ކުޅިވަރު

ރޮނާލްޑޯއާ ޕޯޗްގަލް ރަށަށް، އުރުގުއޭ ކްއާޓާއަށް

ދެ ވަނަ ބުރުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗްގަލްގެ ކަޓުވާލުމަށް ފަހު، އުރުގުއޭއިން ކްއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ. އުރުގުއޭއިން މެޗު ކާމިޔާބު ކުރީ 2-1 ން ނެވެ.

ކްއާޓާ ފައިނަލުގައި، އުރުގުއޭ ވާދަ ކުރާނީ، މިރޭ ލިއޮނަލް މެސީގެ އާޖެންޓީނާ ކަޓުވާލުމަށް ފަހު، ކްއާޓާ ފައިނަލަށް ދަތުރު ކުރި ފްރާންސެވެ. އެ މެޗު އޮންނާނީ ރާއްޖޭ ގަޑިން އަންނަ ހުކުރު ދުވަހު އިރުއްސި 7:00 ގަ އެވެ.

މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި، އުރުގުއޭއިން ވަނީ ލީޑް ނަގާފަ އެވެ. ލުއިސް ސުއަރޭޒް ނަގައިދިން ބޯޅަ ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެން ލަނޑު ކާމިޔާބު ކުރީ އެޑިންސަން ކަވާނީ އެވެ.

މުޅި މެޗުގައިވެސް، އެންމެ ފާހަގަ ކުރެވުނީ، ކަވާނީ މަސައްކަތެވެ. ޓީމުގެ ފޯވަޑްލައިންއާ މެދުތެރޭގައިވެސް އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ. މެޗުގައި އުރުގުއޭގެ ޑިފެންސުން ރޮނާލްޑޯއަށް އެއްވެސް ފުރުސަތެއް ނުދެ އެވެ. އުރުގުއޭގެ ޑިފެންސުން ވަނީ ޕޯޗުގަލްގެ އޭޓޭކިން ކުޅުންތެރިން ވަރަށް ރަނގަޅަށް ހިފަހައްޓައިގެން ކުޅެފަ އެވެ.

މިފަހަރުގެ ވޯލްޑްކަޕުގައި، މި މެޗާ ހަމައަށް އުރުގުއޭގެ ގޯލަށް އެއްވެސް ގޯލެއް ވަދެފައެއް ނުވެ އެވެ. އުރުގުއޭގެ ގޯލް މެޗުގެ 55 ވަނަ މިނެޓްގައި ފޫއަޅުވާލީ، އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ، ޑިފެންޑަރު ޕެޕޭ ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

އުރުގުއޭގެ ދެ ވަނަ ލަނޑު، ބެންޓަންކޫރު ދިން ބޯޅަ އެއްފަހަރުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރީ ކަވާނީ އެވެ. އެއީ މެޗުގެ 62 ވަނަ މިނެޓްގަ އެވެ.

ފޮޓޯ: ފީފާ