ދުނިޔެ

އިޓަލީން ހުއްދަ ނުދިން ބޯޓު، 230 ރެފިއުޖީންނާއެކު އަދިވެސް ކަނޑުމަތީގައި

Jun 26, 2018

އެތަކެއް ސަތޭކަ ރެފިއުޖީން ގޮވައިގެން ޔޫރަޕަށް އައި ބޯޓެއް ބަނދަރާކައިރި ކުރުމަށް އިޓަލީ އާއި މޯލްޓާ އިން ހުއްދަ ނުދީގެން ކަނޑުމަތީގައި އޮންނަތާ މިހާރު ފަސް ދުވަސް ވެފައިވާ އިރު، އެ މީހުންގެ ހާލަތާއިމެދު ކަންބޮޑުވުން އިތުރުވެއްޖެ އެވެ.

ޖަރުމަނުގެ އަމިއްލަ ޖަމާއަތެއްގެ އެ ބޯޓު 234 އެފްރިކާގެ ރެފިއުޖީން މެޑިޓެރޭނިއަނުން ސަލާމަތްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އޭގެ ތެރޭގައި ތިން އަހަރު ނުފުރޭ ހަތަރު ކުޑަ ކުދިން ވެސް ތިބިކަމަށްވެ އެވެ. ނަމަވެސް، މޯލްޓާގެ 30 މޭލު ބޭރުގައި އޮތް ބޯޓު އިޓަލީގައި ބަނދަރު ކުރުމުގެ ހުއްދަ ނުދޭނެ ކަމުގައި، އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު މެޓަޔޯ ސަލްވީނީ ވަނީ ވިދާޅުވެފަ އެވެ. އަދި ޔޫރަޕަށް ހިޖުރަކުރަނިކޮށް ކަނޑުމަތީގައި ހާލުގައިޖެހޭ މީހުން ސަލާމަތްކުރުން ހުއްޓާލުމަށް ވެސް އޭނާ ވަނީ ޔޫރަޕުގެ އަމިއްލަ ޖަމާއަތްތަކަށް ގޮވާލައްވާފަ އެވެ.

މިހާރު ވެސް 1،000 އަށް ވުރެ ގިނަ ރެފިއުޖީން އެކި ބޯޓުތަކުގައި ކަނޑުމަތީގައި ހާލުގައިޖެހިފައިވާ ކަމަށް ބައެއް ޖަމިއްޔާތަކުން ލަފާކުރެ އެވެ.

"އިޓަލީން ބުނަނީ މި ރެފިއުޖީންނަކީ ލީބިޔާގެ ޒިންމާއެއްކަމަށް. އެކަމަކު ލީބިޔާ މީހުން ގުޅީމަ ފޯނެއް ނުނަގާ،" ޖަރުމަނުގެ "ލައިފްލައިން" ނަމަކަށް ކިޔާ ބޯޓުގެ ކައްޕި ބުނެފައިވެ އެވެ.

ކަނޑުމަތީގައި ތާށިވެފައިވާ ރެފިއުޖީންނަށް ސްޕެއިންގެ ބާސަލޯނާގެ މޭޔަރު ވަނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވެފަ އެވެ. ނަމަވެސް މޫސުން ގޯސްކަމުން އެ ހިސާބަށް ދެވޭގޮތްނުވެފައިވާ ކަމަށް އެ ބޯޓުން ވަނީ ބުނެފަ އެވެ. އަދި މި ވަގުތަށް ބޯޓުގައި ކާބޯތަކެއްޗާއި ބޯފެން ހުރިކަމަށްވެ އެވެ.

އެ ބޯޓުން މިހާރު ވަނީ ފްރާންސްގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ. ޔޫރަޕް ފެންނަ ހިސާބުގައި ތިބި އެތަކެއް ސަތޭކަ ރެފިއުޖީން ހާލުގައި ތިބެން ދޫކޮށްލާފައިވާތީ، އިޓަލީއަށް ވަނީ ފާޑިކިޔުން އަމާޒުވެފަ އެވެ.

ވާނެ ގޮތެއް ނޭނގި ކަނޑުމަތީގައި މި ރެފިއުޖީން ތިބި އިރު، އީޔޫގެ އިސްވެރިން ވަނީ ރެފިއުޖީންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް އާދީއްތަ ދުވަހު ކުއްލި ބައްދަލުވުންތަކެއް ވެސް ބާއްވާފަ އެވެ. ނަމަވެސް ޖޫން 28 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ސަމިޓުގެ ކުރިން ބޭއްވުނު ބައްދަލުވުންތަކުގައި ރެފިއުޖީންގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދާ، އީޔޫ ގައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގައި ވަނީ ސުވާލު އުފެދިފަ އެވެ.