ހަބަރު

ވޯޓު ކަރުދާހުގައި ލިޔެ، ކުރަހާނަމަ ބާތިލްވާ ގޮތް ހަދަނީ

އިންތިހާބުގެ ވޯޓު ކަރުދާހުގައި ލިޔެ ނޫނީ ކުރަހާނަމަ އެ ވޯޓު ކަރުދާހެއް ބާތިލުވާ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެދިގެން އިންތިހުބުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ނިންމާފައިވާއިރު އެކަމާ ގުޅޭ ބިލެއް ވަނީ މިހާރު މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދެވެ.

އެނގިފައިވާ ގޮތުގައި އެ ބިލްގައި ވަނީ ގިނަ އިސްލާހުތައް ހިމަނާފަ އެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރުން އެއްވެސް އެއްޗެއް ކުރަހައިފިނަމަ ނުވަތަ ލިޔެފިނަމަ އެ ވޯޓު ކަރުދާހެއް ބާތިލް ވޯޓެއްގެ ގޮތުގައި ގުނާ ގޮތަށް އިސްލާހުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

އެގޮތަށް އިސްލާހުކުރަނީ ފާހަގައިގެ އިތުރުން ވޯޓު ކަރުދާހުގައި އެއްޗެހި ލިޔެ ކުރެހިޔަސް މިހާރު ވޯޓު ބާތިލް ނުވާ ގޮތަށް އޮތުމަކީ ވޯޓަށް ނުފޫޒު ފޯރުވުމަށް އޮތް މަގެއް ކަމަށް ބެލެވޭތީ އެވެ. މީގެކުރިން ވެސް މި އިސްލާހު ގެންނަން މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް އެފަހަރު ބިލް އަނބުރާ ގެންދިޔައީ އެވެ.

މީގެއިތުރުން އިންތިހާބުގައި ވޯޓު ދިން މީހުންގެ އަދަދު ކަނޑައެޅުމުގައި ބާތިލް ވޯޓު ވެސް ހިމަނަން ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

ދެން އިސްލާހު ހުށަހަޅާފައިވަނީ އިންތިހާބުތަކާ ގުޅިގެން އާންމުކުރާ ލިސްޓްތައް އާންމުކުރުމުގެ މުއްދަތަށެވެ. އެގޮތުން ވޯޓާސް ލިސްޓް 90 ދުވަހުގެ ކުރިން އިއުލާން ކުރާ ގޮތަށް އިސްލާހުކުރާއިރު ވޯޓުލާ ތަންތަނުގެ މައުލޫމާތު ހިމެނޭ ލިސްޓް 45 ދުވަހުގެ ކުރިން އާންމުކުރާ ގޮތަށް އިސްލާހުގައި ވަނީ ހިމަނާފަ އެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި އިންތިހާބީ ކުށްތަކަށް ދޭ އަދަބުތައް ބޮޑުކުރަން ވެސް ވަނީ ހިމަނާފަ އެވެ.