ހަބަރު

ގުރައިދޫ ބަނދަރާއި ފެނުގެ ނިޒާމް އިފްތިތާހްކޮށްފި

Jun 24, 2018

މާލެ އަތޮޅު ގުރައިދޫ ބަނދަރާއި އެރަށުގެ ފެނުގެ ނިޒާމް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފި އެވެ.

އެރަށުގެ ބަނދަރާއި ފެނުގެ ނިޒާމް އިފްތިތާހުކޮށް ދެއްވުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވީ މިއަދު ހަވީރެވެ. އެމަނިކުފާނާއެކު ސަރުކާރުގެ މިނިސްޓަރުން އެރަށަށް ވަޑައިގެންފައި ވެއެވެ. އެރަށަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާ އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ، އެމްޓީސީއާ ހަވާލުކޮށް ކުރިއަށް ގެންދިޔަ ގުރައިދޫ ބަނދަރުގެ މަސައްކަތް 2017 ވަނަ އަހަރު ފެށިއިރު މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލާފައި ވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

މި ބަނދަރަކީ 281 ފޫޓް ދިގު އަދި 142 މީޓަރު ފުޅާ ބަނދަރެކެވެ. އަދި 88 މީޓަރުގެ ރިވެޓްމަންޓެއް ގާއިމްކޮށްފައިވާއިރު 290 މީޓަރުގެ ބޭރު ތޮއްޓަކާއި 287 މީޓަރުގެ އެއްގަމު ތޮއްޓެއް ވެސް ވަނީ ގާއިމް ކޮށްފަ އެވެ.

މީގެ އިތުރުން ގުރައިދޫގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ މަސައްކަތް ފަށާފައިވަނީ 10 ފެބުރުވަރީ 2015 ގައެވެ. އަދި މުޅި މަޝްރޫއުގެ މަސައްކަތް ނިމިފައިވަނީ 10 އޮކްޓޯބަރ 2017 ގައި އެވެ. އެ މަޝްރޫއަށް ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. މި ނިޒާމުން މިގޮތުން ޖުމްލަ 60 ޓަނު ގެ ފެން ދުވާލަކަށް އުފެއްދާނެ އެވެ.