ކުޅިވަރު

ފްރާންސް ސެމީއަށް، އުރުގުއޭ ރަށަށް

އުރުގުއޭގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، 12 އަހަރަށް ފަހު، ވޯލްޑްކަޕުގެ ސެމީފައިނަލަށް ފްރާންސް ދަތުރު ކޮށްފި އެވެ.

މީގެ ކުރިން، ފްރާންސް ސެމީ ފައިނަލަށް ދަތުރު ކުރީ، މަޝްހޫރު ޒައިނުއްދީން ޒިދާންގެ ފަހު މުބާރާތުގަ އެވެ. އެއީ 2006 ވަނަ އަހަރު އެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލަށްވެސް ފްރާންސް ދަތުރު ކުރި އެވެ.

ފްރާންސްގެ މިހާރުގެ ޒުވާން ސްކޮޑާއެކު 1998 ވަނަ އަހަރު ވޯލްޑްކަޕު އުފުލާލަދިން ކެޕްޓަން، ޑިޑިއޭ ޑެޝޯމްޕްގެ ކޯޗު ކަމުދަށުން، ބޮޑު ދެ މުބާރާތުގެ ސެމީ ފައިނަލަށް ފްރާންސް ދަތުރު ކުރީ އެވެ.

ފުރަތަމަ ހާފު ފަށައިގެން ގޯލަށް ނުރައްކާ ކުރީ، އުރުގުއޭއިންނެވެ. ނަމަވެސް ފްރާންސުން ވަނީ ގޭމް ކޮންޓްރޯލްކޮށް އެ ޓީމުގެ ހަމަލާތައް ވަރުގަދަ ކޮށްފަ އެވެ.

ފްރާންސްގެ ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑިފެންޑަރު ރަފޭލް ވަރާން އެވެ. އުރުގުއޭގެ އޭރިއާ ބޭރުން ހާފުގެ މެދެއްހާ ހިސާބުން އޭރިއާގެ ކަނަށްވާގޮތަށް ލިބުނު ހިލޭ ޖެހުން އެންޓްއާން ގްރީޒްމަން އޭރިއާ ތެރެއަށް ނަގައިދިނުމުން ވަރާން ވަނީ ބޮލުން ޖަހައި ގޯލްގެ ކަނަށް ބޯޅަ ވައްދާލަފަ އެވެ.

އޭގެ ކުރިންވެސް، ލިބުނު ހިލޭޖެހުމެއް ގްރީޒްމަން އޭރިއާ ތެރެއަށް ނަގައިދިނުމުން، ކިލިޔަން އެމްބަޕޭއަށް ތަނަވަސް ވުމުން އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސް ދަނޑި މަތިންނެވެ.

ދެ ވަނަ ހާފުގައި، ފްރާންސުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. ފްރާންސްގެ ޑިފެންސްގެ ކުރިމަތިން ޑިފެންސިވް މިޑްފީލްޑާ އެންގޯލާ ކަންޓޭ ވަނީ، އުރުގުއޭގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

ފްރާންސްގެ ދެ ވަނަ ލަނޑު ގްރީޒްމަން ކާމިޔާބު ކުރީ މެޗުގެ 61 ވަނަ މިނެޓްގައެވެ. ފްރާންސުން އުފައްދަން އުލޫނު ހަމަލާއެއް، އުރުގުއޭގެ އޭރިއާގެ ކުރިމަތިން ކްރިސްޓިއަން ޓޮލީސޯ ދިނީ ގްރީޒްމަން އަށެވެ. ގްރީޒްމަންގެ ކޮންޓްރޯލްގެ ދަށަށް ބޯޅަ ގެނެސް އޭނާ ވަނީ އޭރިއާގެ ބޭރުން ބާރު އުންޑައެއްހެން އުރުގުއޭގެ ގޯލާ ދިމާލަށް ބޯޅަ ފޮނުވާލާފަ އެވެ.

އެ ލަނޑު ގޯލަށް ވަނީ އުރުގުއޭގެ ކީޕަރު ފެނާންޑޯ މުސްޔެރޯ ކޮންޓްރޯލް ކޮށްލަން އުޅުނު ބޯޅަ އޭނާއަށް ރަނގަޅަށް ދިފާއު ނުކުރެވުމުން އޭނާގެ ބޯމަތިން އޮއްސިގެން ގޮހެވެ.

ސެމީ ފައިނަލުގައި، ފްރާންސް ވާދަ ކުރަން ޖެހޭނީ، މިރޭ ބްރެޒިލް އާއި ބެލްޖިއަމަް ވާދަ ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފުރަތަމަ ސެމީ ފައިނަލު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 11:00 ގަ އެވެ.