ކުޅިވަރު

ޕޯޗްގަލްއަކީ މިހާރު ތައްޓަށް ވާދަކުރާ ޓީމެއް

ޕޯޗްގަލްއަކީ މިހާރު ވޯލްޑްކަޕުގެ ތައްޓަށް ވާދަ ކުރާ ޓީމެއް ކަމަށް، ގުރޫޕް ބީ ގެ ފަހު މެޗުގައި، މިރޭ ޕޯޗްގަލްއާ ދެކޮޅަށް ނިކުންނަ އިރާންގެ ކޯޗް ކާލޯސް ކްއިރޯޒް ބުނެފި އެވެ.

އޭނާގެ އަމިއްލަ ގައުމާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ކްއިރޯޒް ބުނީ، ޕޯޗްގަލްއާ ދެކޮޅަށް ކުޅޭ ދުވަހަކީ ވަރަށް ހާއްސަ ދުވަހެއް ކަމަށާއި ރަހުމަތްތެރިކަމާ އެކުވެރިކަން މިވަގުތައް އެއްފަރާތްކޮށް އޭނާ ތައްޔާރުވެ ހުރީ އިރާންގެ ޓީމާއެކު ތާރީހްގެ ތެރެއަށް ދިއުމަށް ކަމަށެވެ.

"އަހަރެމެން ޖެހޭނެ އަހަރެމެންގެ ފެންވަރުން އެންމެ ރަނގަޅަށް ކުޅެން، ޕޯޗްގަލްއަކީ މި ވަގުތު އޮތް އެންމެ އުނދަގޫ ޓީމު، ކްއިރޯޒް ބުންޏެވެ. "އަދި އެ ޓީމަކީ ތައްޓަށް ވާދަ ކުރާ ޓީމެއް."

މި މެޗަކީ ކްއިރޯޒް އާއި ޕޯޗްގަލްގެ ކޯޗް ފެނާންޑޯ ސަންޓޯސް އަށް ވަރަށް ހާއްސަ މެޗެކެވެ. ދުވަސްވީ ދެ ރަހުމަތްތެރިން އެކަކު އަނެކަކާ ދެކޮޅަށް ނިކުންނަ ދުވަހަވެ. ސަންޓޯސް ބުނީ، އިރާންގައި ކްއިރޯޒް ރަނގަޅު މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. ކްއިރޯޒް ވަނީ ޕޯޗްގަލްގެ ގައުމީ ޓީމު ކޯޗުކަންވެސް ކޮށްފަ އެވެ.

ސްޕެއިން އަތުން ބަލިވި ނަމަވެސް، އިރާން ވަނީ ވަރަށް ރަނގަޅަށް ޑިފެންސް ކޮށްގެން ކުޅެފަ އެވެ. ސަންޓޯސް ބުނީ ސްޕެއިން އާ ދެކޮޅަށް އިރާނުން ދެއްކި ކުޅުމާއެކު، ޕޯޗްގަލްއިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށެވެ. ސަންޓޯސް ބުނީ އިރާނުން ޑިފެންސިވްކޮށް ކުޅުނަސް އެ ޓީމުން ނުރައްކާ ކުރާ ކަމަށެވެ.

ޕޯޗްގަލްގެ ދެ މެޗުގައިވެސް ލަނޑު ކާމިޔާބު ކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޕޯޗްގަލް ޓީމަކީ ރޮނާލްޑޯ އޭ ބުނާތީ ސަންޓޯސް ވަނީ އެކަމާ ބޭހޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ރޮނާލްޑޯ އަކީ އޭނާ ހިމެނުނު ކޮންމެ ޓީމެއްގައިވެސް ތާފަތު ދައްކާ ކުޅުންތެރިޔެއް ކަމަށެވެ.

"އެކަމަކު މިރޭ އިރާން ނިކުންނަނީ ރޮނާލްޑޯއާ ދެކޮޅަކަށް ނޫން ޕޯޗްގަލްއާ ދެކޮޅަށް، ޓީމުގެ އެހެން ކުޅުންތެރިންވެސް ތަފާތު ދައްކާނެ."