މުހައްމަދު ނިމާލް

ނިމާލްގެ އިސްތިއުފާ، ފުން މާނައެއް އެކުލެވޭ ސިޓީއަކުން

ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް މިއަދު މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައިފި އެވެ.

ކ. އަތޮޅު ކައުންސިލަށް ނިމާލް ފޮނުއްވާފައިވާ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރިގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމަށް ގޮންޖެހުންތަކެއް ހުރުމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ ކަމަށެވެ.

ނިމާލްގެ ސިޓީގައި ވަނީ ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އޭނާ އިންތިހާބުކޮށްދިނުމަށް މަސައްކަތްކުރި މީހުންނާއި މަގާމުގައި ހުރި އިރު ރައްޔިތުންގެ ފަރާތުން ލިބުނު އިތުބާރާއި ތަރުހީބަށް ޝުކުރު ދަންނަވާފަ އެވެ. އަދި ކ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި ކ. އަތޮޅުގެ ނުވަ ރަށަށް ނިސްބަތްވާ ރަށު ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް ނިމާލް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން އޭނާއާ މެދު ބެހެއްޓެވި ގާތްކަންވެސް ނިމާލްގެ ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ.

"އަދި އަޅުގަނޑު ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްކުރުމަށް މަސައްކަތުގައި ދެއްވި އެއްބާރުލުމަށްޓަކައި މާލެ އަތޮޅު ކައުންސިލްގެ އިދާރާގެ އެންމެހައި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަކީ އަބަދުވެސް އިދާރާއަށާއި މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރާނެ މުވައްޒަފުންތަކެއް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކ. އަތޮޅު ރައްޔިތުންނަކީ ތަރައްގީގެ މަގުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކުރަން ބޭނުންވާ އެކަމަށް އެއްބާރުލުން ދޭ ރައްޔިތުންތަކެއް އުޅޭ އަތޮޅެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ "ދިވެހީންގެ ރާއްޖެ"ގެ ތަސައްވުރުގައި މުޅި މާލެ އަތޮޅަށް ތަރައްގީއާއި ކުރިއެރުން އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ނިމާލް ވިދާޅުވި އެވެ.

ނިމާލަކީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެވެ. ޕީއެންސީގެ ނައިބް ރައީސްގެ މަގާމުގައިވެސް ހުންނެވި މުހައްމަދު ނިމާލް، ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ސަރުކާރުގެ އިސް މަގާމަކަށް އޭނާ އަދި އައްޔަންކުރައްވާފައެއް ނުވެ އެވެ.