެގެން ނައިބު ރައީސް ކަމުގެ މަގާމުން ނަންގަގްވާ ދުރު ކުރެއްވުމުންނެވެ.

އޭނާއަށް މަރާލަން ދިން ހަމާލާގެ ފަހަތުގައި މުގާބޭގެ އަނބިކަނބަލުންނަށް ސަޕޯޓް ކުރާ "ޖެނެރޭޝަން 40" ގެ އަތެއްވާ ކަމަށް ހަމަލާއަށްފަހު ބީބީސީ އަށް ދެއްވި އިންޓަވިއު އެއްގައި ނަންގަގްވާ ތުހުމަތު ކުރެއްވި އެވެ. އަދި އެ ހަމަލާއި ގުޅިގެން ވަރަށް އަވަހަށް ބަޔަކު ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފަ އެވެ.

ނަމަވެސް، ހަމަލާގައި ސީދާ ގްރޭސް މުގާބޭގެ އަތެއްވާ ކަމަށް ނަންގަގްވާ ވިދާޅެއްނުވެ އެވެ.

ދެހާސް ދެވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ އޮބްޒާވަރުންނަށް ހުޅުވައިލައިގެން ބޭއްވޭ އިންތިހާބު އިންސާފުވެރިވާނެ ކަމަށް ނަންގަގްވާ ވަނީ މީގެ ކުރިން ވިދާޅުވިފަ އެވެ. އަދި މިހަމަލާ އާއި ގުޅިގެން، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަގީންކަން ވެސް ނަންގަގްވާ ތަކުރާރު ކުރެއްވި އެވެ.