އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކ. އަތޮޅުގެ ދެ ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ކ. ގުރައިދޫ އަށް މިއަދު ވަޑައިގެންފި އެވެ.
ގުރައިދޫގެ ޕީޕީއެމްގެ ސަޕޯޓަރުންނާއި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ގުރައިދޫ އަށް ފަހު މާދަމާ ރައީސް ޔާމީން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކ. ތުލުސްދޫ އަށެވެ.
ގުރައިދޫ އާއި ތުލުސްދޫ އަށް ރައީސް ޔާމީން ކުރައްވާ މި ދަތުރުުފުޅުގައި އެ ދެ ރަށުގެ ރައްޔިތުންނާ އެކު ވަގުތު ހޭދަކުރައްވާ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި މައްސަލަތައް ބައްލަވައި އޮޅުންފިލުއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ސަޕޯޓަރުން ބާއްވާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެގޮތުން އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލައި މިއަދު ގުރައިދޫގައި ކުރިއަށްދާ ހިނގާލުމާއި ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނަ އެވެ. އެމަނިކުފާނު ގުރައިދޫ އަށް ފައިބައިވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވީ ވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެކެވެ.
ރައީސް ޔާމީން ކ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރިޒާއާއި، ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް އާއި ޕީޕީއެމްއާއި ޕީއެންސީގެ ލީޑަޝިޕްގައި ހިމެނޭ ގިނަ ބޭފުޅުން ބައިވެރިވެ އެވެ.
ގުރައިދޫއާއި ތުލުސްދޫ އަށް ރައީސް ޔާމީން ކުރައްވާ މިދަތުރުފުޅުގައި މާލޭގައި ބާއްވާ ގޮތަށް ބޮޑެތި ޖަލްސާތަކެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެ އެވެ.
ރައީސް ޔާމީން ކ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު އަތޮޅު ތެރޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާ ގޮތަށް ކުރިން އޮތީ ފ. ނިލަންދޫ އިންނެވެ. ނަމަވެސް ހަފްތާ ބަންދުގައި ފ. އަތޮޅުގެ މޫސުން ރަނގަޅު ވާނެ ކަމަށް ނުބެލެވޭތީ މާލެއާ ކައިރިން އަތޮޅު ތެރޭގެ ދަތުރުތައް ފެށުމަށް ނިންމީ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.
ގުރައިދޫ އާއި ތުލުސްދޫ އަކީ ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ ބަޔަކު ދިރިއުޅޭ ދެ ރަށެވެ.