ކުޅިވަރު

އުުރުގުއޭ - ފްރާންސް: އެޑްވާންޓޭޖް އޮތީ ފްރާންސަށް

ފްރާންސް ޓީމުގައި އެންޓްއާން ގްރީޒްމަން ހުރުމަކީ އުރުގުއޭ ދެކޮޅަށް ފްރާންސަށް އޮތް އެޑްވާންޓޭޖެއް ކަމަށް ފްރާންސްގެ ކޯޗް ޑިޑެއޭ ޑެޝޯމްޕް ބުނެފި އެވެ.

ޑެޝޯމްޕް ބުނީ ފްރާންސްގެ ފޯވަޑްލައިންގައި، ގްރީޒްމަން އާއެކު އެތުލެޓިކޯ މެޑްރިޑަށް ކުޅޭ އުރުގުއޭގެ ދެ ޑިފެންޑަރުން ކަމަށްވާ ކެޕްޓަން ޑިއޭގޯ ގޯޑިން އާއި ޖޯސޭ ހިމެނޭޒް ހުރުމަކީ ގްރީޒްމަންއަށް އޮތް އެޑްވާންޓޭޖެއް ކަަމަށެވެ.

ނަމަވެސް ޑެޝޯމްޕް ގަބޫލު ކުރާ ގޮތުގައި، އިދިކޮޅު ޓީމުގައި ދަންނަ ކުޅުންތެރިޔެއް ހުރުމަކީ ބައެއަފަހަރު ޑިސް އެޑްވާންޓޭޖަކަށް ވެސް ވާކަމަކެވެ.

"އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ރަނގަޅަށް އެނގުމަކީ އެޑްވާންޓޭޖެއް އަދި ޑިސް އެޑްވާންޓޭޖެއްވެސް މެ، ސަބަބަކީ އެންޓްއާން [ގްރީޒްމަން] އަށް އެނގޭ އެ ކުޅުންތެރިން،" ޑެޝޯމްޕް ބުންޏެވެ. "އޭނާ އަށް އެނގޭނެ އެ މީހުންގެ ބަލިފައި ތަކަކީ ކޮބައިކަން އެ މީހުން ވަނީ އެއްކޮށް މެޑްރިޑްގައި ވަރަށް ގިނަ ވަގުތުތަކެއް ހޭދަ ކޮށްފައި، އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް އިހްތިރާމު ވެސް ކުރާނެ، ނަމަވެސް ރަހުމަތްތެރިކަން އޮންނާނީ މެޗު ނިމުމަށް ފަހު،"

މިއަދުގެ މެޗުގައި އުރުގުއޭގެ އެޑިންސަން ކަވާނީއަށް ފުރަތަމަ 11 އިން ފުރުސަތު ނުދިނުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ދެ ވަނަ ބުރުގައި ޕޯޗްގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުމުންނެވެ.

ޑެޝޯމްޕް ބުނީ، ފްރާންސް ޓީމު އޭނާ ތައްޔާރު ކުރާނީ އުރުގުއޭގެ ޓީމާ ދެކޮޅަށް ކުޅެން ކަމަށާއި ކަވާނީ ހިމެނޭނެ ތޯ ނުވަތަ ނޫންތޯ ނުބަލާ ކަމަށެވެ.

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން ގެންދާ، ކަވާނީއާ ބެހޭ ގޮތުން ޑެޝޯމްޕް ބުނީ އޭނާއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ސްޓައިކަރު ކަމަށެވެ.

ކަވާނީގެ ހާލަތާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދޭން އުރުގުއޭގެ ކޯޗް އޮސްކާ ޓަބަރޭޒް ވެސް ބޭނުމެއް ނުވެ އެވެ. ކަވާނީ ނެތް ނަމަ އުރުގުއޭގެ ފޯޥަޑްލައިންގައި ދެން ހުންނާނީ ލުއިސް ސުއަރޭޒް އެވެ.

ސުއަރޭޒް ހުއްޓުވުމަށް، ފްރާންސްގެ ޑިފެންސް ލައިންގައި ހުންނާނީ އޭނާ އާއެކު ބާސެލޯނާއަށް ކުލެމުންގެންދާ ސެމިއުލް އުމްޓިޓީ އެވެ. މިއީ ސުއަރޭޒް އަށް އަދި އުމްޓިޓީއަށް ވެސް ބޮޑު އެޑްވާންޓޭޖެކެވެ. ފްރާންސްގެ ޑިފެންސްގެ މައި ތަނބު ރަފޭލް ވަރާން އަކީ ސްޕެނިޝް ލީގްގައި ސުއަރޭޒްއާ ދެކޮޅަށް ކުޅޭ ކުޅުންތެރިޔެކެވެ.