ކުޅިވަރު

ރޮނާލްޑޯ ފުރުސަތު ބޭކާރު ކޮށްލުމުން ޕޯޗްގަލް ދިޔައީ ދެ ވަނައަށް

ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން، އިރާން އަތުން 1-1 ން އެއްވަރު ގުރޫޕް 'ބީ" ގެ ދެ ވަނަ ޓީމުގެ ގޮތުގައި ޕޯޗްގަލް ދެ ވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

އެ ގުރޫޕްގެ އެއްވަނަ ހޯދީ، މިރޭ މޮރޮކޯ އަތުން 2-2 އެއްވަރުވި ސްޕެއިން އެވެ. ސްޕެއިން އާ ޕޯޗްގަލްއަށް ވެސް ލިބުނީ ފަސް ޕޮއިންޓެވެ. ފައިދާ ގޯލްގައި ސްޕެއިން އާ ޕޯޗްގަލްވެސް އެއްވަރެވެ. ދެ ޓީމަށްވެސް ފައިދާ އެއް ގޯލެވެ. ނަމަވެސް ސްޕެއިން އަށް ކުރި ލިބެނީ އެ ޓީމުން ޖެހި ގޯލްގެ އަދަދު އިތުރުވުމުންނެވެ.

ދެ ވަނަ ބުރުގައި، ޕޯޗްގަލް ވާދަ ކުރާނީ، ގުރޫޕް "އޭ" ގެ އެއް ވަނަ ހޯދި ގުރޫޕް އުރުގުއޭ އާ ދެކޮޅަށެވެ. ސްޕެއިން ވާދަ ކުރާނީ ގުރޫޕް "އޭ" ދެ ވަނަ ޓީމު، މުބާރާތް ބާއްވާ ގައުމު ރަޝިއާ ދެކޮޅަށެވެ.

އުރުގުއޭ އާއި ސްޕެއިން، ދެ ވަނަ ބުރުގައި ކުޅޭ މެޗު އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުގެ ރޭ، ރާއްޖޭގަޑިން 11:00 ގަ އެވެ. ޕޯޗްގަލް އާއި ރަޝިއާ ކުޅޭ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 7:00 ގަ އެވެ.

ޕޯޗްގަލްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑް ނާގަފަ އެވެ. އެ ލަނޑު މެޗުގެ 45 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ރިކާޑޯ ކަރެޝްމާ އެވެ. އެޑްރޭން ސިލްވާ ދިން ބޯޅަ ކަރެޝްމާ ގޯލް ތެރެއަށް ފޮނުވާލީ އިރާންގެ ޕެނަލްޓީ އޭރިއާ ބޭރުން އޭރިއާގެ ކަނާދިމާލުން ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ޕޯޗްގަލް ކުރިން ކުޅުނު މެޗުތަކުގައި، އެ ޓީމަށް ލަނޑު ޖަހައި ދިފައި ވަނީ ރޮނާލްޑޯ އެވެ. މި މެޗުގައިވެސް އޭނާ އަށް ވަނީ ލަނޑު ޖަހަން ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. އެ ޕެނަލްޓީ އަކީ އިރާންގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިން ރޮނާލްޑޯއަށް ޗާޖު ކުރުމުން ދެއްކި ޕެނަލްޓީ އެކެވެ.

ފުރަތަމަ މެޗުގައި، ސްޕެއިން ކޮޅަށް ޕެނަލްޓީން ލަނޑު ޖެހި، ރޮނާލްޑޯ ޖެހި ޕެނަލްޓީ އިރާންގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގައި، ރޮނާލްޑޯ ވަނީ، ބޯޅަ ނެތިސް އިރާންގެ ބީރަންވަންޑްއަށް ފައުލު ކޮށްފަ އެވެ. ރެފްރީ ވީއޭއާރް ބެލީ ރަތް ކާޑު ދައްކަން ޖެހޭ ވަރު ކަމެއް އޮތްތޯއެވެ. ތަކުރާރުކޮށް ވީއޭއާރުން ބެލުމަށް ފަހު މެޗުގެ ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ.

އިރާނުން ނަތީޖާ ހަމަހަމަ ކުރީ، ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަަލްޓީ އަކީ އިރާނުން ނެގި ކޯނަރެއް ބޮލުން ދިފާއު ކުރަން އުޅުމުން ޕެނަލްޓީ އޭރިއާ ތެރެއިން ޕޯޗްގަލްގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެެވެ. ޕެނަލްޓީން އިރާންގެ ލަނޑު ކާމިޔާބު ކުރީ، ކަރީމް އަންސާރިފަރުދު އެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި، އިރާނަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

ފޮޓޯ: ފީފާ