މާލެ އަތޮޅު ތުލުސްދޫ ބަނދަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ފެށި ބަނދަރުގެ މި ސައްކަތް ނިންމާލާފައި ވަނީ މިދިއަ އަހަރުގެ މާޗް މަހުގަ އެވެ.
ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހަދާފައިވާ މި ބަނދަރަކީ 800 ފޫޓް ދިގު އަދި 300 އަކަފޫޓް ފުޅާ ބަނދަރެކެވެ. އަދި 110 މީޓަރުގެ ރިވެޓްމަންޓެއް ގާއިމްކޮށްފައިވާއިރު 290 މީޓަރުގެ ބޭރު ތޮއްޓެއް ވެސް ވަނީ ގާއިމް ކޮށްފަ އެވެ.
މި ބަނދަރުގައި 200 މީޓަރުގެ ބޮޑު ހިލަ ތޮއްޓެއްލައި ބަނދަރާ ގުޅޭ އެހެން ތަރައްގީ ގެނެސްދީފައި ވެއެވެ. އޭގެ ތެރޭގައި ހިއްކި 33 ހެކްޓަރުގެ ބިން ވެސް ހިމެނެ އެވެ. މި ބަނދަރު ތަރައްގީ ކުރީ އައިޑީބީގެ ލޯނު އެހީ އާއި ދައުލަތުން ހަރަދު ކޮށްގެނެވެ. މަސައްކަތް ކުރީ ލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެނެވެ.
މި ބަނދަރު މިއަދު އިފްތިތާހުކޮށް ދެއްވުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. އެ މަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާ އެވެ.
ހެނދުނު އޮތް ރަސްމިއްޔާތަށް ފަހު ރައީސް އަބްދުﷲ ޔާމީން ވަނީ އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.