ކުޅިވަރު

ރޮނާލްޑޯ ހިފަހައްޓަން ނިކުންނާނީ އުރުގުއޭގެ މުޅި ޓީމު

ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހުއްޓުވުމަކީ، އެންމެ ކުޅުންތެރިޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ކުރާނީ މުޅި އުރުގުއޭގެ ޓީމުން ކަމަށް އެ ޓީމުގެ ކޯޗް އަސްކާ ވޮށިންޓަން ޓަބަރޭޒް ބުނެފި އެވެ.

ވޯލްޑްކަޕުގައި ކުޅުނު ތިން މެޗުން ރޮނާލްޑޯ ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. ރަޝިއާގެ ސޯޗީގެ ފިޝްޓް ސްޓޭޑިއަމްގައި ރާއްޖޭގަޑިން މިރޭ 11:00 ގައި ކުޅޭ މެޗުގައި އެންމެންގެ ސަމާލުކަން ލިބޭނީ ރޮނާލްޑޯ އަށެވެ.

ދެ ވަނަ ބުރަށް ޕޯޗްގަލް ކޮލިފައިވީ، ގުރޫޕް ބީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އުރުގުއޭ ދެ ވަނަ ބުރަށް ދިޔައީ ގުރޫޕް އޭ ގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެންނެވެ.

"އަހަރެން ގަބޫލު ކުރަނީ ރޮނާލްޑޯ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ސްޓައިކަރު ކަމަށް،" ޓަބަރޭޒް ބުންޏެވެ. "މި ކޮލިޓީގެ އިތުރަށް ރޮނާލްޑޯގެ އެންމެ މުހިންމު ކޮލިޓީއަކީ އޭނާގެ ލީޑާޝިޕް، މުޅި ޓީމުގައި އޭނާ ވަނީ ލިޑަރަކަށް."

"ރޮނާލްޑޯ ހިފެހެއްޓުމަކީ އެންމެ ކުޅުންތެރިޔަކަށް ކުރެވޭނެ ކަމެއް ނޫން، އޭނާ ހުއްޓުވުމަށް އަހަރެމެން މަސައްކަތް ކުރަން ޖެހެނީ ޓީމެއް ގޮތަށް، އޭނާގެ ފެންވަރު ކުޑަ ކުރުމަކަށް ނޫން މަސައްކަތް ކުރަން ޖެހޭނީކީ، އަހަރެމެން މަސައްކަތް ކުރަން ޖެހޭނީ އޭނާ ހިފަހައްޓަން،"

ޓަބަރޭޒް ބުނީ އުރުގުއޭ އާއި ޕޯޗްގަލް މެޗު ވާނީ ވަރުގަދަ މެޗަކަށް ކަމަށާއި ބަލާލަން ރީތި މެޗެއް ފެންނާނެ ކަމަށެވެ.

ޕޯޗްގަލްއަކީ ރޮނާލްޑޯގެ ޓީމެކޭ ބުނާތީ، އެ ޓީމުގެ ކޯޗް ފެނާންޑޯ ސަންޓޯސް ބުނީ ރޮނާލްޑޯއަކަނި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. ރޮނާލްޑޯ ލަނޑުވެސް ޖަހަނީ މުޅި ޓީމު އޭނާއަށް އެހީވާތީ ކަމަށް ސަންޓޯސް ބުންޏެވެ.