ހަބަރު

ރައީސް ޔާމީންގެ ވައުދު: ރިސޯޓް މުވައްޒަފުންއަށް 100 މިލިއަން ރުފިޔާގެ ސްކީމެއް ތައާރަފްކުރާނަން

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހި މުއައްޒަފުންނަށް ހާއްސަކޮށްގެން 100 މިލިއަން ރުފިޔާގެ "އެމްޕްލޯއީމެންޓް ބެނެފިޓް ސުކީމް" އެއް ތައާރަފް ކޮށްދޭނެ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ގާއިމް ކޮށްފައިވާ 50 ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޔާމީން ވިދާޅުވީ، ޓޫރިޒަމް އިންޑަަސްޓްރީގައި މަސައްކަތް ކުރާ ދިވެހީންނަށް ރިވޯޑެއްދޭން ޖެހޭ ކަމަށާއި އެދާއިރާގައި ޒުވާނުން ހަރުލެއްވުމަށްޓަކައި މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެދާއިރާއަށް އިތުރު ދިވެހީން އަންނަން ޖެހޭ
ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ތެރެއިން ފައިނަލައިޒްކޮށް ނިންމައިފިން، ހިސާބުތަކެއް ހެދެންދެން ލަސްކުރީ، މިވެސް މެނިފެސްޓޯގެ ކޮންމެވެސް ހިސާބެއްގައި އޮންނާނެ، އަޅުގަނޑުމެން މި ވިސްނަނީ ޓޫރިޒަމް އިންޑަސްޓްރީއަށް ހާއްސަކުރަން، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ދިވެހީންނަށް ހާއްސަކުރަން، އެމްޕްލޯއީމެންޓް ބެނެފިޓް ސުކީމެއް ތައާރަފް ކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، މި ސްކީމްގެ ބޭނުމަކަށްވާނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަކީ ދިވެހި ސަރުކާރާއި ދިވެހި ދައުލަތް ބަލައިގަންނަ އަދި އިގްތިސޯދު ބަލައިގަންނަ ބަޔަކަށްކަން އެމީހުންނަށް އަންގައިދިނުން ކަމަށެވެ. އަދި ވިދާޅުވީ، ފައިނޭންޝަލީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ޒުވާނުން އެމްޕަވާވާ ކަމަށެވެ. ނަމަވެސް އެމްޕަވާ ވުމަކުން ހުރިހާ ކަމެއް ނުފުއްދޭ ކަމަށާއި މި ސުކީމަކީ އެކަމަށް އެހީތެރިވުމަށް ތައާރަފް ކުރެވިގެންދާ ސްކީމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އޭގެ ހިމެނޭނީ މިހާރުން މިހާރަށް އެމްޕްލޯއީމެންޓް ބެނެފިޓް ސުކީމްގެ ފަށާ ރައުސުލްމާލަކަށް އަޅުގަނޑުމެން ލާނަން 100 މިލިއަން ރުފިޔާ، އެއީ ކުޑަ އަދަދެއް ނޫން، އެއީ ވަރަށް ބޮޑު އަދަދެއް، އެއަދަދަށް ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހީންގެ ފަރާތުން ލިބޭނަމަ އަޅުގަނޑުމެން ރެޑީ އެއަދަދު ބައި މިލިއަނާ ހަމައަށް ގެންދަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ސްކީމްގެ ބައިވެރިވުމުގެ ބޭނުމަކަށް ވާންޖެހޭނީ އެސްކީމްގެ ބޭނުން ހެޔޮގޮތުގައި ހިފުން ކަމަށާއި މި ސްކީމްގައި ބައިވެރިވުމަކީ މަޖުބޫރުކަމެއް ނޫން ކަމަށެވެ. މި ސްކީމް ގާއިމްކޮށް ކޮންމެ ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހީންނަށް ތަކްލީފް އުފުލަން ޖެހޭ ވަރުގެ އަދަދެއް ލާން ނުޖެހޭނެ ކަމަށާއި މި ސްކީމަށް ލާން ޖެހޭނީ ވަރަށް ކުޑަ އަދަދެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އޭގެ ބޭނުމަކަށްވަނީ އޭނައަކީ މީގަ މަންފާ ލިބޭ އޭގެ މަންފާ ބޭނުންވާ ހިއްސާދާރެއްކަން އަޅުގަނޑުމެންނަށް އޭނާ ދަލީލްކޮށްދިނުން، އެހެންކަމުން މުސާރައިން ކޮންމެސް އެއްޗެއް ލުމުން އަޅުގަނޑުމެން ވާހަކަ ދައްކާނެ އިންޑަސްޓްރީއާ ހަމަ އެއަދަދުގެ އަދަދެއް މެޗްކޮށްދޭން އޭނަގެ އެމްޕްލޯޔަރުން، އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި މިއަށް މެޗް ކުރާނެ، މެޗް ކޮށްގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ސްކީމުން ކުރާނެ ކަންތައްތަކުގެ ތެރޭގައި ހިމެނޭނެ އެއްކަމަކީ ޒުވާނުންނަށް މިހާރު ބޭނުންވެފައިވާ އެންމެ ބޮޑު އެއް ބޭނުން ކަމަށްވާ ހައުސިންގެ މައްސަލަ ހައްލުކޮށްދިނުން ކަމަށެވެ. އެގޮތުން މި ސަރުކާރުން ހިޔާ މަޝްރޫއުގެ ދަށުން ގާއިމް ކުރާ ފްލެޓްތަކަށް ބޭނުންވާ ޑެޕޮސިޓް ފައިސާ މި ސްކީމްގެ ތެރެއިން ލިބޭނެ ގޮތް ހެދިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މީގެ ތެރެއިން ގިނަ ބަޔަކު އެފައިސާ ޑިޕޮސިޓް ފައިސާގެ ގޮތުގައި ފްލެޓް ހޯދަން ބަހައްޓާކަމަށްވަންޏާ، އަދި އެފައިސާ އެގޮތަށް އެއްފަރާތް ކުރާ ކަަމަށްވަންޏާ އަޅުގަނޑުމެން ނިންްމައިފިން އަޅުގަނޑުމެން މިހަދާ މަޝްރޫއުތަކުގެ ތެރެއިން ވަކި ޗަންކެއް ހަމަ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހީންނަށް ހާއްސަ ކުރަންވެސް، މީގެ ބެނެފިޓަކީ އެމީހުންނަށް ލިބިގެންދާނެ ފްލެޓް ގަތުމަށް ބޭނުންވާ ސީޓް މަނީ، އިންޓަރެސްތް ހުރި ކަމަށް ވަންޔާ މުސާރައިން ކޮންމެސްވަރެއް ލާންވީ، ކޮންމެ މީހަކު ފްލެޓެއް ހޯދުމުގެ ޖާގަ އެލިބުނީ މާލެއިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ސްކީމުން ރަށުގެ ގެދޮރު މަސައްކަތް ކުރަން ބޭނުންވާނަމަ އެފައިސާވެސް ލިބިގެންދާނެ ކަމަށެވެ. އަދި އާއިލާއަށް ބޭނުންވާ ކަންކަމަށްވެސް މި ސްކީމްގެ ދަށުން ފައިސާ ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ސްކީމްގެ ތެރެއިން ފައިސާ ނަގައި އެހެން ކުންފުނިތަކުގައި އިންވެސްޓްކޮށް ޑަބަލް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ.

"މިސާލަކަށް ދިރާގް، އާންމުންނަށް ހިއްސަ ގަނެވޭ، އެސްޓީއޯ، އާންމުންނަށް ހިއްސާ ގަނެވޭ، މި ހިއްސާ ގަންފި ކަމަށް ވަންޏާ ހަމަ އެކަށީގެންވާ ރިޓާންއެއް އެބަ ލިބޭ، އެމީހުން ބޭނުން ކަމަށް ވަންޏާ މި ކުންފުނިތަކުގެ ހިއްސާ ގަންނަން އަޅުގަނޑުމެން މީގެން ފައިސާ ދޫކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީގައި ތިބި ޒުވާން ކުދިންނަށް މިހާރު ކަށަވަރުވާ ދެތިން ކަމެއް އެބައޮތް ކަމަށާއި އެއީ ސަރުކާރުން ވެލްފެއާ ސްކީމެއް އުފައްދައިދިނުމާއި މިހާރު ގާއިމް ކުރާ ފްލެޓްތަކުގެ ތެރެއިން ފްލެޓްތަކެއް ކަނޑައަޅައިދިނުމާއި ލިބޭ އާންމުދަނީ އިތުރުކުރަމުން ދިއުން ކަމަށާއި އެކަމަށް ކުންފުނިތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ކުރިއަށްއޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކޮށްދޭނެ ކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން 2013 ވަނައަހަރު ރިސޯޓް މުވައްޒަފުންނަށް ވެވަޑައިގެން ވައުދަކީ، ރިސޯޓްތަކުގެ ހިއްސާ މުވައްޒަފުންނަށް ދެއްވާނެ ކަމަށެވެ.