ދުނިޔެ

ބޮޑުތަފާތަކުން ރައީސްކަމުގެ އިތުރު ދައުރަކަށް އުރުދުޣާން އިންތިހާބުވެއްޖެ

Jun 25, 2018
1

ކުރިއަށް އޮތް ދައުރަށް ތުރުކީގެ ރައީސް އާއި ގާނޫނު ހަދާ މަޖިލިސްގެ މެންބަރުން އިންތިހާބު ކުރުމަށް މިއަދު އެ ގައުމުގައި ބޭއްވި އާންމު އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

ތުރުކީގެ އިންޓަނޭޝަނަލް ޓީވީ ޗެނަލް ޓީއާރުޓީ ވޯލްޑްގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިދިކޮޅު ފަސް ކެންޑިޑޭޓަކާ ވާދަކުރައްވާ އުރުދުޣާން ވަނީ މިހާތަނަށް ގުނުނު، 95 ޕަސެންޓް ވޯޓްގެ ތެރެއިން 52.8 ވޯޓް ކާމިޔާބު ކުރައްވައިފަ އެވެ. އަދި އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވި، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ މުހައްރަމް އިންސްއަށް ލިބިވަޑައިގަތީ، 30.7 ޕަސެންޓެވެ.

ގާތްގަނޑަކަށް 56 މިލިއަން މީހުން ވޯޓްލީ މި އިންތިހާބުގައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް އިންތިހާބު ކުރި އެވެ. މިއީ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާއި ރައީސް ހޮވުމުގެ އިންތިހާބު އެކުގައި ބޭއްވި ފުރަތަމަ ފަހަރެވެ. ޖުމްލަ 180،065 ވޯޓް ފޮށި ބެހެއްޓި މި އިންތިހާބުގައި މިހާތަނަށް 95 ޕަސެންޓް ފޮށި ގުނާ ނިމުނު އިރު އުރުދުޣާންގެ އޭކޭ ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަން، ޕީޕަލްސް އެލަޔަންސްއިން ވަނީ މަޖިލީހުގެ 53.8 ޕަސެންޓް ކާމިޔާބު ކުރައްވައިފަ އެވެ. އަދި އެންމެ ބޮޑު އިދިކޮޅު ކޯލިޝަން، ނޭޝަންސް އެލަޔަންސް އަށް ލިބުނީ 34.1 ޕަސެންޓް ގޮޑި އެވެ.

އެހެން ނަމަވެސް އިދިކޮޅު ޕާޓީތަކުން ބުނަނީ އުރުދުޣާންއަށް އަދި އިންތިހާބު ކާމިޔާބުވިކަން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ. މި ނަތީޖާއާ ގުޅިގެން އުރުދުޣާންގެ ސަޕޯޓަރުން ދަނީ މަގުތަކަށް ނުކުމެ އުފާފާޅު ކުރަމުން އެވެ. މި ނަތީޖާއާ އެކު ފަސް އަހަރުގެ ދައުރަކަށް ރައީސްކަމުގެ މަގާމު ފުރުއްވަން އުރުދުޣާންއަށް ފުރުސަތު ލިބިވަޑައިގަންނަވާނެ އެވެ. މީގެ ކުރިން ތުރުކީގެ ރައީސްއަކީ ރަމްޒީ މަގާމެއް ނަމަވެސް، 2017 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން ރައީސްއަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ.

މި ބާރުތަކުގެ ދަށުން، އުރުދުޣާން ވަނީ 2019 ވަނަ އަހަރު ބާއްވަންޖެހޭ ރިޔާސީ އިންތިހާބު އާދީއްތަ ދުވަހަށް އަވަސްކޮށްފަ އެވެ.