ހަބަރު

"ދަރަނި ވެސް އިތުރު ކުރާނެ، ބޭނުންވާ ކަންކަން ވެސް ކުރާނެ"

ވިސްނުމަކީ އަދިވެސް ދަރަނި އިތުރު ކުރުން ކަމަށާއި ރައްޔިތުންނަށް މަދުވެފައި ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ތުލުސްދޫ އަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުއްވައި ދެއްވުމަށްފަހު ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިއަ ހަތަރު އަހަރު މި ސަރުކާރުން ކޮށްފައިވާ ކަންކަކަން ރައްޔިތުންނަށް ވިސްނޭ ވަރަށް އަރިއަށާއި ހުރަހަށް އެކަންކަން ފެންނަން އެބަހުރި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވަނީ ބޮޑެތި ދަރަނި ނަންގަވައިގެން ކަމަށެވެ. އަދި އެ ދަރަނި އަދާކުރަނީ ކިހިނެއްތޯ އިދިކޮޅު ފަރާތްތަކުން ސުވާލުކޮށް ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ ލިބޭ އާމްދަނީން ރައްޔިތުން ބޭނުންވާ ކަންކަން ކުރެވެން ނެތްނަމަ އެކަން ކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ.

ލޯނު ނަގައިގެންނަމަވެސް އެކަންކަން ކުރަންޖެހޭ ކަމަށާއި އެ ދަރަނި އަދާ ކުރެވޭނެ ގޮތްތައް ޚިޔާލުގައި ނެތްނަމަ އެބޭފުޅުން އަމިއްލައަށް ރައްޔިތުން ގާތު އެ އިއުތިރާފުވަނީ އެކަންކަން ނުވާނެ ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ތަރައްޤީ އާއެކު އަންނަންޖެހޭ ތަރައްޤީއަކީ ނަފުސު ތަރުބިއްޔަތު ކުރުމުގެ ތަރައްޤީ އާއި ހަރުދަނާ ކުދިންތަކެއް ބިނާކުރުމުގެ ތަރައްޤީ ކަމަށެވެ. އަދި ރާއްޖޭގެ އަމާންކަމާއި މަސްލަހަތާއި ސިޔާދަތު ވިއްކާ ނުލާނެ ކުދިންތަކެއް ތަރުބިއްޔަތު ކުރުން ކަމަށެވެ.

އެކަމަށް އިޝާރާތް ކުރައްވާ ފަހުގެ ތާރީޚުން ނަގައިދިން ފިޔާވަޅަކީ އަތުގައި ފައިސާ ހުރެގެން ސިކުނޑީގައި ޢިލްމާއި ހިލްމު ހުރެގެން ޔުނިވާސިޓީން މަތީ ތަޢުލީމު ހާސިލްކޮށްގެން މަސްއޫލިއްޔަތު އަދާކުރާނެ އެންމެ މަތީ މަޤާމު ދީގެން އަދި އިޚުލާސްތެރިކަން ދަސްވެފައި ނުވުންކަމަށެވެ، އެހެން ކަމުން އެންމެ އަސާސީ މި ތަރުބިއްޔަތު އަންނަނީ އިޚުލާސްތެރި މަންމައަކާއި ބައްޕައެއްގެ ފަރާތުންކަމަށާއި މިއަދު މި ޤައުމަށް ބޭނުންވަނީ އިޚުލާސްތެރި ދަރިންތަކެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފާއިތުވި ހަތަރު އަހަރު މި ސަރުކާރުން ގެނެސްފައިވާ ތަރައްޤީއަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ އެކަކުވެސް ބާކީ ނުކޮށް ތަރައްޤީ ގެނައުން ކަމަށެވެ.

"ސަރުކާރުގެ މަޝްރޫޢުތަކަކީ ކުރާ އެއްވެސް ކަމަކުން އެއްވެސް ބަޔަކު ބާކީނުވެ މަސައްކަތްކުރުން. އެއީ ތަޢުލީމީ ދާއިރާގެ ވިސްނުމެއް ވިޔަސް، ސިއްހީ ދާއިރާގެ ސިޔާސަތަކަށް ވިޔަސް، އަދި އިޖުތިމާއީ ރައްކާތެރިކަމާއި އޯގާތެރިކަމަށް ބެލި ނަމަވެސް،" ރައީސް ވިދާޅުވި އެވެ. "ކޮންމެ އުމުރު ފުރައެއް، ކުޅެދުނަސް ނުކުޅެދުނަސް، އެއްވެސް މީހަކު ބާކީ ނުކޮށް، މުޅި ދިވެހިންނަށް އަންނަ ތަރައްޤީއަކީ އެކަކުވެސް ބާކީ ނުކޮށް އަންނަންޖެހޭ ތަރައްޤީއެއް. އެގޮތަށް ސަރުކާރަށް ޤަބޫލުކުރެވޭތީ ކަންކަން ކުރެވެމުން އެދަނީ އެމަގުން."

އެކަންކަމަކީ އެމަނިކުފާނު އެގޮތަށް ބޭނުންވާތީ އެގޮތަށް އެޖެންޑާ ކަނޑައަޅާތީ ކުރިޔަށްދާ ކަންކަން ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.

ފެބްރުއަރީ 1 ގެ ކަންކަމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ އެއްވެސް ސަބަބެއް މުޅި ރައްޔިތުންގެ މައްޗަށް ބާރު ފޯރުވުމަށް ޖާއިޒްވެގެން ނުވާކަމަށާއި އެއީ އެއްވެސް މީހަކަށް އޮތް ހުއްދައެއް ނޫން ކަމަށެވެ. ރައްޔިތުންގެ ކަންކަން ނިންމާނީ ރައްޔިތުންކަމަށާއި ، ރައްޔިތުންގެ ކަންކަން ރައްޔިތުން ނިންމުމުގެ ކުރިން އެކި ކަހަލަ ނުފޫޒު ހުންނަ ބޭފުޅުން އެފަދަ ކަންކަން ކުރުމަކީ ހުއްދަކަމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.