ކީލިއަން އެމްބާއްޕޭ

ޖެރޯމް ރޯތަންގެ ފާޑުކިއުން އެމްބާޕޭއަށް

ކުރީގެ ފްރާންސް ފޯވާޑް ޖެރޯމް ރޯތަން ކީލިއަން އެމްބާޕޭއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

އޭނާ ވަނީ މިހާރު ކުރިއަށްދާ ޔޫރޯ 2020 ގައި އެމްބާޕޭގެ ކުޅުން ރަނގަޅު ނޫން ކަމަށާއި، އޭނާގެ އުޅުމުގެ މައްސަލަތަކެއް ހުރިކަމަށް ބުނެ ފާޑު ކިޔާފަ އެވެ. ޕީއެސްޖީގައި ވެސް ނަން ވިދާލި ރޯތަން ބުނީ އެމްބާޕޭ ފްރާންސް ޓީމުގެ ލީޑަރަކަށް ވެގެން އުޅުމުގެ އެއްވެސް މައްސލައެއް ނެތް ކަމަށެވެ. އެކަމަކު މިހާރު އޭނާ ފެންވަރު އޮޅި ކަންތައްތައް މާ މައްޗަށް ގެންދާ ކަމަށެވެ. އަދި އޭގެ ސަބަބުން މުބާރާތް ފެށުނީއްސުރެ އޭނާގެ ކުޅުމަށް އަސަރު ކޮށްފައވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއް ކަން ރޯތަން ބުނެފައެއް ނުވެ އެވެ.

ފްރާންސްގެ ކޯޗު ޑިޑީއޭ ޑެޝަމްޕް މިހާރު އެމްބާޕޭގެ އަތްމައްޗަށް މާ ބޮޑަށް ކަންތައް ދޫކޮށްލާފައިވާ ކަމަށް ބުނަމުން ރޯތަން ބުނީ މިމަގުން ކަން ހިނގާ ނަމަ ދުވަސް ކޮޅަކުން ކޯޗަށް އެމްބާޕޭ މަތަ ނުކުރެވޭނެ ކަމަށެވެ. އަދި އޭގެ ނޭދެވޭ އަސަރު މުޅި ފްރާންސް ޓީމަށް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޓީމުގެ އެހެން ކުޅުންތެރިންނާއި އަޅާ ބަލާއިރު އެމްބާޕޭގެ ހިލޭ ޖެހުމުގެ ހުނަރު ދަށްކަން އޭނާއަށް އެނގޭތޯ ރޯތަން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި 25 ޔާޑު ދުރުން ދުވަހަކު ވެސް އެމްބާޕޭ ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ފޮނުވާލާފައި ނުވާކަން ރޯތަން ފާހަގަ ކުރި އެވެ. ރޯތަން ބުނީ އޭގެ ބަދަލުގައި ގްރީޒްމެން އާއި ބެންޒިމާ ރަނގަޅު ހިލޭ ޖެހުންތަކެއް ޖަހާ ކަމަށެވެ. އެހެން ކަމުން އެމްބާޕޭގެ އެމްބާޕޭގެ ބޭނުމަކީ ކޮބައިތޯ ރޯތަން ވަނީ ސުވާލު އުފައްދާފަ އެވެ.

ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖު މެޗުތައް ނިމިފައި ވާއިރު، އެމްބާޕޭއަށް މިހާތަނަށް ގޯލެއް ނުޖެހެ އެވެ. ގްރޫޕް ސްޓޭޖްގައި އޭނާ ޖެހި ގޯލަކީ އޮފްސައިޑު ގޯލެއް ކަމަށް ރެފްރީ ވަނީ ނިންމާފަ އެވެ.

އެންމެންގެ އުންމީދަކީ އެމްބާޕޭގެ ފަރާތުން މިއަށްވުރެ ރަނގަޅު ކުޅުމެއް ފެނުން ކަމަށާއި، މީހުން ގަބޫލު ކުރާ ގޮތުގައި އޭނާ އަކީ ޔޫރަޕުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ރޯތަން ބުންޏެވެ.