ކުޅިވަރު

އެމްބާޕޭއަށް 19 އަހަރުގައި ބޮޑު ފައިނަލަށް

ކިލިޔަން އެމްބާޕޭގެ އުމުރުން 16 އަހަރުގައި، ފްރާންސްގެ މޮނަކޯއަށް ޗެމްޕިއަންސް ލީގް ޖާގަ ހޯދައިދިނުމަށް އެހީތެރިވެ ދިނެވެ. އޭނާގެ އުމުރުން 17 އަހަރުގައި، ޗެމްޕިއަންސް ނޮކައުޓް ސްޓޭޖަށް ދަތުރު ކުރި އެވެ. އަދި ހަމަ އެ ސީޒަންގައި ޗެމްޕިއަންސް ލީގް ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. ސެމީ ފައިނަލުގައި މަޝްހޫރު ގޯލްކީޕަރު ޖިއާންލުއީޖީ ބުފޯން ބަލަހައްޓަމުން ދިޔަ، ޔުވެންޓަސްގެ ގޯލް ފޫއަޅުވާލި އެވެ. އޭނާގެ އުމުރުން 18 އަހަރުގައި، ދުނިޔޭގެ ދެ ވަނަ އަށް އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕީއެސްޖީއަށް ބަދަލުވި އެވެ. ޕީއެސްޖީން އޭނާ ހޯދުމަށް ހޭދަ ކުރި 180 މިލިއަން ޕައުންޑަކީ ފުރާވަރު އުމުރުގެ ކުޅުންތެރިޔެއްގެ ޓްރާންސްފާއަށް ހޭދަ ކުރި އެންމެ ބޮޑު އަގެވެ. މިހާރު އުމުރުން 19 އަހަރުގައި އޭނާ ހުރީ ފްރާންސްގެ ޓީމާއެކު ވޯލްޑްކަޕު ފައިނަލުގަ އެވެ.

ފުޓްބޯޅައިގައި މިހާރު އެންމެ މަޝްހޫރު ދެ ކުޅުންތެރިންނަކީ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ވޭތުވެދިޔަ 10 އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި ޑޮމިނޭޓް ކުރި އެ ދެ ކުޅުންތެރިންނެވެ. ނަމަވެސް ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގައި މެސީ އާއި ރޮނާލްޑޯއަށް ކާމިޔާބެއް ނުހޯދުނެވެ.

ފްރާންސަށް 1998 ވަނަ އަހަރު ވޯލްޑްކަޕު ކާމިޔާބު ކޮށްދިނުމުގައި ހިއްސާވި، ކުރީގެ ކުޅުންތެރިޔާ ޔޯރީ ޖޯކްއެފް ވަނީ މެސީ، ރޮނާލްޑޯ އާއި އެމްބަޕޭއާ އަޅުވާ ކިޔާފަ އެވެ.

"މިހާރު އެ ހުރީ އެމްބާޕޭ، ދެން އެބަތިބި އެހެން މީހުންވެސް، އަހަންނަށް ފެންނަނީ އޭނާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާއެކު ކުޅެން ވަރަށް ބޮޑަށް ކުރި އެރުން ހޯދައިފި،" ޖޯކްއެފް ބުންޏެވެ. "އެ ގޮތުގައި ކުރިއަށް ދިއުމަށް އޮތީ އޭނާގެ އަތްމަތީގައި، އޭނާ ވަނީ އޭނާގެ ހިދުމަތް ޓީމަށް ފޯރު ކޮށްދީފަ، އޭނާގެ ސްޓައިލް ޓީމަށް ގެނެސް، އޭނާ ވަނީ ތަފާތު ދައްކާފައި."

"މެސީ، ރޮނާލްޑޯ ނުވަތަ ނޭމާއަށް ބަލާލާފަ، އެމްބާޕޭއާ އަޅާ ކިޔާލީމަ ފެންނަނީ އެމީހުން ގޮސް ފަހަތަށް އޮބެމުން ދާތަން، އެމްބާޕޭ އައިސް އެ ކުޅުންތެރިން 'މުސްކުޅި' ކުޅުންތެރިންނަށް ހަދައިފި، އަހަރެން އެކަމާ އުފާވޭ، ސަބަބަކީ މީ ފުޓްބޯޅަ."

ފައިނަލު ޒައިނުއްދީން ޒިދާން ދަނޑަށް އަރައި ބްރެޒިލްގެ ބާރު ކަނޑުވާލައި ފްރާންސަށް ވޯލްޑްކަޕުގެ ތަށި ހޯދައިދިން އިރު، އެމްބާޕޭ އުފަން ވެސް ނުވެ އެވެ. އޭނާއަށް އެވާހަކަ ކިޔައިދިނަސް އެމަންޒަރު ސިފާ ކުރާކަށް ނޭނގޭނެ އެވެ. މިހާރު އޭނާ ހުރީ ފައިނަލުގަ އެވެ. މުބާރާތް ފްރާންސާއެކު ކާމިޔާބު ކޮށްފިނަމަ އޭނާ ވާނީ ފްރާންސާއެކު ވޯލްޑްކަޕު ކާމިޔާބު ކުރާ އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ޒައިނުއްދީން ޒިދާން ވޯލްޑްކަޕު ކާމިޔާބު ކުރުމުން އެ ފެނުނު މަންޒަރު އަމިއްލައަށް ތަޖުރިބާ ކުރުމަށް އެމްބަޕޭއަށް ފުރުސަތު ލިބޭނެ އެވެ.

ރަޝިއާގެ މޮސްކޯއަށް ފްރާންސް ޓީމު އައިސް ތިބީ، ދެ އަހަރު ކުރިން ބޭއްވި ޔޫރޯގެ ފައިނަލުގައި ކުރިމަތިވި ނާކާމިޔާބު ހަނދާން ކުރަމުންނެވެ. އެ ސްކޮޑަށް އައި އެންމެ ބޮޑު ބަދަލަކީ އެމްބާޕޭ ސްކޮޑަށް އިތުރުވުމެވެ. ދެ އަހަރު ކުރިން އޭނާ ވާދަ ކުރީ 19 އަހަރުން ދަށުގެ ޔޫރޯ ގަ އެވެ. އެ މުބާރާތް ފްރާސަށް ކާމިޔާބު ކޮށްދިނެވެ. އެ މުބާރާތުގައި ފަސް ލަނޑު ޖަހައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކުރި އެވެ.

ޔޫރޯގެ ފައިނަލުގައި ކުރިމަތިވި ނާކާޔާބަށް ފަހު، ފްރާންސްގެ ސްކޮޑަށް އެމްބާޕޭ ކަހަލަ ޒުވާން ކުޅުންތެރިޔެއް ބޭނުންވާ ކަން، ކޯޗް ޑިޑިއޭ ޑެޝޯމްޕްއަށް ފާހަގަ ވިއެވެ.

"އެމްބާޕޭ އަކީ އާދާޔާހިލާފް ހުނަރު ހުރި ކުޅުންތެރިޔެއް، އޭނާ ވަނީ ވަަރަށް ގިނަ ފަހަރަށް އެކަން ސާބިތުކޮށްދީފަ،" މިރޭ ކުޅޭ ފައިނަލު މެޗުގެ ކުރިން ޑެޝޯމްޕް ބުންޏެވެ. "އުމުރުން ކިތަންމެ ހަގު ވިޔަސް 23 ކުޅުންތެރިންގެ ތެރޭގައި ހިމެނެން ޖެހޭ ކުޅުންތެރިޔެއް، މެޗުގެ ގޮތުން އޭނާގެ ތަޖުރިބާ މަދުވި ނަމަވެސް އޭނާ ހުރީ ތައްޔާރަށް، އަހަރެން އޭނާއަށް ބުނެދެނީ އެހެން ކުޅުންތެރިންނަށް ބުނެދޭ ވާހަކަ ވަކި ހާއްސަ އެއްޗެއް އޭނާއަށް ބުނެ ނުދެން."

މިރޭގެ މެޗުގައި ކްރޮއޭޝިއާއިން އޭނާ އަށް ސަމާލުކަން ދީގެން އޭނާ ހުއްޓުވަން އުޅެފިނަމަ، އެހެން ކުޅުންތެރިންނަށް ޖާގަ ލިބޭނެ އެވެ. ފްރާންސް ކުޅުނު އެހެން މެޗުތަކުން ފެނިގެން ދިޔައީ އެ މަންޒަރެވެ.