ހަބަރު

މާލެ އަތޮޅުން އިތުރު ފަސް ފަޅެއް ޓޫރިޒަމަށް ދޫކުރަނީ

Jun 24, 2018
10

މާލެ އަތޮޅުން އިތުރު ފަސް ފަޅެއް ޓޫރިޒަމަށް ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ކ. މާފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ރަސްމީކޮށް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ސަރުކާރަށް ޖާގަދީ ވެރިކަމުގެ ދެ ވަނަ ދައުރެއްގެ ފުރުސަތު ލިބިވަޑައިގެންފިނަމަ މާލެ އަތޮޅުން ފަސް ފަޅެއް ޓޫރިޒަމަށް ދޫކުރާނެ ކަމަށެވެ. އަދި މިއަހަރު ފަހުކޮޅު އެ ފަސް ފަޅު އިއުލާން ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މާލެ އަތޮޅުގަ މިހާރު އަޅުގަނޑުމެން ކަނޑައަޅާފައި ވަނީ އިރާދަ ކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޖާގަ ލިބިއްޖެ ކަމަށްވާނަމަ މި އަހަރު ހުސްވުމުގެ ކުރިން އަޅުގަނޑުމެން އިއުލާންކުރާނަން މާލެ އަތޮޅުން ފަސް ފަޅެއް. އެއީ ޓޫރިޒަމްގެ ބޭނުންތަކަށް ތަރައްގީ ކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީގައި ރާއްޖޭގެ ބިންކޮޅު މަދުވާތީ ކަންބޮޑުވާ ބަޔަކުވެސް އުޅުނު ކަމަށާއި މިއަދު ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގައި ބިން މަދުނޫން ކަމަށެވެ. ރާއްޖޭގެ ބިމުގެ މުއްސަނދިކަން އިތުރު ކުރެވޭނެކަން މިއަދު ގަބޫލް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރީގެ ބޯދާ ވިސްނުންތަކަށް ނުބަލައި އަޅުގަނޑުމެން ގަބޫލުކުރާކަމަށް ވަންޏާ އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވާ މިންވަރަކަށް ކުރިއަށްދެވޭނެ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ކުރިއަށްދާން ރޫހާއި އަޒުމާއެކު މަސައްކަތް ކުރަންޏާމު، ހަމަ ގަބޫލުކުރަން ޖެހޭ ކަމަކޭ، މި ރައީސް ގަބޫލުކުރަނީ ނުވާނެ އެއް ކަމެއް ވެސް ނޯންނާނެ، އެހެންވީމަ އަޅުގަނޑާއެކު މަސައްކަތްކުރަން ތިބި ފަޅުވެރިންވެސް ގަބޫލު ކުރަންޖެހޭ، ކައްޕި އެގޮތަށް ވިސްނާ ކަމަށްވަންޏާ ތިމަންނަ މެންނަށް ގިރާ ނުކުރެވޭނެ ކަނޑުއޮޅިއެއް ނޯންނާނެކަން،"

ރައީސް ވިދާޅުވީ، ރައްޔިތުންނާއި އާދައުރަކާއެކީ ބައްދަލުކުރާއިރު އެންމެ ކުރީކޮޅު މާފުށީގެ ބިންބޮޑުކުރުމުގެ މަޝްރޫއު ހިމަނާނެ ކަމަށެވެ. އަދި މިރަށުގެ ބޮޑުބައެއް އޮންނަނީ ކުޑަކުދިންގެ އިސްލާހިއްޔާއަށް ނަގާފައި ކަމަށާއި ކުޑަކުދިންގެ އިސްލާހިއްޔާ ސަރުކާރުން އެރަށުން ނަގައި ރައްޔިތުންނަށް އެބިން ދިނުމަށް މިއަދުން މިއަދަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މާފުށި ރީތި ބީޗާއެއްކޮށް ގޮނޑުދޮށް ހިމާޔަތްކޮށް ނިމުނީމަ ނިމުނީއަކީނޫން، ކުނި ނައްތާލުމާއި ފެނާ ނަރުދަމާވެސް ދެންވެސް މިބުނާ ސިނާޔަތްތަކަށް ބޭނުންވާ މަސައްކަތްތައް ކުރެވެންވާނެ، މިކަންކަން ކުރުމަށް އިހްތިޔާރު ކުރަނީ ކާކުތޯ މާފުށީ ރައްޔިތުންވެސް ނިންމަން ޖެހޭނެ" ރައީސް ވިދާޅުވި އެވެ.