ދުނިޔެ

"ރަޝިއާ ގޭސް ބޭނުންނުކޮށް ޔޫރަޕަށް ފަރަކު ނުޖެއްސޭނެ"

ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއަށް ދަތި ކުރަން ކިތަންމެ ވަރަކަށް އެދުންވެެރިވި ނަމަވެސް، ޔޫރަޕް ގައުމުތަކަށް ރަޝިއާ ފޯރުކޮށް ދޭ ގޭސް ކަނޑާލަން ނުކެރޭނެ ކަމަށް އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާގީ ވިދާޅުވެއްޖެ އެވެ.

ޑްރާގީ ވިދާޅުވީ "ޔޫރަޕްގައި، އަހަރެމެންގެ ކިބައިގައި އެ ހިތްވަރު ނެތް" ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ރަޝިއާއަށް ދަތި ކުރުމަކީ ޔޫރަޕަށް އެއްވެސް ހެވެއް އޮތް ކަމެއް ނޫނެވެ. އޭނާ ވިދާޅުވީ ކޮންމެ މީހަކު ޕޯޑިއަމަށް އަރާފައި ރާޝިއާއަށް ދަތިކުރާ ވާހަކަ ދައްކާ ކަމަށާއި، އެއީ ކުރަން ކެރިދާނެ ކަމެއްތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލަން އެދިވަޑައި ގަންނަވާ ކަމަށެވެ.

ޑްރާގީ ވިދާޅުވި ގޮތުން ރަޝިއާގެ ރައީސް، ޕޫޓިން ހުންނެވީ މަޝްވަރާއަށް ތައްޔާރަށެވެ. އެ ފުރުސަތު ޔޫރަޕުން ބޭނުން ނުހިފައި ދޫކޮށްލަން ދައްކާނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅޫވި އެވެ.

"ޔޫރަޕަށް ވެސް ރަނގަޅު ގޮތަކީ މަޝްވަރާކުރުން،" ޑްރާގީ ވިދާޅުވި އެވެ. "ރަޝިއާ އެ ބުނާ އެއްޗެއް އަޑުއަހާލަށް އެއްމޭޒު ދޮށަށް ޖަމާވުމަށް ވުރެ ބުއްދިވެރި ގޮތެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ" ބޮޑުވަޒީރު ވިދާޅުވި އެވެ.

ރަޝިއާއިން ޖަރުމަނަށް ގޭސް ފޯރު ކޮށް ދިނުމަށް "ނޯޑް ސްޓްރީމް 2" ގެ ނަމުގައި ކަނޑުއަޑިން ދެ ގޭސްހޮޅި އޮތީ އަޅާފަ އެވެ. އެކަމަކު އަދި ބޭނުން ކުރާކަށް ނުފަށަ އެވެ.

ޖަރުމަނަށް ގޭސް ހޮޅި ހުޅުވާލެވެން އޮތީ ޔޫރަޕިއަން ޔޫނިއަންގެ އިދާރާތަކުން ހުއްދަަ ދިނުމުންނެވެ.

ނޯޑް ސްޓްރީމް 2 އަކީ ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލްގެ ވެރިކަމުގައި ކުރެއްވި ވަރަށް ބޮޑު އިންވެސްޓްމަންޓެކެވެ. އެހެން ނަމަވެސް މިހާރު ޖަރުމަނުގެ ސަރުކާރު ބަދަލުވެފައި އޮތުމުން ގޭސްހޮޅިތައް ހުޅުވާލައި ބޭނުން ކުރަން ފެށުން އޮތީ އާ ސަރުކާރުގެ އަތްމަތީގަ އެވެ.

ދުނިޔޭގެ މަޝްރަހަށް މިހާރު ފެތުރިފައި އޮތް ރަޝިއާ - ޔުކްރޭން މައްސަލާގައި ޖަރުމަނާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ބުރަވަނީ ޔުކްރޭން ކޮޅަށެވެ. އެމީހުން ބުނާ ގޮތުން ރަޝިއާއިން ކްރައިމިއާއަށް އަރައިގަތް ގޮތަށް ޔުކްރޭނަށް އަރައިގެންފާނެ އެވެ.

ރަޝިއާއިން ޔުކްރޭނަށް އަރައިފި ނަމަ ޔޫރަޕް ގައުމުތަކުން ނޯޑް ސްޓްރީމް 2 އަށް ނޫނޭ ބުނާނެ ކަމަށް ބުނާ ޚަބަރުތަކެއް ވެސް އޮތީ ފެތުރިފަ އެވެ. އިޓަލީގެ ބޮޑުވަޒީރު ބަސް ވިދާޅުވީ މި ވާހަކަތަކަށް ރިޔާއަތް ކުރައްވާފައި ކަމަށް ބެލެވެ އެވެ.