ހަބަރު

ކުދި ވިޔަފާރިތަކަށް 10 ބިލިއަން ރުފިޔާގެ ފަންޑެން ގާއިމް ކުރާނަން: އުމަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން 10 ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ފަންޑެން ގާއިމް ކުރާނެ ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރުގެ ސަރުކާރެއްގެ ސިޔާސަތުތައް ހާމަ ކުރެއްވުމަށް ސިލްސިލާކޮށް ނެރުއްވާ ވީޑިއޯ މެސެޖްތަކުގެ ތެރެއިން މިއަދު އުމަރު ނެރުއްވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޭނާގެ ސަރުކާރުން ކޮށްދޭނެ ކަންތައްތައް ބަޔާންކޮށްދޭ ވީޑިއޯ އެކެވެ. އުމަރު ރިޔާސީ އިންތިހާބަށް ވާދަ ކުރައްވަން ނިންމަވާފައިވަނީ އަމިއްލަ ގޮތުންނެވެ.

ވީޑިއޯގައި އުމަރު ވިދާޅުވެފައިވަނީ، ގައުމެއްގެ މައި އިންޖީނަކީ އެގައުމެއްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމަށާއި އޭނާގެ ވެރިކަމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީތައް ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

"ގޮންޖެހުންތަކެއް އެބަހުރި، އޭގެ ތެރޭގައި މިހާރު ހެދިފައިވާ ވިޔަފާރީގެ ގަވާއިދުތަކާއި ދައްކަންޖެހޭ ފީތަކުގައި ހުރި ގޮންޖެހުންތައް، ބޭންކުލޯނެއް ނެގުމުގައި ރަހުނު ހޯދުމުގައިއާ، އިކުއިޓީ ނުލިބުމުގައި ހުރި ދަތިތައް، ސަރުކާރުން ކޮންޓްރެކްޓްތައް ހުށަހަޅަންޖެހޭ އިރު ބޭންކް ސްޓޭޓްމެންޓް ހުށަހަޅަން ޖެހޭ ދަތިކަންތައް، ބޮޑެތި ވިޔަފާރިތަކާއި ވާދަކުރަން ޖެހޭ ގޮތަށް އަތުން، މަސައްކަތް ނިންމާފަ ބިލް ހުށަހެޅުމުން ފައިިސާ ދިނުން ލަސްކުރާ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އަމާޒަކަށްވާނީ ގޮންޖެހުންތައް ނައްތާލައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މަގުތަނަވަސް ކޮށްދީގެން އެ ވިޔަފާރިތައް މެދުވެރިކޮށް ވަޒީފާތައް އުފައްދައި ރާއްޖޭގެ އިގްތިސޯދީ އިންޖީނުގެ އެނބުރުން ހަލުވި ކުރުން ކަމަށެވެ.

"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ދިނުމަށްޓަކައި މިހާރު ހުރި ގަވާއިދުތައް މަދުކޮށް ދައްކަންޖެހޭ ފީތައް ކުޑަކޮށް، މަސައްކަތް ނިންމާފައި ބިލް ފޮނުވާތާ 25 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ސަރުކާރުގެ މުއައްސަސާތަކަށް މަޖުބޫރު ކުރުވާނަން، ކުދި މަސައްކަތްތައް އެއްކޮށްލައިގެން ބަންޑުލްކޮށްގެން ބޮޑެތި ކުންފުނިތަކަށް ދޭން މި ސަރުކާރުން މިހާރު ގެންގުޅޭ އުސޫލު އުވާލާނަން، ދިވެހި ކުންފުނިތަކަށް ކުރެވޭ މަސައްކަތްތައް ބޭރުގެ ކުންފުނިތަކަށް ދިނުން ހުއްޓާލާނަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބޮޑެތި ކުންފުނިތަކާއި ވާދަ ކުރަން ނުޖެހޭނެ މާހައުލެއް ގާއިމް ކުރާނެ ކަމަށާއި އެކަން ކަށަވަރު ކުރުމަށްޓަކައި ޓްރޭޑް ކޮމްޕެޓިޝަން ކޮމިޝަނެއް ގާއިމްކޮށް އެކޮމިޝަންގެ ފަރާތުން އެކަންކަންބަލައި ހަމަހަމަކަމާއެކު ހުރިހާ ވިޔަފާރިތައް ވާދަކުރެވޭނެ މާހައުލެއް ގާއިމް ކުރާނެ ކަމަށެވެ.

"ކުންފުނިތައް ޕްރައިވެޓައިޒްކޮށް ސަރުކާރުގެ މަސައްކަތްތައް އައުޓްސޯސް ކުރެވޭއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެކަންކަމަށް ބިޑްކޮށް ކާމިޔާބު ކުރުމަށް ބޭނުންވާ ފައިނޭންސް ނެތްނަމަ މުޅީންހެން ބޮޑެތި ވިޔަފާރިތަކުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ސަރުކާރުގެ މި ބިޑްތައް ކާމިޔާބު ކުރުމަށް މަގުފަހި ކުރުމަށްޓަކައި ހާއްސަކޮށްގެން 10 ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ފަންޑެން ގާއިމް ކުރާނަން، މި ފަންޑުން ލުއި އިސްލާމިކް ފައިނޭންސް ހަމަޖައްސައިދޭނަން،" އުމަރު ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ، އަލަށް ވިޔަފާރިތަކަށް ނިކުންނަ ފަރާތްތަކަށް ފައިނޭންސް ހޯދުމުގައި ހުރި ގޮންޖެހުންތައް ހަމަޖައްސާދޭނެ ކަމަށާއި އޭގެ ތެރޭގައި ފަށައިގަތުމަށް ބޭނުންވާ ސާމާނު ހޯދައިދިނުމާއި އޮފީސް އިމާރާތް ނުވަތަ އިންކިއުބޭޓާސްތައް ގާއިމްކޮށްދެވޭނެ ކަމަށެވެ.

އަދި ވިދާޅުވީ، މި އިންވެސްޓްމެންޓް ފަންޑްގެ ސަބަބުން ޓެކްނޮލޮޖީގެ އާ ވިޔަފާރިތަކާއި އިޖްތިމާއީ ހިދުމަތުގެ ވިޔަފާރިތަކާއި އަދި އެނޫންވެސް އެހެންދާއިރާތަކުން 3000 ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފެދިގެންދާނެ ކަމަށެވެ.