ކުޅިވަރު

އަލް ހާދަރީއަށް ޝަރަފުވެރި ރެކޯއްޑެއްގެ ފުރުސަތު

ގުރޫޕް "އޭ" ގެ ފަހު މެޗުގައި، މިރޭ ސައުދީ އަރަބިއްޔާއާ ދެކޮޅަށް މިސްރު ކުޅޭ މެޗު އެންމެ ހާއްސަ ވާނީ، މިސްރުގެ ކެޕްޓަން އަދި ގޯލްކީޕަރު އީސަމް އަލް ހާދަރީއަށެވެ.

މިހާރު އުމުރުން 45 އަހަރުގެ ކީޕަރަށް، މިރޭގެ މެޗުން ފުރުސަތު ދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. މިރޭ މެޗު އޭނާ ކުޅެފިނަމަ އޭނާ ވެގެންދާނީ ވޯލްޑްކަޕުގައި ކުޅޭ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

"މިރޭގެ މެޗުގައި އަހަންނަށް ބައިވެރި ވެއްޖެނަމަ އެއީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެ، މިކަން ބިނާ ވާނީ ޓީމުގެ މެނޭޖްމެންޓުން ނިންމާ ނިންމުމުގެ މައްޗަށް." ތަޖުރިބާކާރު ކީޕަރު ބުންޏެވެ.

މުބާރާތުން މިސްރުވެސް ސައުދީ އަރަބިއްޔާވެސް ވަނީ ކަޓާފަ އެވެ. އެހެންވެ މިރޭގެ މެޗުގައި ދެ ޓީމުގެވެސް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.

އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ފަހުން، މއީ މިސްރު ވޯލްޑްކަޕުގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. އަށާވިސް އަހަރު ފަހުން ވޯލްޑްކަޕުގައި ވާދަ ކުރި ޓީމަށް ކުރިމަތިވީ ބޮޑު ނާކާމިޔާބެވެ.