ހަބަރު

ފާރިސްގެ ޝަހްސު މައްސަލައިގެ ހުލާސާ ބަޔާން އަނެއްކާ ފަސްކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަށް އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގައި ދައުލަތުން ހުލާސާ ބަޔާނަށް އިތުރަށް ތައްޔާރުވުމަށް ފުރުުސަތަކަށް އެދުމުން، ކޯޓުން އަނެއްކާވެސް ހުލާސާ ބަޔާން އިއްވުން އަނެއްކާވެސް ފަސްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ތައާވަލް ކުރި އެވެ. ނަމަވެސް އެދުވަހުގެ އަޑުއެހުން ފެށުމާއެކު ފާރިސްގެ ވަކީލުން ވަނީ ކިތާބީ ހެކި ޝަރީއަތަށް ހުށަހަޅައި ވާހަކަ ދައްކަން ފުރުސަތު ލިބިފައިނުވާކަން ފާހަގަކޮށް އެކަމަށް ފުރުސަތު ދެއްވުމަށް އެދުމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެ ފުރުސަތު ދެއްވާފަ އެވެ.

މިއަދު މި މައްސަލާގައި ތާވަލުކުރި އަޑުއެހުމަކީ ހުލާސާ ބަޔާން އިއްވުމަށާއި ދިފާއަށް ކިތާބީ ހެކި ޝަރީއަތަށް ހުށަހަޅައި ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެވެ.

މިއަދުގެ ޝަރީއަތް ފެށުމާާއެކު ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ މިއަދު މަޖިލީހުގެ ޖަލްސާއެއް އޮތުމުން އެ ޖަލްސާއަށް ފާރިސް ހާޒިރުވާން ފުރުސަތުދީ މަޖިލިސް ފަސް ކުރުމަށް އެދިފަ އެވެ. އެގޮތުން ގާޒީ ނިންމެވީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދޭތޯ ބަލުމަށް ފަސް މިނެޓަށް މަޖިލިސް މެދު ކަނޑާލުމަށެވެ. އެގޮތުން މަޖިލީހަށް ގުޅައި ޖަލްސާ ނިމިފައިވާތީ ޝަރީއަތް ކުރިއަށް ގެންދަން ގާޒީ ނިންމެވި އެވެ.

މިއަދުގެ ޝަރީއަތުގައި ފުރަތަމަ އޮތީ ދިފާއުން ކޯޓަށް ހުށަހަޅާފައިވާ ވީޑިއޯ އަކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެގޮތުން އެ ވީޑިއޯ ވަނީ މިއަދުގެ ޝަރީއަތުގައި ދައްކާފަ އެވެ. އެ ވީޑިއޯ އަކީ ޓީވީއެމް އިން 2014 ވަނަ އަހަރު ދެއްކި މަޖިލިސް ބަހުސް 2014 ޕްރޮގްރާމްގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ދައްކާފަހުރި ވާހަކަތަކެވެ. އެ ވީޑިއޯގައި ދައްކާފައިހުރީ ނައިފަރު ދާއިރާއަށް އޭނާ ކުރިމަތިލި ސަބަބާއި އެދާއިރާގެ ރައްޔިތުން އޭނާ ހޮވަންވީ ސަބަބުތަކުގެ ވާހަކަތަކެވެ. އޭނާ އެ ދާއިރާއަށް ކުރިމަތި ލާފައިވަނީ އަމިއްލަ ގޮތުން ނެވެ.

ފަސްވަރަކަށް މިނެޓްގެ އެ ވީޑިއޯ އަށްފަހު، ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ. ވީޑިއޯގައި ޝިޔާމް އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ހުރެ ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި ހުރެ ޕީޕީއެމް ތަމްސީލް ކުރާގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ޕީޕީއެމާއި ޕީޕީއެމްގެ މުސްތަޝާރް އަދި ރައީސް އަބުދުﷲ ޔާމީނާއި ގާތް ގުޅުމެއް އޮތް ކަމަށާއި ވަރަށް ގާތުން މަސައްކަތް ކޮށްފައިވާކަަމަށް ވާހަކަދައްކާފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.

ޝަމީލް ވިދާޅުވީ، ޝިޔާމް ވަނީ ސޯޝަލް މީޑިއާ ބޭނުން ކުރައްވާކަމަށްވެސް ވީޑިއޯގައި ވިދާޅުވެފަ ކަމަށާއި އެގޮތުން އެދުވަސަްވަރު އޭނާގެ ކެމްޕެއިނަށް ފޭސްބުކްގައި ހިންގި ޕޭޖެއްގައި އޭނާ ތަމްސީލް ކުރަނީ ޕީޕީއެމް ކަމަށް ލިޔެފައިވާ ފޮޓޯއެއްވެސް ހިމެނޭ ކަމަށެވެ. އަދި އެ ޕޭޖްގެ ފޮޓޯތަކުގައި ޕީޕީއެމްގެ ބެނާ ތަކާއި ލޯގޯވެސް ބޭނުން ކޮށްފައިވާ ކަމަށް ޝަމީލް ވިދާޅުވި އެވެ.

ވީޑިއޯއާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށްފަހު ދިފާއީ ވަކީލުންގެ ފަރާތުން ހުށަހަޅާ 27 ކިތާބީ ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވި އެވެ. އެ 27 ކިތާބީ ހެކީގެ ތެރޭގައި މައްސަލާގެ ތަހުގީގު ވީޑިއޯ ރެކޯޑިން އާއި މައްސަލަ ބަލައިދޭން ޕީޕީއެމްއިން ފުލުހަށް ފޮނުވި ސިޓީ އާއި ޕީޕީއެމްއިން ވަކިކުރުމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެކި ފަރާތްތަކަށް ފޮނުވާފައިވާ ސިޓީތަކާއި ޕާޓީން ވަކިކުރި ފަހުން ވެސް އޭނާ މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރިކަން އެނގޭ ލިޔުންތައް ހިމެނެ އެވެ.

އެގޮތުން ޝަމީލް ވިދާޅުވީ، ފުލުހުން މި މައްސަލައިގެ ތަހުގީގް ކޮށް، ހެކިބަސް ނަގާފައުވަނީ ފާރިސްގެ ހުރިހާ ހައްގެ ބަޔާން ނުކޮށް ކަމަށާއި އެހެން ކަމުން މި މައްސަލައިގެ ތަހުގީގަކީ ބާތިލް އިޖްރާއަތުގެ މަތީން ކޮށްފައިވާ ތަހުގީގެއް ކަމަށާއި އެހެން ކަމުން މި މައްސަލައިގެ ތަހުގީގް ބާތިލް ކަމަށެވެ.

މައްސަލަ ބަލައިދޭން ޕީޕީއެމްއިން ފުލުހަށް ފޮނުވި ސިޓީއާ ގުޅޭގޮތުން ޝަމީލް ވިދާޅުވީ، ފުލުހަށް މި މައްސަލަ ހުށަހެޅީ ޕުނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ، އަދުރޭ ކަމަށާއި އޭނާ މި މައްސަލަ ހުށަހަޅާފައިވަނި ޕީޕީއެމްގެ ނައިބް ރައީސްގެ ހައިސިއްޔަތުން ކަމަށެވެ. ނަމަވެސް އަދުރޭ އަކީ ޕީޕީއެމްގެ ނައިބް ރައީސް ކަމުން ކުރީގެ ރައީސް މައުމޫން ވަކިކޮށްފައިވާ ފަރާތެއް ކަމަށް ކިތާބީ ހެކިތަކުން ސާބިތުވާ ކަމަށާއި އެހެން ކަމުން މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތެއް އަދުރޭ އަކަށް ނޯންނާނެ ކަމަށެވެ. އެކަމަކީ ސީދާ ހަގީގީ ޝަހްސް އޮޅުވާލުން ކަމަށް ޝަމީލް ވިދާޅުވި އެވެ.

ޕީޕީއެމްއިން ވަކިކުރުމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެކި ފަރާތްތަކަށް ފޮނުވާފައިވާ ސިޓީތަކާއި ގުޅޭގޮތުން ޝަމީލް ވިދާޅުވީ، ފާރިސްގެ އެއްވެސް މައްސަލައެއް ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިގެން ބަލާފައިނުވާ ކަމަށާއި އޭނާ ޕާޓީން ވަކި ކުރި ކަމަށް އެއްވެސް ލިޔެކިޔުމަކުން އިނގެން ނެތް ކަން ކިތާބީ ހެކިން ސާބިތުވާ ކަމަށެވެ. އެހެންކަމުން ސައްހަ ގޮތެއްގައި ފާރިސް ވަކިކޮށްފައިނުވާއިރު، އޭނާ ވަކި ކޮށްފައިވާ ކަމަށް އީސީއަށް ހުށަނޭޅޭނެ ކަމަށާއި އެ ހުށައެޅުން ބާތިލް ކަމަށްވެސް ޝަމީލް ވިދާޅުވި އެވެ.

ޕާޓީން ވަކިކުރި ފަހުން ވެސް އޭނާ މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރިކަން އެނގޭ ލިޔުންތަކާއި ގުޅޭގޮތުން ޝަމީލް ވިދާޅުވީ، 12 ޖޫން 2017 ވަނަ އަހަރު މަޖިލީހުގައި ބޭއްވި ޖަލްސާގައި ފާރިސް ތަމްސީލް ކޮށްފައިވާ ޕާޓީއެއްގެ ގޮތުގައި އެ އިދާރާގެ ލިޔެކިޔުންތަކުގައިވަނީ ޕީޕީއެމް ކަމަށެވެ.

ކިތާބީ ހެއްކާއި ގުޅޭގޮތުން ވާހަކަދެއްކުމަށްފަހު ދިފާއުން އެދުނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށެވެ. އެގޮތުން މި މައްސަލާގައި ދައުލަތުން ހުށަހަލާފައިވާ ވީޑިއޯގެ ޗެއިން އޮފް ކަސްޓިޑީ ނެތުމާއި އެ ވީޑީއޯގެ އެނަލިސިސް ނެތުމުން އެ ވީޑިއޯ ބަލައި ނުގަތުމަށް ކޯޓުން ނިންމުމަށް ޝަމީލް އެދުނެވެ.

ޝަމީލް އިތުރަށް އެދުނީ މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިބަސް ދީފައިވާ ފަރާތްތަކުގެ ހެކިބަސް ބަލައި ނުގަތުމަށްވެސް އެދިފަ އެވެ. އެގޮތުން މި މައްސަލައިގެ ހެކިބަސް ދިން ފުރަތަމަ ފަރާތުން ހުވާ ކޮށްގެން ހުރެ ދޮގު ހެކިބަސް ދީފައިވާ ކަމަށް ސާބިތުވާ ކަމަށެވެ. އެއީ އޭނާ ހެކިބަސް ދިން އިރު އެ ޕްރެސްގައި ފާރިސް ތަމްސީލް ކުރަނީ ޕީޕީއެމް ކަމަށް ވިދާޅުވި ކަމަށެވެ.

ނަމަވެސް ދައުލަތުން ހުށަހެޅި ވީޑިއޯގައި ވެސް ފާރިސް އެއްވެސް ހިސާބެއްގައި ޕީޕީއެމް ތަމްސީލް ކުރާ ކަމަށް ވިދާޅުވެފައިނުވާތީ އޭނާ ދިނީ ދޮގު ހެކިބަސް ކަމަށް ކަނޑައަޅައި ބަލައި ނުގަތުމަށް ނިންމަން ޖެހޭ ކަމަށް ޝަމީލް ވިދާޅުވި އެވެ. ޝަމީލް ވަނީ ދެވަނަ އަށް ހެކިބަސް ދިން މީހާވެސް ދޮގު ހެކިބަސް ދީފައިވާތީވެ އޭނާގެ ހެކިބަސް ބަލައި ނުގަތުމަށް އެދިފަ އެވެ.

ދިފާއުން ވާހަކަ ދައްކާ ނިމުމުން ދައުލަތުން ވަނީ ފުރުސަތަކަށް އެދިފަ އެވެ. އެގޮތުން ދައުލަތުން ހުށަހެޅި ވީޑިއޯގެ ޗެއިން އޮފް ކަސްޓިޑީ ހުށަހަޅަން ނުޖެހޭ ކަމަށާއި އެނަލިސިސް ރިޕޯޓް ހުށަހަޅަން ނުޖެހޭ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އަދި ދިފާއުން ހުށަހަޅާފައިވާ ވީޑިއޯތަކުގެވެސް ޗެއިން އޮފް ކަސްޓިޑީއާ އެނަލިސިސް ރިޕޯޓް ހުށަހަޅާފައިނުވާތީ އެކަންވެސް ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ވީޑިއޯ ބަލައި ގަތުމަށް ނިންމާފަ އެވެ. ހުލާސާ ބަޔާން އިއްވުމަށް ދައުލަތަށް ފުރުސަތު އެދުމުން ދައުލަތުން ވަނީ ދިފާއުން ވަރަށް ގިނަ ގަޒިއްޔާތަކެއް މިއަދު ހުށަހަޅުއްވާފައިވާ ކަމަށާއި އެ ގަޒިއްޔާތައް ލިބިފައިިނުވާތީ އިތުރު ފުރުސަތެއް ދިނުމަށެވެ.

އެކަމާ ގުޅިގެން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ ދައުލަތުން އިތުރު ފުރުސަތަކަށް އެދުމުން އެނގިގެންދާ ކަމަކީ މި މައްސަލަ އަވަށް އަރުވާލައިގެން ކުރިއަށް ގެންދާކަން ކަމަށާއި ފާރިސްގެ ފަރާތުން އެކަން ކުރިންވެސް އެތައް ފަހަރެއްގެ މަތިން ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ އަމަލު ތަކުގެ ސަބަބުން ބަދުނާމު ވަނީ ކޯޓު ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

ގާޒީ ވަނީ ދައުލަތަށް ފުރުސަތެއް ދިނުމަށް ނިންމައި މިއަދުގެ އަޑުއެހުން ނިންމާލައްވާފަ އެވެ. ދެން އޮޮންނަ އަޑުއެހުމެއްގައި ހުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވި ނަމަވެސް ދެން ޝަރީއަތެއް އޮންނާނެ ދުވަހެއް ހާމައެއް ނުކުރައްވަ އެވެ.