ކުޅިވަރު

ސައުދީ ނިންމާލީ ތިން ޕޮއިންޓުން، މިސްރަށް ޕޮއިންޓެއް ނެތް

މިސްރުގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ތިން ޕޮއިންޓާއެކު ސައުދީ އަރަބިއްޔާ މުބާރާތް ނިންމާލައިފި އެވެ.

އަށާވިސް އަހަރު ފަހުން، ވޯލްޑްކަޕަށް އައި މިސްރު، މުބާރާތުން ޕޮއިންޓެއް ގެންދާނެ ކަމަށް ބެލުވުނަސް، ސައުދީގެ ސަލީމް އަލް ދައުސަރީ ސައުދީ މޮޅުކޮށްދިނީ، އެންމެ ފަހު ވަގުތުގަ އެވެ.

މެޗުން މިސްރު ބަލިވި ނަމަވެސް، އެ ޓީމުގެ ގޯލްކީޕަރު އީސަމް އަލް ހާދަރީއަށް ވަނީ ޝަރަފުވެރި ރޭކޯޑެއް ހާސިލު ކުރެވިފަ އެވެ. އޭނާ އަކީ ވޯލްޑްކަޕުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރަކީ 45 އަހަރެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ މިސްރުންނެވެ. މެޗުގެ 22 ވަނަ މިނެޓްގައި، އަބްދުﷲ އަލް ސައީދު ތަނަވަސް ކޮންދިން ފުރަސަތަކުން ލަނޑު ކާމިޔާބު ކުރީ މުހައްމަދު ސަލާހް އެވެ.

ސައުދީން ނަތީޖާ ހަމަހަމަ ކުރީ، ފުރަތަމަ ހާފުގެ 45 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ހަ ވަނަ މިނެޓްގަ އެވެ.

އަލް ދައުސަރީ، ސައުދީ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ، 95 ވަނަ މިނެޓްގަ އެވެ. މި މެޗާއެކު ސައުދީ އަދި މިސްރަށް ވެސް ވަނީ މުބާރާތް ނިމިފަ އެވެ.