ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ދިވެހި އެންމެހާ ރައްޔިތުން އެކުގައި މަސައްކަތްކޮށް، ރާއްޖޭގެ ސުލްހަމަސަލަސް ގާއިމްކޮށް އެއް އަޒުމެއްގައި ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެގެން ކަމަށް ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ، މިއަދު ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބެއްގަ އެވެ. ފަތުރުވެރިކަމުގެ މިއަހަރުގެ ޝިއާރަކީ "ޓޫރިޒަމް އެންޑް ދި ޑިޖިޓަލް ޓްރާންސްފޮމޭޝަން" އެވެ.
މިއަހަރުގެ ސިޔާރަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ، ޓެކްނޮލޮޖީއަށް އައި ބަދަލާއެކީ ފަތުރުވެރިކަންވެސް ފުޅާވެ ކުރިއަރާފައިކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ބޮޑު ހިއްސާއެއް އަދާކުރާ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށާއި މި ސިނާއަތް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކައި މި ސަރުކާރުން މިވޭތުވެދިޔަ ފަސް އަހަރު ދުވަހު ކުރި މަސައްކަތްތަކުގެ ނަތީޖާއާ ދޭތެރޭ ވަރަށްބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 35 އާ ރިސޯޓާއި ހަތް ހޮޓެލް އަދި 495 ގެސްޓްހައުސް ހުޅުވިފައިވާކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހަތަރު ޑޮމެސްޓިކް އެއަރޕޯޓް ހުޅުވިފައިވާ ކަމާއި ހަ ޑޮމެސްޓިކް އެއަރޕޯޓުގެ މަސައްކަތް މިހާރު ކުރެވެމުންދާކަ ކަމަށެވެ. އެހެންކަމުން މިކަންކަމަކީ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަމަށާއި އެކަމާ އުފާ ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ކޮންމެ ކުރިއެރުމަކީ މި ގައުމަށާއި ރައްޔިތުންނަށް ލިބޭ ކުރިއެރުމެއްކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން އަތޮޅުތަކަށް ފުޅާވެ ވަޒީފާތައް އިތުރުވަމުން ދިޔުމަކީ ރަށްރަށުގެ ތަނަވަސްކަމަށާއި އާއިލާތަކުގެ ތަނަވަސްކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމުގެ ކުރިއެރުމަށް ލިބޭ އިތުރު ބާރެއްކަމަށްވެސް ރައީސް ވިދާޅުވި އެވެ.