ދުނިޔެ

"ފޭކު" ނަތީޖާ ގަބޫލުނުކުރާނެކަމަށް ޒިމްބާބުވޭގެ އިދިކޮޅުން ބުނެފި

Aug 4, 2018

ހަރާރޭ (އޯގަސްޓް 3) - ޒިމްބާބުވޭގެ ރިޔާސީ އިންތިހާބު މިހާރު ވެސް ވެރިކަމުގައި ހުންނެވި އެމާސަން ނަންގަގްވާ ކާމިޔާބު ކުރައްވައިފި ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވީ ނަމަވެސް، އިންތިހާބު އޮޅުވާލާފައިވާ ކަމަށާއި، ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗަމީސާ ވިދާޅުވެއްޖެ އެވެ.

އިއްޔެ އިއުލާނުކުރި ރަސްމީ ނަތީޖާ ދައްކާގޮތުން، އެގައުމުގައި 37 އަހަރު ވެރިކަން ކުރެއްވުމަަށް ފަހު މިދިޔަ އަހަރު ފަހުކޮޅު މަގާމު ދޫކޮށްލެއްވި ރޮބަޓް މުގާބޭ ނެތި ބޭއްވުނު ރިޔާސީ އިންތިހާބު މިހާރު ވެރިކަމުގައި ހުންނެވި އަދި ކުރީގެ ނައިބު ރައީސް ނަންގަގްވާ އަށް 50.8 ޕަސަންޓު ވޯޓު ވަނީ ލިބިވަޑައިގަންނަވާފަ އެވެ. ޗަމީސާ އަށް ލިބިވަޑައިގަތީ 44.3 ޕަސަންޓު ވޯޓެވެ. ނަންގަގުވާއަށް 50 ޕަސަންޓަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވާތީ، ދެވަނަ ބުރަކަށް ދާކަށް ނުޖެހެނޭ އެވެ.

ނަތީޖާއާއެކު، ނަންގަގްވާ ވަނީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަމަށް ވިދާޅުވެ އިދިކޮޅުން ކުރަމުންދާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ނަމަވެސް، ޗަމީސާ ވިދާޅުވަނީ، ވޯޓު އޮޅުވާލައިގެން ނެރެފައިވާ "ފޭކު" ނަތީޖާ އެއް ގަބޫލުނުކުރައްވާނެ ކަމަށާއި، އެކަމާ ދެކޮޅަށް ގާނޫނު އަސާސީ އާއި އެއްގޮތަށް މަސައްކަތް ކުރައްވާނެކަމަށެވެ.

"އަހަރެމެން މި ފޭކު ނަތީޖާ ގަބޫލެއް ނުކުރާނަން. މި ފުލޯކު ވާހަކަ ގަބޫލެއް ނުކުރެވޭނެ. އަހަރެމެން ބޭނުންވަނީ ސައްހަ ނަތީޖާ އިއުލާނުކުރުވަން،" ޗަމީސާ 40، ނޫސްވެރިންނަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ ވޯޓު ހިމާޔަތްކުރުމަށް ގާނޫނުތަކާއި ގާނޫނު އަސާސީގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެމެން ކުރާނަން."

ވޯޓު އޮޅުވާލިކަމަށް ބުނެ އިދިކޮޅު ސަޕޯޓަރުން ކުރަމުންގެންދާ މުޒާހަރާތަކުގައި މިހާތަނަށް އާންމުންގެ ހަ މީހަކު ވަނީ މަރުވެފަ އެވެ.

އާ ރައީސަކު އިންތިހާބު ކުރުމުގެ އިތުރުން، މަޖިލީހާއި ކައުންސިލަށް މެމްބަރުން ހޮވުމަށްވެސް މިދިޔަ ހޯމަ ދުވަހު ވަނީ ވޯޓުލާފަ އެވެ. މަޖިލީސް އިންތިހާބުގެ ނަތީޖާ ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވާ އިރު، ވެރިކަންކުރާ ޒަނޫއެފްޕީ އަށް ވަނީ ތަނަވަސް އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލީހުގެ 210 ދެ ގޮނޑީގެ ތެރެއިން ޒަނޫއެފްޕީ އަށް 145 ގޮނޑި ލިބިފައިވާއިރު، އެމްޑީސީ އިސްވެ އޮތް އިދިކޮޅު އިއްތިހާދަށް ލިބިފައިވަނީ އެންމެ 63 ގޮނޑި އެވެ.