ޗައިނާ އިން ދިވެހި ރާއްޖޭގެ 16 ރަށެއްގައި އަސްކަރީ ބޭސް ހަދާފާނެ ކަމަށާއި އެ ރަށްތަކަކީ ޗައިނާއިން ހިފާފައިވާ ރަށްތަކެއް ކަމަށް ސިފަކޮށް ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ދައްކަވާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ނަސީމްގެ ވާހަކަތަކަކީ ރާއްޖެއިން ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކާ ދެމެދު އޮތް ގުޅުން ހީނަރުވެ އެ ގައުމުތަކުގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާމެދު ނަފުރަތު އުފައްދަން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތައް ދައްކާފައިވަނީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ކަމަށެވެ.
ރާއްޖޭގެ ހަމަޖެހުން ގެއްލޭ، ރައްޔިތުންނަށް ނުރައްކާވާފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ދިވެހި ރައްޔިތުންގެ ކިބައިން އަވަށްޓެރި އެހެން ގައުމަކަށް ނުރައްކާވާފަދަ ކަމެއް ނުވަތަ އެކަމަށް މަގުފަހިވާނެ ކަމެއް ވެސް ނުކުރާނެ ކަމަށެވެ. މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖެއަކީ އެންމެ އަމާން ގައުމަށް ހެދުމަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން ރާއްޖެ ބަދުނާމުވާފަދަ ވާހަކަތައް ނުފެތުރުމަށް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ޓްރައިބިއުން"އަށް ނަސީމް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ޗައިނާ އިން ބޭނުންވާ ގުޅުމެއް ކަމަށާއި ޗައިނާ އިން ރާއްޖޭގެ ރަށްތަކެއް ހިފާފައިވާ ކަމަށާއި އެ ގޮތުން 16 ރަށެއް ހިފާފައިވާ ކަމަށެވެ.
އެ ނޫސް މެދުވެރިކޮށް ޗައިނާ އާއި ރާއްޖެ އާއި ގުޅުވައި އަދި ރާއްޖެ އާއި އިންޑިއާ ގުޅުވައިގެން މީގެ ކުރިން ވެސް އޭނާ ގިނަ ވާހަކަތަކެއް އާންމު ކުރައްވާފައި ވެއެވެ.